އިސްދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް

ލ.އިސްދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށްޓަކައި 360 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ގެނައުމަށް ކޮންޓްރެކްޓަރާއި ހަވާލުކުރައްވައިފިއެވެ.
މިއަދު ފެނަކަ ކޯޕަރޭޝަންގައި ކުރިޔަށްގެންދެވި ރަސްމިޔާތެއްގައި ލ.އިސްދޫއަށް ގެނައުމަށް ހަމަޖެހިފައިވާ ޖަނެރޭޓަރ ގެނައުމަށް ހަވާލުކުރައްވާފައިވަނީ ޔުނި އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 1 ދުވަހުގެ ތެރޭގައި ޖަނަރޭޓަރ އެރަށަށް ގެންގޮސްދޭގޮތަށެވެ. އެހެންކަމުން މިއަންނަ އާދީއްތަ ދުވަހު އިސްދޫއަށް މިޖަނެރޭޓަރ ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ މިއަންނަ ހަފްތާގެ ތެރޭގައި އިސްދޫއާއި ހަމައަށް ޖަނެރޭޓަރ ފޯރުކޮށްދެއްވާ، އިންސްޓޯލްކޮށް، އޭގެ ޚިދުމަތް ރައްޔިތުންނާއި ހަމައަށް ލިބޭނެކަމުގެ އުއްމީދު އެބައޮތްކަމަށެވެ.
"އިސްދޫގައި ސަތޭކަ ފަސްދޮޅަހުގެ ޖަނަރޭޓަރަކާއި އައްޑިހައިގެ ޖަނަރޭޓަރެއް އިންނާނެ. ފަސްދޮޅަހުގެ ޖަނަރޭޓަރުގަ އިއްޔެ މައްސަލަޖެހުނީ. އެހެންވީމަ ތިންސަތޭކަ ފަސްދޮޅަހުގެ ޖަނަރޭޓަރ ލިބުނީމަ 3 ޖަނަރޭޓަރ އެރަށުގައު ހުންނާނެ. އެހެންވީމަ އެކަތި ބެކަޕް ޖަނަރޭޓަރެއްގެ ގޮތުގައި ބޭނުންކުރެވޭނެ" ޝަރީފް ވިދާޅުވިއެވެ.
މި ޖަނަރޭޓަރ ލިބުމުން އިސްދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. ފެނަކައިގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފެވެ. އަދި ޔުނި އިންޖިނިއަރިންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ގައިސް އިސްމާއިލްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ