ކުޅުދުއްފުށީ ޕްރީ ސްކޫލް ފަޅާލައި އަށް ހާހަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓު ކުރީ މިއަދު ހެނދުނު ކަމަށެވެ. އަދި ފުލުހުން މިހާރު އެ ސްކޫލްގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މިހާތަނަށް އެނގިފައިވާ ގޮތުގައި އަށް ހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށެވެ. ނަމަވެސް ސީދާ އަދަދު އަދި ނޭގޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
ކުޅުދުއްފުށީ ކައުންސިލް އިދާރާ އިން ބުނީ އެ އިދާރާ އިން ހިންގަމުން ގެންދާ އިރުމަތީ އަވަށު ޕްރީސްކޫލްގެ އޮފީސްބައިގެ ކުޑަ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގިނަ އަދަދެއްގެ ރުފިޔާ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެތަނުން ވައްކަން ކުރިކަން އެނގުނީ މިއަދު ހެނދުނު މަސައްކަތު މީހުން ސްކޫލްތެރެ ކުނިކަހަން ދިޔައިރު ކަމަށް ވެސް ކައުންސިލް އިދާރާ އިން ބުނެ އެވެ.
އެއްވެސް ސެކިއުރިޓީއެއް އެ ސްކޫލް ތެރޭގައި ނުހުންނާނެ ކަމަށް ކައުންސިލް އިދާރާ އިން ބުނެ އެވެ.
ކުޅުދުއްފުށީ އިރުމަތީ އަވަށު ޕްރީ ސްކޫލްގައި އަންނަ އަހަރުން ފެށިގެން 200 އެއްހާ ކުދިން ކިޔަވަން ފަށާނެ އެވެ.
ކުޅުދުއްފުށީ ޕްރީ ސްކޫލް ފަޅާލައި އަށް ހާހަށް ވުރެ ގިނަ ރުފިޔާ ވަގަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ