ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރަން ނިންމައިފި
ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބަދަލު ކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސެސް އިން ނިންމައިފި އެވެ. މިއަދު ކަރެކްޝަންސްގެ އިންފޮމޭޝަން އޮފިސަރު "ސަން" އަށް ވިދާޅުވީ ރައީސް މައުމޫން ދޫނިދޫއަށް ބަދަލު ކުރަން ނިންމާފައި ވަނީ ޖަލުތަކާއި ޕެރޯލުގެ ގާނޫނުގެ 46 ވަނަ މާއްދާގައިވާ ފަދަ ހާއްސަ ހާލަތެއް ކުރިމަތުވުމުން ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ދޫނިދޫއަށް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް މައުމޫން ދަނީ "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ނަމަކަށް ކިޔާ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެ މި ހަފްތާގެ ތެރޭގައި މާފުށީ ޖަލަށް ޑޮކްޓަރުން ވެސް ފޮނުވާފައިވެ އެވެ. ރައީސް މައުމޫންގެ ވަކީލު މުހައްމަދު ފައިސަލް މިއަދު "ސަން" އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު އަނެއްކާ ވެސް ރައީސް މައުމޫންއަށް ވާޓިގޯ އެޓޭކެއް ކުރިމަތިވި ކަމަށެވެ. އަދި އެކަމަށް ފަރުވާ ދެމުންދާ އިރު މިހާރު އެމަނިކުފާނު ބާއްވާފައި އޮތީ 48 ގަޑިއިރުގެ އޮބްސަވޭޝަންގައި ކަމަށް އޭނާ ވިދާޅުވި އެވެ. ފައިސަލް އިތުރަށް ވިދާޅުވީ ރައީސް މައުމޫންގެ ހާލުކޮޅު ހުރިގޮތުން ވަކީލުންނާ ބައްދަލު ކުރައްވަން ވެސް ވަޑައިނުގަނެވޭ ކަމަށެވެ. އަދި އަވަހަށް ފަރުވާ ދެވޭ ކަހަލަ ތަނެއްގައި ރައީސް މައުމޫން ބެހެއްޓުމަށް ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނު ގޭބަންދަށް ބަދަލު ކުރަން އާއިލާއިން މީގެ ކުރިން ވެސް އެދިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ސިއްހީ ހާލުކޮޅު ހުރި ގޮތުން މައުމޫން ވަނީ އެމަނިކުފާނުގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުމަށް އެދިވަޑައިގެން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމްއަށް ސިޓީފުޅުއް ވެސް ފޮނުއްވާފަ އެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައ އެމަނިކުފާނުގެ ބައިވެރިވުމެއް އޮތް ކަމަށް ތުހުމަތުކޮށް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވަނީ ކޮށްފަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ ވަނީ މީގެ ކުރިން ސާބިތުވެފަ އެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަސް ދުވަހުގެ ހުކުމެއް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ