ރިޔާސީ އިންތިހާބުގެ ނަތީޖާއި އާއި މެދު ރައީސް އަބްދުﷲ ޔާމީން ސުވާލު އުފެއްދުމުން ކޯޓުތަކާއި ފުލުހުންނާއި، ސިފައިން ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމާމެދު ގާނޫނީ ވަކީލް މައުމޫން ހަމީދް ސުވާލު އުފައްދަވައިފިއެވެ.
ރިޔާސީ އިންތިހާބުގެ އިންސާފުވެރިކަމާއި މެދު ރޭ ރައީސް ޔާމީން ސުވާލު އުފެއްދުމާއި ގުޅިގެން މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް ޗެލެންޖު ކުރެވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމަށެވެ.
" ފެބުރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކާ އިއުލާން ކުރެއްވީ ވެސް ގާނޫނީ އިމުގެ ބޭރުން. ރިޔާސީ އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުން ފުލުހުންނާއި، ސިފައިންނާއި އަދި ޖުޑިޝަރީއިން ދަމަހައްޓާނެ ކަމާ މެދު ސުވާލު އުފެދޭ" މައުމޫން ހަމީދުގެ ޓުވީޓުގައި ވެއެވެ.
ރޭ ޕީޕީއެމްގެ އޮފީސް ކައިރީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިހާރު ލަފާކުރެވޭ ގޮތުގައި 96000 ވޯޓަކީ އެމަނިކުފާނަށް ލިބުނު މިނިމަމް ވޯޓްގެ އަދަދު ކަމަށެވެ. ނަމަވެސް އަދިވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ހަމަ ހަގީގަތުގައިވެސް ހިތާ ހިތާ އެބަ ސުވާލު ކުރަން ޖެހޭ މިއީ ހަމަ އަސްލުވެސް އަޅުގަނޑުމެންނަށް ލިބުނު ވޯޓްހެއްޔޭ؟ މިތަނުގައި މި އިވޭ ޝުއޫރަކީ މިއީ. ހަމަ ހަގީގަތުގައި ވެސް އަޅުގަނޑަށް ގަބޫލު ކުރެވޭ މިއަށް ވުރެ ގިނައިންނޭ އަޅުގަނޑަށް ވޯޓް ލިބޭނީ. އީސީއިން ވަކި ގޮތަކަށް މި މައްސަލައިގައި ޖަވާބު ދޭން ޖެހެންދެން އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް އެބަ ގެންދަން ޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމް އިން މިހާރު ގެންދަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންނެވެ. އެތުހުމަތުތަކަށް ބާރު ލިބޭ އޯޑިއޯއެއް އިއްޔެ ވަނީ މީސް މީޑިއާގައި ލީކް ކޮށްލާފައެވެ. ލީކް ކޮށްލާފައިވާ އޯޑިއޯގައި ވާހަކަ ދައްކަވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އެހެން މީހެކެވެ.
ރައްޔިތުންގެ ނިންމުން ދަމަހައްޓާނެ ކަމާމެދު ސުވާލު އުފެދޭ - މައުމޫން ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ