ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ބަލަނީ

ދުސްތޫރީ މައްސަލައެއްގައި ގޮތް ނިންމުމަށް ސުޕްރީމް ކޯޓުގައި މިއަދު ޝަރީއަތުގެ މަޖިލީހެއް ބާއްވަން ނިންމައިފި އެވެ.
ދައުލަތުގެ ފަރާތުން އެޓާނީ ޖެނަރަލް ހުށަހެޅުއްވި މިމައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައިވަނީ މިއަދު މެންދުރުފަހު 1:00 ޖަހާއިރު އެވެ. މިމައްސަލާގައި ދައުވާ ލިބޭ ފަރާތެއް ބުނެފައެއް ނުވެ އެވެ.
ދައުވާ ލިބޭ ފަރާތެއް ނެތް ގޮތަށް އެޓާނީ ޖެނަރަލް އޮފީހުން ހުށަހެޅި މައްސަލައިގެ އެއްވެސް މައުލޫމާތެއްް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް އިތުބާރުހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ ބައެއް މާއްދާތައް ބާތިލްކުރުމަށް ހުށަހަޅާފައިވާ މައްސަލަ އެކެވެ. ހާއްސަކޮށް އެ ގާނޫނުގެ 13 ވަަނަ މާއްދާގައި މަޖިލީހުގެ މެންބަރަކު ހައްޔަރުކުރާނަމަ ކޯޓު އަމުރު ހޯދަން ވާނީ ޕީޖީ އޮފީސް މެދުވެރިކޮށް ކަމަށް ބުނެފައިވާތީ އެ މާއްދާއާ މެދު ގޮތެއް ނިންމުމަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭޖީ އޮފީހާއި ސުޕްރީމް ކޯޓުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދައުވާ ލިބޭ ފަރާތެއް ސާފު ނުވާ ގޮތަށް ހުށަހަޅާ އެކްސްޕާޓޭ މައްސަލަ ތަކުގައި މީގެ ކުރިން ވެސް ސުޕްރީމް ކޯޓުން ގޮތްތަކެއް ނިންމާފައިވެ އެވެ.
މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި، ފަނޑިޔާރު އަބްދުﷲ އަރީފްއާއި، ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެވެ.
ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހްތިޞާސް ލިބިގެންވަނީ ސުޕްރީމް ކޯޓާއި ހައިކޯޓަށެވެ. މިފަދަ މައްސަލަތަކުގައި ގާނޫނެއް ނުވަަތަ ގަވައިދެއްގެ ބަޔަކީ ގާނޫނު އަސާސީއާ ހިލާފު މާއްދާތަކެއް ކަމާ މެދު ގޮތްތަކެއް ނިންމާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ