ގަމު ތުނޑީ އަވަށުން ކަރަންޓު ކެނޑިފައި ވާތީ މުޒާހަރާ ކުރަން ފަށައިފި

ލ. ގަމުގެ ތުނޑީ އަވަށުގައި ކަރަންޓު ކެނޑި ގިނައިރުތަކެއް ވެފައި ވާތީ އެރަށު ރައްޔިތުންގެ ބަޔަކު މުޒާހަރާ ކުރަން ފަށައިފި އެވެ.
ގަމު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރަކު މިރޭ ސަން އަށް ވިދާޅުވީ މިއަދު ހެނދުނު 10:30 އިން ފެށިގެން އަދިވެސް އެ އަވަށަށް ކަރަންޓު ނުލިބޭ ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު ހެނދުނު ކަރަންޓު ކެނޑުނީ އެރަށު އުތުރު ފަރާތުން ކަމަށާއި މިރޭގެ ވަގުތެއްގައި ދެކުނު ފަރާތުން ވެސް ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން ފުރަތަމަ ކަރަންޓް ކެންޑުނީ އުތުރު އަވަށުން ކަމަށާއި ދެކުނު އަވަށުން ކަރަންޓް ކަނޑުނީ އުތުރު އަވަށުގެ މީހުން އައިސް ޑިސްޓްރިބިއުޝަން ފޮއްޓާ ގުޅާފައި ހުރި ވަލަށް ދަމައި ހެދުމުން ފެނަކައިން ކަރަންޓް ކަނޑާލީ ކަމަށެވެ.
ކަރަންޓުގެ މައްސަލަ ހައްލު ކުރެވިފައިނުވާތީ އެ އަވަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ މިހާރު މުޒާހަރާ ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ކަރަންޓު ނެތުމުން ތުނޑީ އަވަށު ރައްޔިތުން އުޅޭ ހާލު އިހްސާސް ކުރެވޭ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ އެ އަވަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް 850 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި ޓްރާންސްފޯމަރެއް އެ ރަށަަށް ގެންގޮސްފައިވާ ކަމަށެވެ.
އެކުންފުނިން މަސައްކަތްކުރީ ރޯދަ މަހުގެ ތެރޭގައި އެ ޖަނެރޭޓަރު އިންސްޓޯލް ކުރުމަށް ކަމަށާއި ނަމަވެސް އެކްސްކަވޭޓަރެއް ނުލިބިގެން ކަރަންޓް ކޭބަލް ވަޅުލުމުގެ މަސައްކަތް އޮތީ ނުވެފައި ކަމަށް ނިމާލް ވިދާޅުވި އެވެ. ނަމަވެސް މިހާރު އެކްސްކަވޭޓަރެއް ހަމަޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި އެރަށަށް އެކްސްކަވަޓޭޓަރު ގެންގޮސް އިންސްޓޯލްކޮށް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިމާލް ވިދާޅުވީ ގަމަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މާންދޫގައި މަރުކަޒީ އިންޖީނުގެއެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ބޮޑު މަޝްރޫއެއް ކަމުން، އެ މަޝްރޫއު ހިންގުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
މަރުކަޒީ އިންޖީނުގެ ގާއިމް ކުރެވެންދެން ގައުމުގެ ކޮންމެ ދެ އަވަށެއް އެއްކޮށްލައިގެން ވަކި އިންޖީނުގެއެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އެއިރުން ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
"ކޮންމެ އަވަށަކަށް ވަކި ޕަވާހައުސްއެއް ހުރުމުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން. އޭގެބަދަލުގައި ކޮންމެ ދެ އަވަށެއް އެއްކޮށްލައިގެން އެ ދެ އަވަށަށް ޚާއްސަ ޕަވާހައުސްއެއް ގާއިމް ކުރުމަށް އަޅުގަނޑުމެން ވަނީ ނިންމާފައި. އެއިރުން ކަރަންޓުގެ މައްސަލަ ހައްލުވެގެންދާނެ،" ނިމާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ