ލިވަޕޫލް (ޖޫން 14) - ބަޔާ ލެވަލޫސަން އަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ ތަރި، ފްލޯރިއަން ވާޓްޒް، 150 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ގަންނަން ލިވަޕޫލުން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިނގިރޭސިވިލާތާއި ޖަރުމަަނުގެ ގިނަ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ވާޓްޒް، 22، ގަންނަން ލިވަޕޫލުން ފުރަތަމަ ލެވަކޫސަނަށް ދައްކާނީ 135 މިލިއަން ޑޮލަރެވެ. އަދި، ލިވަޕޫލާ އެކު، ވާޓްޒް ހާސިލްކުރާ ކަންކަމަށް ބަލައި، އިތުރު 15 މިލިއަން ޑޮލަރު ދައްކާނެ އެވެ.
މީގެ ކުރިން، ލެވަކޫސަނުން ވަނީ، ލިވަޕޫލުން ހުށަހެޅި ދެ ބިޑެއް އަނބުރާ ފޮނުވާލައިފަ އެވެ. އެއީ، އެންމެ ފުރަތަމަ ދޭން ލިވަޕޫލުން ކިޔާ އަގު ދަށްވުމުންނެވެ. މިހާރު އެއްބަސްވެފައިވާ އަގުގައި، ވާޓްޒްގެ ޑީލް ހިނގައިފިނަމަ، މި ޓްރާންސްފާ ވެގެންދާނީ ލިވަޕޫލާއި އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ އަގުބޮޑު ޓްރާންސްފާ އަށެެވެ.
ކުރިއަށް އޮތް ހަފްތާ ތެރޭގައި ވާޓްޒް، ލިވަޕޫލްގެ މެޑިކަލް ޓެސްޓްތައް ފުރިހަމަކޮށް، ކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލެވަކޫސަން ސީނިއާ ޓީމަށް އުމުރުން 17 އަހަރުގައި ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް ކުޅެދިން، 197 މެޗުން 57 ގޯލު ޖަހައިފަ އެވެ. އަދި، ލެވަކޫސަނުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރިއިރު، ވާޓްޒް މުހިންމު ރޯލެއް ކުޅުނެވެ. ޖަރުމަނު ގައުމީ ޓީމަށް، 2021 ވަނަ އަހަރު ކުޅެން ފެށި ވާޓްޒް ވަނީ އެ ޓީމަށް 31 މެޗުން ހަތް ގޯލު ޖަހައިފަ އެވެ.
މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މިހާތަނަށް ލިވަޕޫލުން ނިންމާފައިވަނީ އެއް ޑީލެވެ. އެއީ، ލެވަކޫސަނުން ގެނައި، ނެދަލެންޑްސްގެ ފުލްބެކް، ޖެރެމީ ފްރިމްޕޮން އެވެ. ވާޓްޒްގެ ސޮއި ހޯދުމުގެ އިތުރުން، ލިވަޕޫލުން އަންނަނީ ބޯންމައުތަށް ކުޅޭ ހަންގޭރީގެ ވާތުބެކް، މިލޯސް ކާކޭޒްގެ ޑީލް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
ލިވަޕޫލުން 150 މިލިއަން ޑޮލަރަށް ވާޓްޒް ގަންނަން ނިންމައިފި ލިވަޕޫލުން 150 މިލިއަން ޑޮލަރަށް ވާޓްޒް ގަންނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ