ގާސިމް އާދޭސް ކުރަނީ، މުޒާހަރާއަށް މީހުން ނުދިޔުމަށް

މިރޭގެ މުޒާހަރާގައި ބައިވެރި ނުވާ ކަމަށް ވިދާޅުވި އޭނާގެ އެއްވެސް މުވައްޒަފަކު ވެސް މުޒާހަރާއަށް ނުދިޔުމަށް ގާސިމް އާދޭސް ކުރައްވައިފި އެވެ.
މިވަގުތު ވެސް ރާއްޖޭން ބޭރުގައި ހުންނެވި ގާސިމް ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ މިހާރު ކުރިއަށް ދާ މުޒާހަރާގައި އެއްވެސް ހައިސއްޔަތަކުން ބައިވެރި ނުވާ ކަމަށާއި ބައިވެރި ނުވެސް ވާނެ ކަމަށެވެ. އަދި މުޒާހަރާއަށް ގާސިމް ތާއީދުކޮށް ބައިވެރިވާ ކަމަށް ބުނެ، މުޒާހަރާގައި ހަދަނީ ދޮގު ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ވިލާގެ އެއްވެސް މުވައްޒަފަކު ވެސް މުޒާހަރާ ގައި ބައިވެރި ނުވުމަށް އޭނާ އެދެ އެވެ.
"ވިލާގެ އެއްވެސް މުވައްޒަފަކު މި މުޒާހަރާގައި ބައިވެރިނުވުމަށް އަޅުގަނޑު އާދޭހާ އެކު ދަންނަވަން،" ގާސިމް ޓްވީޓެއް ކުރެއްވި އެވެ.
އޭނާ ލީޑަރުކަން ކުރައްވައި ޖުމްހޫރީ ޕާޓީ އިން ވެސް ވަނީ، މުޒާހަރާގައި ބައިވެރި ނުވާ ކަމަށް ބުނެފަ އެވެ. އަދި މުޒާހަރާއަށް ނުދިޔުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީގެ އިސްވެރިން ވަނީ މުޒާހަރާއަށް ނުދިޔަ ނަމަވެސް އެބޭފުޅުން މުޒާހަރާއަށް ތާއީދު ކުރާކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
ސިޔާސީ މައްސަލަތަކާއި ގާސިމްގެ ވިޔަފާރިއަށް ކުރިމަތިވި މައްސަލަތަކާ ހުރެ އޭނާ އާއި އެ ޕާޓީގެ އެހެން ބައެއް އިސް މެންބަރުން އަދިވެސް ތިއްބެވީ ރާއްޖޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ