ރައްޔިތުން ބިރުވެރިކަމެއްގައި ބައިތިއްބައިގެން ގައުމު ތަރައްގީ ނުކުރެވޭނެ: ފައިސަލް

ރައްޔިތުން ބިރުވެރިކަމެއްގައި ބައިތިއްބައިގެން ގައުމެއް ތަރައްގީ ނުކުރެވޭނެ ކަަމަށާއި އަދި ރައްޔިތުންނަށް އޮޅުވާލައިގެން ވެސް ގައުމެއް ތަރައްގީ ނުކުރެވޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ވ.އަތޮޅާއި މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވ.ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކި ކަހަލަ ނުފޫޒުތައް ފޯރުވަމުންދާތީ އެމީހުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. ބިރުވެރިކަމެއްގެ ތެރޭގައި ގައުމެއް ތަރައްގީ ނުވާނެ ކަމަށާއި ގައުމު ތަރައްގީ ކުރެވޭނީ މިނިވަންކަން ލިބި، އެމީހެއްގެ ސިކުނޑީގެ ބޭނުން މިނިވަންކަމާއެކު ހިފުމަށް ޖާގަލިބިގެން ކަމަށެވެ. އަމިއްލަ ސިކުނޑިން ވިސްނުމުގެ ޖާގަ ހޯދުމަށް ސިކުނޑިއަށް ވިސްނޭ ގޮތަށް ސެޕްޓެމްބަރު 23 ގައި ވޯޓުލާން ޖެހޭ ކަަމަށެވެ.
"އަޅުގަނޑު މިފުރުސަތުގައި ރާއްޖޭގެ ރައްޔިތުންނަށް އަދި މިއަތޮޅުގެ ރައްޔިތުންނަށް ވެސް ގޮވާލަން ބޭނުންވަނީ މިއަނިޔާވެރިކަން ނިންމުމަށްޓަކައި، އިންސާފު ގާއިމުކުރުމަށްޓަކައި، ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ކުދި ރަށްތަކާއި ބޮޑު ރަށްތަކުގެ ތަފާތު ނައްތާލުމަށްޓަކައި، ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށް ސެޕްޓެމްބަރު 23 ވަނަ ދުވަހު ވޯޓުލައި، އަޅުގަނޑުމެންގެ ހަގީގީ މިނިވަންކަން ހޯދައި، ކުޑަކުދިންނަށް ހަދިޔާއެއްގެ ގޮތުގައި އެދުވަސް އަޅުގަނޑުމެން ދައްކައިދިނުމަށް" ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ކޮންމެ ގޮތަކުންވެސް ވެރިކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތަށް ޖާގަދީގެން ނުވާނެ ކަމަށާއި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށެވެ.
ވ.ކެޔޮދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ފައިސަލް ވިދާޅުވީ މިއަދު ރާއްޖޭގެ ގިނަ ރަށްތަކުގައި އެންމެ އަސާސީ ކަންކަން ދޫކޮށްލެވިފައި ހުރީ ސަރުކާރުން އަޅާނުލެވުމުން ކަމަށެވެ. ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ވަކި ރަށަކަށް ވީތީ ތަފާތު ނުކުރާނެ ކަމަށާއި، ރަށްރަށުގައި ރައްޔިތުންނަށް ހަމަޖެހިގެން އުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ވަކި ރައްޔިތުންތަކެއް ވަކި ތަނަކަށް ދިއުމަށް ނުވަތަ ޖަމާވުމަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ގައުމު ތަރައްގީ ކުރާނީ ރަށްތައް އެކުލެވިފައިވާ ގޮތަށް ޖަޒީރާވަންތަކަން ދެމިއޮންނާނެ ގޮތަށް ކަމަށެވެ. ތަރައްގީވެ ކުރިއަރައިގެން ދިއުމުގެ ވާހަކަ ދައްކާއިރު ސްވިޒަލޭންޑާއި ޓޯކިޔޯ ފަދަ ތަންތަނަށް ހެދުމުގެ ވާހަކަ ދައްކަމުންދާ ކަމަށާއި ސަރުކާރުން ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭ ކަމަށެވެ.
"ސަރުކާރެއް އަންނަނީ ރައްޔިތުންނަށް އޮޅުވާލާކަށް ނޫން. އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ތިބޭފުޅުން އޮޅުވާލުމުގެ ގޮތުން މިއީ ސްވިޒަލޭންޑޭ، ޓޯކިޔޯއޭ ނޫނީ ނިއުޔޯކޭ ނުވަތަ ސިންގަޕޫރޭ ނުދަންނަވާނަން. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް ފުރިހަމަކޮށްގެން ހަމަޖެހޭ ރީތި ދިރިއުޅުމެއް އުޅޭވޭނެ މަގު ފަހިކުރުން" ފައިސަލް ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ރަނިންމޭޓް ފައިސަލް ނަސީމް ވ.އަތޮޅާއި މ.އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިރޭ ދިއްގަރަށް ވަޑައިގަންނާވާނެއެވެ. ރައީސް މައުމޫން 6 މަސް ދުވަސް ވަންދެން ޖަލުގައި ބަހައްޓާފައިވާތީ ދިއްގަރުގައި މިރޭ ބާއްވާ ޚާއްސަ ޖަލްސާގައި ފައިސަލް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ