އަބުޅޯ ޖެޕީ އިން ވަކިވީ ތިނަދޫގެ ޕްރޮޖެކްޓްތައް އޭރުގެ ސަރުކާރުން ހިފެހެއްޓުމުން: ގާސިމް

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގަތީ ތިނަދޫގައި އޭރުގެ ސަރުކާރުން ހިންގަމުން ގެންދިޔަ ޕްރޮޖެކްޓުތައް ހިފެހެއްޓުމުން ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އަބުޅޯ އާއި އިތުރު މެމްބަރަކު ޖޭޕީއަށް ސޮއިކުރެއްވުމަށް މިރޭ މާފަންނު ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ތިނަދޫ ގައި ހިންގަމުން ދިޔަ ޕްރޮޖެކްޓްތައް އެއްވެސް ފައިސާއެއް ނުދީ އެ ޕްރޮޖެކްޓްތައް 2014 ވަނަ އަހަރު ކުރީގެ ސަރުކާރުން ހިފެހެއްޓި ކަމަށެވެ. "ތިނަދޫގައި ހިންގަމުން ދިޔަ ޕްރޮޖެކްޓްތައް ފައްޓަވައިފަ، އެއްވެސް އެއްފައިސާއެއް ނުދީ ތާށިކޮށްލުމުގެ ސަބަބުން. އެ ޕްރޮޖެކްޓްތައް ހިންގެވުމަށްޓަކައި، ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި އެނޫން އެވެސް ގޮތެއް ނެތިގެން ޖޭޕީއާ ވަކިވެގެން ދިޔަ ބޭފުޅެއްކަން ތިބޭފުޅުންނަށް އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން،" އަބުޅޯ ޖެޕީ އިން ވަކިވެވަޑައިގަތް ސަބަބު ބަޔާންކޮށް އެ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވި އެވެ. އަބުޅޯ ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމަށް ބޭއްވި ރަސްމިޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާހަކަ ދައްވަނީ: އޭނާ ވިދާޅުވީ އަބުޅޯ ޖޭޕީ އިން ވަކިވީ ތިނަދޫގެ ޕްރޮޖެކްޓްތައް އޭރުގެ ސަރުކާރުން ހިފެހެއްޓުމުން ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ ގާސިމް ވިދާޅުވީ އެކަން ހިންގައި ދިޔައީ ޖޭޕީ އަށް އެނގިވަޑައިގެން ކަމަށާއި އެ ވަގުތު އެވާހަކަ ރައްޔިތުންނާ ހިއްސާ ކުރެވުމަކީ ކުރެވެން އޮތްކަމަށް ނުވާތީ އެ ވާހަކަ ހިއްސާ ނުކުރެއްވީ ކަމަށެވެ. އެ ވާހަކަ ހިއްސާކުރުމުން އެ ޕްރޮޖެކްޓްތައް ވެސް ހުއްޓޭނެ ކަމަށް ވާތީ އެ ވާހަކަ ހިއްސާ ނުކުރީ ކަމަށް އެނާ ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ އަބުޅޯ އެކަން އެގޮތަށް ކުރެއްވީ ތިނަދޫ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. ގާސިމް ދެއްކެވި ވާހަކަތަކަށް ބާރު ދެއްވައި އަބުޅޯ ވިދާޅުވީ، ޕާޓީ ބަދަލު ކުރުމަކީ އޭނާގެ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި ޖެޕީ އިން ވަކިވެ ޕީޕީއެމްއާ ގުޅުނީ މަޖުބޫރުވެގެން ކަމަށެވެ. "އަޅުގަނޑު ތިނަދޫ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑަށް މަޖުބޫރުވީ. އަޅުގަނޑު ހުރި ޕާޓީ އިން ވަކިވެ އޭރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އާ ގުޅެން. މިއަދު އެ ރައްޔިތުން ގަބޫލުފުޅު ކުރައްވާނެ، ކުރީގެ 25 އަހަރު ނުވެފަ ހުރި ކަންތަކެއް [ތަރައްގީ މަޝްރޫއުތައް] އަޅުގަނޑު އެކަން ނިންމަވައި ދީފިކަން. އަޅުގަނޑުގެ ސިޔާސީ ހަޔާތް ގުރުބާން ކުރީ އެ ކަމަށްޓަކައި،" އަބުޅޯ ވިދާޅު ވިއެވެ. އަބުޅޯ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ: އެނާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ އަބުޅޯ އިތުރަށް ވިދަޅުވީ، ޖޭޕީއާ މިރޭ ގުޅިވަޑައިގަތީ ސަރުކާރު ކޯލިޝަންގެ ހަތަރު ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވެރިކަން ދެމެހެއްޓެމަށް ކުރެވެން ހުރި ހުރހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އެނާ ވިދާޅުވީ ޖެޕީގައި ހުއްޓަސް އިސްކުރާނީ ގައުމާއި، ރަށާއި، ދައިރާގެ ތައްރައްގީ ކަމަށާއި އަދި އޭނާ އިއްވާނީ އެދާއިރާ ރައްޔިތުންގެ ބަސް ކަމަށެވެ. "އެ މާ އަޅުގަނޑަކަށް ބިދެވޭކަށެއް ނެތް. މި މާ އެއްލާލެވޭކަށެއް ނެތް، އަދި މި ހަތަރު މާ އެކީގައި ބިދެވޭކަށެއްވެސް ނެތް. އެކަމަކު އަޅުގަނޑު މި މާލުގެ ގުލްދާސްތާތަކުގެ ތެރެއިން، ރަތް މާ މި ހިޔާރު ކުރީ މި ގައުމަށްޓަކައި،" ޅެންބައިތަކުން އަބުޅޯގެ ވާހަކަ ނިންމަވާލަމުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ