މެޗުގެ ޓިކެޓު ވިއްކައިގެން ލިބޭ ފައިސާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެނީ

މާދަމާރޭ ކުޅުމަށް ހަމަޖެހިފައިވާ ޕީޕަލްސް ކަޕް ފައިނަލް މެޗުގެ ޓިކެޓު ވިއްކައިގެން ލިބޭ ފައިސާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިނުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ރާއްޖޭގެ މާޒިޔާ އާއި މެލޭޝިއާގެ ޕީޑީއާރުއެމްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9 ޖަހާއިރު ގައުމީ ފުޓްބޯޅަ ދަނޑުގައިއެވެ.
މެޗްތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ސިޑިބަރިން 10 ރުފިޔާ އަދި ގޮނޑިބަރިން 25 ރުފިޔާއަށެވެ.
މި މުބާރާތުގައި މިފަހަރު ވާދަކޮށްފައިވަނީ މާޒިޔާ އާއި ޕީޑީއާރުއެމްގެ އިތުރުން ސިންގަޕޯ ލަޔަންސް އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ.
މާޒިޔާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސިންގަޕޯ ލަޔަންސް އަތުން 2 - 1 އިން މޮޅުވެ، ޕީޑިއާރުއެމް އަތުން 2 - 2 އިން އެއްވަރުވެ، ނިއުރޭޑިއަންޓު އަތުން 0 - 0 އިން އެއްވަރުވެގެންނެވެ. ޕީޑީއާރުއެމް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ނިއުރޭޑިއަންޓު އަތުން 1 - 0 އިން މޮޅުވެ، މާޒިޔާ އަތުން 2 - 2 އިން އެއްވަރުކޮށް، ސިންގަޕޯ ލަޔަންސް އަތުން 1 - 0 އިން މޮޅުވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ