ޕީޕީއެމަށް ބާޒެއް ބޭނުންވޭ، ލީޑަޝިޕްގެ ދޮރުހުޅުވާލައިފި ނަމަ ތައްޔާރު: އުމަރު

ޒިންމާދާރު، ހަރުދަނާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ސިޔާސީ މަސްރަހުގައި ޕީޕީއެމް ރުކުރުވާލުމަށް އެ ޕާޓީ އަށް ވަރުގަދަ ބާޒެއް ނުވަތަ ސިންގާއެއް ބޭނުންވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ލީޑަޝިޕުން އޭނާ އަށް ފުރުސަތެއް ލިިބިއްޖެ ނަމަ އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވެސް އުމަރު އެއްބަސްވެވަޑައިގަތެވެ.
ސީއެންއެމްގެ ޕްރޮގްރާމެއްގައި އުމަރު ސިފަކުރެއްވި ގޮތުގައި ސިޔާސީ މަސްރަހުގައި ޕީޕީއެމް އޮތީ ހަރަކާތް ހުސްވެފަ އެވެ. ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމުން، އެމަނިކުފާނު މިނިވަންކުރަން "ފިނި ކޮޓަރީގައި" ތިބެ ވާހަކަ ދެއްކުމަކީ އެކަށީގެންވާ ގޮތުގައި އެ މަސައްކަތް ކުރުން ކަމަކަށް އުމަރު ގަބޫލެއް ނުކުރައްވަ އެވެ.
އުމަރު ވިދާޅުވީ އެ މަސައްކަތާއި ޕީޕީއެމްގެ މުޅި މަންޒަރު ބަދަލުކުރަން ވެސް ބޭނުންވަނީ އެކަން ކުރެއްވޭ ވަރުގެ ލީޑަރެއް ކަމަށެވެ.
"އެ ބޭފުޅުންނަށް ބޭނުންވަނީ ވަރުގަދަ ބާޒެއް، އެ ބޭފުޅުންނަށް ބޭނުންވޭ ސިންގާއެއް. ބާޒެއް ނުވަތަ ސިންގާއެއް އެ ބޭފުޅުން ގޮވައިގެން ލީޑުކޮށްގެން މަގުމައްޗަށް ވެސް ނުކުންނަން ޖެހޭ ނުކުންނަން ޖެހިއްޖިއްޔާ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމަށް ބާޒެއް ބޭނުންވާ ކަމަށް އުމަރު މި ވިދާޅުވީ ދުރުގައި ތިބި މިނިކާ ބާޒުތަކެއް ޕީޕީއެމް ޖަހައިގަތުމުގެ ފުރުސަތު ނުދެއްވަން ޔާމީން ވިދާޅުވުމާ ގުޅިގެން، އެ ވާހަކަފުޅު އުމަރާ ގުޅުވައި ޕީޕީއެމްގެ އިސް ފަރާތްތަކުން ރައްދު ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. ޕީޕީއެމްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އަދި ޕާޓީގެ ރައީސަކީ ވެސް ޔާމީން ކަމަށާއި އެ ފުރުސަތު އެހެން ބޭފުޅަކަށް ނެތް ކަމަށެވެ.
ޕީޕީއެމުން މިހެން ބުނެފައި އޮތަސް އުމަރު މިރޭ ވިދާޅުވީ ޕީޕީއެމުން އޭނާ ފެނުން އެކަށީގެންވާ ކަމަށެވެ. އެކަމަކު، މިވަގުތު، އެ ޕާޓީގެ ލީޑަޝިޕްގެ ދޮރު އޮތީ ބަންދުކޮށްފައި ކަމަށާއި ފުރުސަތު ހުޅުވާލައިފި ނަމަ އެތެރެއަށް ވެންނެވުމަށް ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވި އެވެ.
"ޕީޕީއެމްގެ ލީޑަޝިޕްގެ ދޮރު ބަންދުކޮށްފައި އޮތްހާ ހިނދަކު އަޅުގަނޑު މަސައްކަތެއް ނުކުރާނަން ދޮރު ފަޅާފައި ވަންނާކަށެއް. އަދި ދޮރު ކައިރީގައި ހުރެ ޓަކި ޖަހައި އެފަދަ ކަމެއް ވެސް ނުކުރާނަން،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމް އުފެއްދި ތިން ބޭފުޅުންގެ ތެރެއިން އެކަކީ އޭނާ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ. އޭނާގެ އޮފީހުގެ މޭޒުމަތީގައި އަސާސީ ގަވާއިދު ލިއެގެން އުފެއްދި ޕާޓީ އުފެއްދެވުމުގައި ދެން އިސްކޮށް އުޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަމަށް ވިދާޅުވި އެވެ.
ސިޔާސީ ދާއިރާގައި 15 އަހަރު ހޭދަކުރެއްވި އުމަރު ވިދާޅުވި ގޮތުގައި އޭނާ އަށް މިހާތަނަށް ތަޖުރިބާ ކުރެއްވުނު ގޮތުން، ޔާމީނާއި މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ފަހަތްޕުޅުގައި ހުންނަވައިގެން މަސައްކަތް ކުރައްވަން ބޭނުންފުޅެއް ނުވެ އެވެ. ބޭނުންވަނީ "ވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަން" ކަމަށް ވިދާޅުވި އެވެ.
"އެހެން މަސައްކަތް ނުކުރެވެންޏާ ނުކުރާނަން އަޅުގަނޑު އިނގޭތޯ،" އުމަރު ވިދާޅުވި އެވެ.
"ޕީޕީއެމްގެ ލީޑާޝިޕްގެ ދޮރު ހުޅުވައިފިއްޔާ އިންތިޚާބުގެ ތެރެއަށް ވަދެ އަޅުގަނޑު ވާދަކުރާނަން."
އޭނާ މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި، އޭނާ ރާއްޖެ އަށް ގެންނަން ބޭނުންވާ ހެޔޮ ބަދަލު ގެނެސްދެއްވޭނެ ފަދަ އެއްވެސް ލީޑަރަކު ނެތެވެ. ރާއްޖޭގެ އަމަންއަމާންކަން އޭނާ ވަކާލާތު ކުރައްވާ ގޮތަށް، ގާާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވާން ކެރިވަޑައިގަންނަވާނެ ލީޑަރަކީ ކޮބައިތޯ އުމަރު ސުވާލު އުފެއްދެވި އެވެ. މަސްތުވާތެކެތި ނައްތާލަން ވަރުގަދަ ފިޔަވަޅު އެޅުމާއި ގަވާއިދާ ޚިލާފަށް އުޅޭ 67،000 އަށް ވުރެން ގިނަ ބިދޭސީން ހަމައަކަށް އަޅުވަން ކެރިވަޑައިގަންނަވާނީ ކޮން ބޭފުޅަށްތޯ ވެސް އެއްސެވި އެވެ.
ރާއްޖޭގައި މިހާރު ތިބި އިންޑިއާގެ ސިފައިން ބާލާނަމޭ ވިދާޅުވާން ކެރިވަޑައިގަތް ސިޔާސީ ލީޑަރަކީ ވެސް ކޮބައިތޯ އުމަރު ސުވާލު ކުރެއްވި އެވެ.
އުމަރުގެ އަނެއްކާވެސް ދެކެވަޑައިގަންނަވާ ހުވަފެނަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ކާމިޔާބު ކުރެއްވުމެވެ. އެއީ ޕީޕީއެމްގެ ތެރެއިން ނުވަތަ ސިޔާސީ ޕާޓީއެއް އަލުން އުފައްދަވައިގެން ނަމަވެސް އުމަރުގެ ވިސްނުންފުޅަކީ 2023 ގައި ދޫނުދެއްވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ