ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަން ހުށަހަޅާނަން: ވަކީލުން

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފް ބަލައިނުގަތުމަށް، ސުޕްރީމް ކޯޓުން އިއްޔެ ނިންމި ނިންމުން އަލުން ބަލައިދޭން އެދި ހުށަހަޅާނެ ކަމަށް އެބޭފުޅުންގެ ވަކީލުން ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލާން ކުރި ހުކުމް ރަނގަޅު ކަމަށް ނިންމައި، ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެ ބޭފުޅުން ހުށަހެޅި އިސްތިއުނާގެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން، ފަނޑިޔާރެއްގެ މައްޗަށް ކިތަންމެ ކުޑަ ކުށެއް ސާބިތުވެގެން ނަމަވެސް އިސްތިއުނާފުގެ މަރުހަލާ ނިމިއްޖެ ނަމަ ފަނޑިޔާރުކަން ގެއްލޭތީ، ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު، ފަނޑިޔާރު ކަމުން އެ ބޭފުޅުން ވަނީ ވަކިވެފަ އެވެ.
އެކަމަކު އެ ދެ ބޭފުޅުންގެ ވަކީލުން ނެރުއްވި ބަޔާނެއްގައި ވަނީ އެ ބޭފުޅުން އަދިވެސް މަގާމުން ވަކިނުވާ ކަމަށާއި، އެ ދެ ބޭފުޅުންގެ އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ރަޖިސްޓްރާ ކަމަށާއި އަދި ރަޖިސްޓްރާ ނިންމުން އަލުން ބަލައި ދިނުމަށް އެދި ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެ ނިންމުން އަލުން ބަލައިދިނުމަށް އެދި އެ ދެ ބޭފުޅުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ވަކީލުންގެ ބަޔާނުގައިވާ ގޮތުން އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅި ނުކުތާތަކުގެ ތެރޭގައި ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުދިނުމާއި ވަކީލުންގެ އެހީތެރިކަން ނުލިބުމުގެ އިތުރުން ގާނޫނާ ހިލާފަށް އަޑުއެހުންތައް ހިންގާފައިވާ މައްސަލަތައް ފާހަގަކޮށް ކަމަށެވެ. އެކަމަކު އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ އެކަންކަމަށް ރިއާޔަތް ނުކޮށް ކަމަށް އެ ބަޔާނުގައިވެ އެވެ.
ވަކީލުން އެގޮތަށް ވިދާޅުވިޔަސް، ސުޕްރީމް ކޯޓުގެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފް މައްސަލަ ބަލައިނުގަތުމަށް ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. ނަމަވެސް 22/2010 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 24 ވަނަ މާއްދާގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 19 ވަނަ މާއްދާ ބުނާ ގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައިގަތުމާ މެދު ވަކި ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ، ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އަށެވެ. އަދި ރަޖިސްޓްރާގެ ނިންމުން އަލުން ބަލައިދިނުމަށް އެދި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމަށް ދިވެހިރާއްޖޭގެ ކޯޓު =ތަކުގެ ގާނޫނުގެ 25 ވަނަ މާއްދާ ބުނާ ގޮތުން އެއްވެސް ހުރަހެއް ނެތެވެ.
ދަށު ކޯޓުގެ ގާޒީންތަކަކަށް ނުފޫޒު ފޯރުވި ކަން ސާބިތުވެ އެ ދެބޭފުޅުންގެ މައްޗައް އިއްވީ، އެއް އަހަރާއި ދެ މަހާއި ބާރަ ދުވަހުގެ ޖަލު ހުކުމެކެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް އިތުރު ޖަލު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފުގެ މަރުހަލާތައް އަދި ނުފެށެ އެވެ. އަދި އެ ދެ ބޭފުޅުންނަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ