އެންމެ ކުޑަ އުޖޫރަ ލިބޭ މީހާ އަތުން ވެސް އިންކަމް ޓެކްސް ނަގަން ޖެހޭ- ގާސިމް

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިންކަމް ޓެކްސްގެ ބިލް ފާސްކުރެވިގެން ދާއިރު އެންމެނަށް ހަމަހަމަ ވާން ޖެހޭނެ ކަމަށާއި ވަކި ފަރާތަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އިންކަމް ޓެކްސް ނެގުމަކީ އޭނާ ތާއިދު ކުރައްވާ ކަމެއް ކަމަށާއި އެކަން ކުރަންޖެހޭނީ އިންސާފުވެރިކޮށް ކަމަށެވެ.
ގާސިމް ވިދާޅުވީ، ގާނޫނު އަސާސީގައި ހުރިހާ ރައްޔިތުން ހަމަހަމަ ވާން ޖޭހޭނެ ކަމަށެވެ. އަދި ގައުމު ބިނާ ކުރުމުގައި ވެސް އެންމެ ހަމަހަމަވާން ޖެހޭނެ ކަމަށެވެ.
“އިންތިހާބުތަކަށް ބަލާއިރު އެ އިންތިހާބުތަކުގައިވެސް ދިވެހި ކޮންމެ ރައްޔިތަކަށްވެސް ވޯޓުލުމުގެ ހައްގު ލިބިފައިވާނެ. އެކަމަކު ލެވޭނީ އެންމެ ވޯޓެއް. އެއީ ކިތަންމެ މުއްސަނދި އަދި ކިތަންމެ ނިކަމެތި މީހަކަސް ހުދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ލެވޭނީ އެންމެ ވޯޓެއް". ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ގާސިމް ވިދާޅުވީ، ގައުމު ތަރައްގީކުރުމުގައި މިއީ އެންމެންގެވެސް ގައުމު ކަމަށް ބަލަން ވާނެ ކަމަށާއި ކޮންމެ ފަރުދަކުވެސް އިންކަމް ޓެކްސް ނަގަންޖެހޭނެ ކަމަށެވެ ވަކި ބަޔަކު ބާކީ ކޮށްފައި ވަކި ބަޔަކު އިންކަމް ޓެކްސް ނެގުމަކީ އިންސާފެއް ނޫން ކަމަށާއި, އަދި އެންމެ ކުޑަ އުޖޫރަ ލިބޭ މީހާވެސް އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ސަރުކާރުން ހުށަހަޅާފައިވަނީ އަހަރެއްގެ މައްޗަށް 480،000 ރުފިޔާ އަށްވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސް ނެގުމަށް ކަމަށެވެ. އެގޮތުގެ މަތިން ސަރުކާރުގެ ފަރާތުން އިންކަމް ޓެކްސް ބިލް ހުށަހަޅާފައިވަނީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ނެގުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ