ޕާޓީތަކުގެ މެދުގައިއޮތް އެކުވެރިކަމާއި ބަދަހިކަން ނަގާލުމަށް ބަޔަކު ފާޑުކިޔައި ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަމަކުން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީސް ކުނޫޒުގައި މިއަދު ބޭއްވި ރަސަމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، ސޯޝަލް މީޑިއާގައި ބަޔަކު ފާޑުކިޔައި ވާހަކަތަކެއް ފަތުރަމުންދިޔަ ކަމުގައިވިޔަސް އޭގެ ސަބަބުން ޖުމްހޫރީ ޕާޓީގެ އަޒުމަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީއަކީ މޭވާއަޅާ ގަހެއްގެ ގޮތުގައި ސިފަކުރައްވައި ގާސިމް ވިދާޅުވީ މޭވާ ނެތް ގަހަކާ ދިމާއަށް ބަޔަކު ގަޅިއެއްވެސް ނޫކާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ ކަމެއްނުވާ އާދައިގެ ޕާޓީއެއްނަމަ އެވަރަށް ބައެއްގެ ފާޑުކިޔުން އަމާޒު ނުވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ގާސިމް އިބްރާހިމް ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ ވާހަކަތައް ދައްކަމުންދާތީ އެކަމަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ކޯލިޝަން ދެމެއްހެއްޓުމަށްޓަކައި މަސައްކަތްކުރާ އެންމެ ފަހުމީހާއަށް ވީކަމުގައި ވިޔަސް އެގޮތުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއްނަމަ އެކަން އެންމެނަށްވެސް ފެނި ހާމަވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އިއްޔެ ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅޭފަދަ ގޮތްގޮތަށް ބައެއް ނޫސްތަކުން ރިޕޯޓުކޮށް ހަގީގަތް ބަލާނުލާ ގިނަ ބައެއް ފަރާތްތަކުން އެކަމަށް ފާޑުކިޔަމުންދާތީ ގާސިމް އިބްރާހިމް ވަނީ އެކަންވެސް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
ގާސިމް ވިދާޅުވީ ކޯލިޝަނެއް ހަދައި ރައްޔިތުން ކުރިމަޗަށް ގެނައުމުން އެކަމަށް ތާއިދުކުރި ހަތަރު ޕާޓީގެ ފަރާތުން އިސްކުރި ލީޑަރަކު ރައްޔިތުންގެ ވޯޓުން ވެރިކަމަށް ހޮވުމަށްފަހު ކޯލިޝަން ރޫޅޭނެ ފަދަ ހަގީގަތެއް ނެތް ވާހަކަތައް ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކުން ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާކަމަށް ބުނާ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންތަކަކާއި އަދި އެނޫންވެސް، މީގެކުރިން ޕީޕީއެމަށް ތާއީދުކުރި ގިނަ ސިޔާސީ ފަރާތްތަކެއް ފަހަކަށް އައިސް ޖުމްހޫރީ ޕާޓީއާ ގުޅެމުން އަންނާތީ އެކަމަށް ފާޑުކިޔައި ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައާގައި ފާޑުކިޔަމުންނެވެ. ޖުމްހޫރީ ޕާޓީން މަސައްކަތް ކުރަމުންދަނީ ކޯލިޝަން ރޫޅާލުމަށް ކަމަށްބުނެ ޖުމްހޫރީ ޕާޓީއަށް "ކުނިހޮވާ ޕާޓީ" ގެ ނަމުން މުޚާތަބުކޮށް ކޯލިޝަނަށް ތާއީދުކުރާ ބައެއް ފަރާތްތަކުންވެސް ގެންދަނީ ފާޑުކިޔަމުންނެވެ.
އަމާޒަކީ ކޯލިޝަން ދެމެހެއްޓުން، ފާޑުކިޔަސް އަޒުމު ނުގުޑާނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ