އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ބަދަހިކުރުމަށް ރާއްޖޭން ސާބިތުވެ އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އޯއައިސީގެ މެންބަރު ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހިމެނުނުތާ 50 އަހަރު ފުރުމާ ގުޅިގެން ފޮނުއްވި މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިިއްޒުގެ މެސެޖުގައި ވަނީ، މުސްލިމު ޤައުމުތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގައާއި، ދުނިޔެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އިސްލާމީ އުއްމަތް ސަލާމަތްކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގައި އޯއައިސީން އަދާކުރަމުންދާ ދެމެހެއްޓެނިވި ދައުރުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އަދި ބައިޤަރުނު ފާއިތުވެގެން ދިޔައިރުވެސް، ބައިނަލްއަޤްވާމީ އިސްލާމީ މުޖުތަމަޢުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމުގެ މުހިންމުކަން ކުޑަނުވާކަން ފާހަގަކުރައްވައި، އަދުގެ ދުނިޔޭގައި އެ ޖަމާޢަތުގެ މުހިންމުކަމާއި ބޭނުންތެރިކަން ދެމިއޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޯއައިސީ އުފެދުނުތާ ދިހަ އަހަރު ނުވަނީސް، 20 ޖުލައި 1976 ގައި އެ ޖަމާޢަތުގެ މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖެ ބަލައިގަތުމުގެ ހަނދާންތައް އައު ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވީ މިއީ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލަށް އިޙްތިރާމް ކުރުމާއި، އެއްބައިވަންތަކަމާއި، މެންބަރު ޤައުމުތަކުގެ ތަރައްޤީއަށް އެއްބާރުލުން ދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ފެށުން ކަމަށެވެ.
ފާއިތުވި 50 އަހަރުގެ ތެރޭގައި އިސްލާމިކް ސަމިޓުތަކުގައާއި، ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ ބައްދަލުވުންތަކުގައާއި، އެނޫންވެސް މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެ، އޯއައިސީގެ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ފުޅާދާއިރާއެއްގައި ޙިއްޞާވެފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ނޭދެވޭ ބަދަލުތަކުން އަރައިގަތުމާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިސްލާމިކް ފައިނޭންސް އަދި އޯއައިސީގެ މަސައްކަތްތައް ހަރުދަނާކުރުން ފަދަ މުހިންމު ކަންކަމުގައި ދިވެހި ޑިޕްލޮމެޓުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި އޯއައިސީއާ ދެމެދު އޮންނަ ގުޅުމަކީ، ހަމައެކަނި ޢާންމު އުޞޫލުން އޮންނަ އާދައިގެ ގުޅުމަކަށްވުރެ ހަރުދަނާ ގުޅުމެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެ ޖަމާޢަތުން ކުރިއަރުވާ އިސްލާމީ އުޞޫލުތަކާއި އިންސާފުވެރިކަމަކީ ދިވެހި ރައްޔިތުންގެ ހިތްތަކާ ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ. އެގޮތުން ފަލަސްޠީނު ރައްޔިތުންގެ ނިގުޅައިގަނެވިފައިވާ ޙައްޤުތަކަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި ވަކާލާތު ކުރަމުންދާ ދިއުމާއި، ރޮހިންޔާ މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މުސްލިމު މުޖުތަމަޢުތަކަށް އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ގޮވާލަމުންދާ ގޮވާލުންތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އޯއައިސީގެ މަޤުސަދުތައް ހާސިލުކުރުމަށާއި މެންބަރު ޤައުމުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޢަމަލީގޮތުން ހާލަތާއި ވަގުތާ ގުޅޭ އަދި ނަތީޖާ ނެރެދެވޭނެ ޙައްލުތަކެއް ހޯދުމުގެ މުހިންމުކަންވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރެއްވިއެވެ.
"އޯއައިސީ ޤައުމުތަކުގައި އެއްބައިވަންތަކަން ބަދަހިކުރަން ރާއްޖެއިން ސާބިތުވެ އޮންނާނެ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ