ޖުމްހޫރީ ޕާޓީއާ ގުޅުނީ މުސްތަގުބަލަށްޓަކައި: މެމްބަރު ހުސެން މަނިކު

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ މުސްތަގުބަލަށްޓަކައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު ވިދާޅުވެއްޖެއެވެ.
ހުސައިން މަނިކު ދޮންމަނިކު ޖުމްހޫރީ ޕާޓީ ގުޅިވަޑައިގަތުމަށް މިރޭ ކުނޫޒްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ޕީޕީއެމްއަށް ވެރިކަން ހޯދައިދިނުމަށް ވެސް މަސައްކަތް ކުރެވިއްޖެ ކަމަށާއި ވޭތުވެދިޔަ ދުވަސްތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ނަމަވެސް އެ ޕާޓީގައި ހުރެގެން މުސްތަގުބަލު ފެންނަން ނެތް ކަމަށާއި ޖޭޕީއާ ގުޅިވަޑައިގަންނަވަން ޖެހުނީ މުސްތަގުބަލަށްޓަކައި ކަމަށެވެ.
ހުސައިން މަނިކު ދޮންމަނިކު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ ގުޅިގެން ކުރާނެ މަސައްކަތަކީ ޖުމްހޫރީ ޕާޓީ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި އަޒުމަކީ މިއަދުގެ ރައީސްގެ ޒައާމަތް ކުރިއަށް ގެންދިއުން ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރު ފުރިހަމަވަންދެން އަދި އެއަށް ފަހުވެސް ތިއްބަވާނީ ރައީސްގެ އަރިހުގައި ކަމަށެވެ. ގައުމާއި ދާއިރާއަށްޓަކައި ރާވާފައިވާ ކަންކަން ކުރިއަށް ގެންދިއުމަށް ޖުމްހޫރީ ޕާޓީ އޮންނާނީ އަބަދުވެސް ރައީސްއާއެކު ކަމަށް ހުސައިން މަނިކު ދޮންމަނިކު ވިދާޅުވިއެވެ.
ހުސައިން މަނިކު ދޮންމަނިކު ވަނީ ސަރުކާރަށް 36 އަހަރު މަސައްކަތް ކުރައްވައިފައެވެ. މިރޭ ހުސައިން މަނިކު ދޮންމަނިކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ