ހިރޯޝިމާއާ އެއްފަދަ: އިޒްރޭލް ސިފައިން ގާޒާގައި އުފެއްދި 'މަރުގެ ވާދީ'

ފެންނަހާ ދުރަށް އޮތީ ހުސްކަމާއި ސުންނާފަތިވެފައިވާ ތަންތަނެވެ. ގާޒާގެ ބޯޑަރުން ފެށިގެން 1 ކިލޯމީޓަރުގެ ފުޅާ ސަރަހައްދަކީ ދުވަހަކުވެސް އަލުން ބިނާނުކުރެވޭނެ ކަޅު، ހިތާމައިގެ، ސަރަހައްދެކެވެ. ފެންނަނީ ތަޅާލާފައިވާ ގެތަކާއި، އަނދައިގެން ގޮސްފައިވާ ދަނޑުތަކާއި، ވިއްސިވިހާލިވެފައިވާ މިސްކިތްތަކެވެ. މިތަނަކީ އިޒްރޭލްގެ އައިޑީއެފް ސިފައިން ރާވައިގެން 'މަރުގެ ސަރަހައްދެއް'ގެ ގޮތުގައި އުފައްދާފައިވާ ސަރަހައްދެކެވެ. 'ވަންނަ ކޮންމެ މީހަކަށް ބަޑިޖަހާށޭ' މިބުނި ބަހުގެ ހަގީގަތް މިތަނުގައި ހުސްވެފައިވާ ބިންތަކާއި ބަނޑުހައިވެފައިވާ ފުރާނަތަކުން ހާމަވަނީ އިންސާނިއްޔަތުގެ ފަހު ފިނިހޫނުކަން ވެސް ގެއްލިފައިވާ ދުނިޔެއެއްގެ ހަގީގަތެވެ.
އިޒްރޭލްގެ ސިފައިން ގާޒާ ސަރަހައްދު ވަށައިގެން ބޮޑެތި ބިންތަކެއް ހަލާކުކޮށް، އެތަން 'މަރުގެ ސަރަހައްދަކަށް' ބަދަލުކުރުމަށް އަމުރުކުރި ކަމަށް މި މަސައްކަތުގައި އުޅުނު ކުރީގެ ސިފައިންގެ މީހުންގެ އިންޓަވިއުތަކުން ހާމަވެއްޖެ އެވެ.
އިޒްރޭލް ސިފައިން ބުނާ ގޮތުގައި، ގާޒާގެ ވަށައިގެން ގާތްގަނޑަކަށް 1 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުރި ގެތަކާއި، ފެކްޓަރީތަކާއި ދަނޑުބިންތައް ހަލާކުކޮށް "ބަފާ ޒޯން" އެއް ހެދުމަށް އެމީހުންނަށް އަމުރުކުރިއެވެ. އެއް ސިފައިންގެ މީހަކު ބުނިގޮތުގައި އެ ސަރަޙައްދު ފެންނަން ހުރީ ހިރޯޝިމާއާ އެއްފަދައިންނެވެ.
މި އިންޓަވިއު ތަކަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަމާސްގެ ހަމަލާއަށް ފަހު ފެށުނު އެންމެ ފަހުގެ ހަނގުރާމައިގައި އިޒްރޭލް ސިފައިންގެ ފަރާތުން ޝާއިއުކުރެވުނު ފުރަތަމަ އިންޓަވިއުތަކުގެ ތެރެއިން ބައެކެވެ. މި އިންޓަވިއުތައް އެއްކުރީ 'ބްރޭކިން ދަ ސައިލެންސް' އިންނެވެ. މިއީ ފަލަސްތީނުންގެ މައްޗަށް ސިފައިންގެ ބާރުގެ ހަގީގަތް ހާމަކުރުމަށް 2004 ވަނަ އަހަރު އިޒްރޭލްގެ ކުރީގެ ސިފައިންގެ ފަރާތުން އުފެއްދި ގުރޫޕެކެވެ. އިނގިރޭސިވިލާތުގެ ގާޑިއަން މި އިންޓަވިއުތައް ދިން ސިފައިންގެ ހަތަރު މީހަކާ އިންޓަވިއު ކުރިއެވެ. "ދަ ޕެރިމީޓަރ" ގެ ނަމުގައި އެކުލަވާލައި އޭޕްރިލް 7 ގައި  ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވަނީ މި ޕްލޭންގެ ބޭނުމަކީ އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އަށް މިލިޓެންޓުން ފާހަގަކޮށް މަރާލުމަށް ސާފުކޮށް ފެންނަ ފުޅާ ބިމެއް އުފެއްދުން ކަމަށެވެ. "މި ޖާގައިގައި އެއްވެސް ގަސްގަހާގެހި، އިމާރާތްތަކެއް ނުވަތަ މީހުން ތިބެގެނެއް ނުވާނެ އެވެ. ޕެރިމީޓަރުގެ ތެރޭގައި ހުރި ހުރިހާ ވަސީލަތްތަކެއް، އިންފްރާސްޓްރަކްޗާ އިންސްޓޮލޭޝަނެއް އަދި ގިނަ އިމާރާތްތައް ތަޅާލެވުނެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
ސިފައިންނަށް ކުރި އަމުރުތައް
ސިފައިންނަށް ދެވުނު އަމުރުތަކުގެ ތެރޭގައި "ކަނޑައެޅިފައިވާ ޕެރިމީޓަރުގެ ތެރޭގައި ހުރި ކޮންމެ އެއްޗެއް، ހިމެނޭގޮތަށް މުޅި ރަށްވެހި ސަރަހައްދުތައް، އާންމު އިމާރާތްތައް، ތައުލީމީ މުއައްސަސާތައް، މިސްކިތްތައް އަދި ގަބުރުސްތާނުތައް ވަރަށް މަދު އިސްތިސްނާތަކާއެކު ކަނޑައެޅިގެން، ރޭވިގެން އަދި ޕްލޭންކޮށްގެން ފުނޑާލުން" ހިމެނުނެވެ.
ނަމަވެސް، މީގެ ސަބަބުން "ބޮޑު މިންވަރެއްގެ މަރުގެ ސަރަހައްދެއް" އުފެދުނު ކަމަށް ރިޕޯޓުގައި ބުނެ އެވެ. "މީހުން ދިރިއުޅޭ، ދަނޑުވެރިކަން ކުރި، އަދި ފެކްޓަރީތައް ގާއިމުކުރި ތަންތަން ބަދަލުވީ ބޮޑު ބިޔަ މުޅިން ހަލާކުވެފައިވާ ބިމެއްގެ ބަޔަކަށެވެ."
ސިފައިންގެ ހެކިބަސް
ކޮމްބެޓް އިންޖިނިއަރިން ކޯގެ ސާޖެންޓެއް ބުނި ގޮތުގައި ޕެރިމީޓަރުގެ ސަރަހައްދު "ގާޒާގެ މީހުންނަށް ހުސްވުމުން، އަޅުގަނޑުމެން ފެށީ ގެތައް ނުވަތަ ގެތަކުގެ ބާކީ ހުރި ތަންތަން ސުންނާފަތިކޮށްލުމުގެ މިޝަންތައް."
މިއީ އެމީހުންގެ ދުވަހުގެ ރޫޓިން ކަމަށް ބުނެފައިވެ އެވެ: "ހެނދުނު ތެދުވުން، ކޮންމެ ޕްލެޓޫންއަކަށް ފަހެއް، ހައެއް ނުވަތަ ހަތް ލޮކޭޝަން؛ ހަތް ގެއެއް ލިބޭ އެއީ އެމީހުން މަސައްކަތް ކުރަންޖެހޭ ތަންތަން. އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ހަލާކުކުރަމުންދިޔަ ތަންތަނާ ބެހޭގޮތުން ނުވަތަ ކީއްވެގެން އެކަން ކުރަމުންދިޔައީކަން މާގިނަ އެއްޗެއް ނޭނގޭ."
އަމުރުތަކާއި މަގުސަދުތައް
ބައެއް ސިފައިން ހެކިބަސް ދިންގޮތުގައި ކޮމާންޑަރުން ހަލާކުކުރުން ދެކުނީ ހަމާސްގެ އޮކްޓޯބަރު 7 ގެ ހަމަލާއަށް ބަދަލުހިފުމުގެ އަމަލުތަކެއް ކަމަށެވެ.
އިޒްރޭލުން ބުނާގޮތުގައި ހަނގުރާމަ އަމާޒުވެފައިވަނީ ހަމާސްއަށެވެ. ނަމަވެސް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިހާރު ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅަށް ކޮށްފައިވާ ކުށްތަކުގެ ދައުވާތަކާ ކުރިމަތިލާންވަނީ ޖެހިފައެވެ.
މި ރިޕޯޓާއި އަދި ހަނގުރާމަވެރި ސިފައިންގެ އިންޓަވިއތަކާު ގުޅޭގޮތުން ކޮމެންޓަކަށް އެދުމުން އިޒްރޭލް ޑިފެންސް ފޯސަސް (އައިޑީއެފް) އިން އެއްވެސް ޖަވާބެއް ނުދޭކަމަށްވެ އެވެ.
'ޝޫޓް ޓު ކިލް' އަމުރުތައް
ބްރޭކިން ދަ ސައިލެންސްއަށް ހެކިބަސް ދިން ސިފައިންގެ މީހުންގެ ތެރެއިން އެކަކު ބުނާގޮތުގައި އެމީހެއްގެ ޔުނިޓަށް އަމުރުކުރެވުނީ ޕެރިމީޓަރު ސަރަހައްދަށް ވަންނަ ކޮންމެ މީހަކު ފެނުމާއެކު ބަޑިޖެހުމަށެވެ. އެމީހުންގެ ޔުނިޓުގައި އޮތް ވިސްނުމަކީ، އެތާ "ސިވިލިއަން" އެއް ނުތިބޭނެ ކަމަށާއި ޕެރިމީޓަރަށް ހިނގާފައި އަންނަ ކޮންމެ މީހަކީ "ޓެރަރިސްޓެއް" ކަމަށް ބެލެވޭނެ ކަމަށެވެ.
ތަފާތު ޔުނިޓްތަކަށް ބަލާއިރު ކޮންބައެއްކަން ފެނުމާއެކު މަރާލެވޭނެކަމުގެ ގަވާއިދުތައް ތަފާތުކަމަށް އިންޓަވިއުތަކުން ދައްކައެވެ.
އާމަޑް ކޯގެ ސާޖަންޓެއް ބުނާގޮތުގައި 2024 ގައި އޭނާއަށް "ޝޫޓް ޓު ކިލް" އަމުރުތައް ލިބުނީ ޕެރިމީޓަރަށް ވަންނަ ކޮންމެ ފިރިހެނަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށެވެ. އަންހެނުންނާއި ކުޑަކުދިންނާމެދު އޮތް އަމުރުތަކަކީ "ޝޫޓް ޓު ޑްރައިވް އަވޭ" ކަމަށެވެ. "އަދި އެމީހުން ފެންސާ ކައިރިވާނަމަ، [އެމީހުން] ހުއްޓުވާ. އަންހެނުން، ކުޑަކުދިން ނުވަތަ އުމުރުން ދުވަސްވީ މީހުން ނުމަރާ. 'ޝޫޓް ޓު ޑްރައިވް އަވޭ' މާނައަކީ ޓޭންކަކުން ބަޑިޖެހުން."
ނަމަވެސް، ހަނގުރާމައިގެ ކުރިން، 2023 ވަނަ އަހަރުގެ ނޮވެންބަރުގައި ގާޒާގައި ހަރަކާތްތެރިވި އާމަޑް ކޯގެ ޔުނިޓެއްގެ ކެޕްޓަނެއް ބޯޑަރު ސަރަހައްދު ސިފަކުރީ "ކިލް ޒޯން" އެއް ގޮތަށެވެ. "ބޯޑަރުލައިންއަކީ ކިލް ޒޯންއެކެވެ. ވަކި އިމެއްގެ ތެރެއިން ހުރަސްކުރާ ކޮންމެ މީހަކީ، އަޅުގަނޑުމެން ކަނޑައަޅާފައިވާ، ނުރައްކަލެއް ކަމަށް ބެލެވި މަރުގެ ހުކުމް އިއްވާލެވޭ މީހެކެވެ."
އެހެން ކެޕްޓަނަކު ބުނިގޮތުގައި "އެއްވެސް ވަގުތެއްގައި ސާފު ގަވާއިދުތަކެއް ނެތް" އަދި "އާންމުކޮށް ބޮޑު ބާރުގެ ބޭނުންކުރުމަކީ އާންމު ކަމެއް، ޚާއްސަކޮށް ޓޭންކްތަކުންނެވެ." އޭނާ އިތުރަށް ބުނިގޮތުގައި "ނަފްސާނީ އަސަރެއް ކުރުވުމަށް ނުވަތަ ހަމަ އެއްވެސް ސަބަބެއްނެތި އިންސްޓިގޭޓިން ފަޔަރުގެ ބޭނުން ވަރަށް ބޮޑަށް ކުރެވުނެވެ."
"[އަޅުގަނޑުމެން] މި ހަނގުރާމައިގައި ބައިވެރިވީ މޮޅިވެގެން، ތަދުވެގެން، ރުޅިވެރިކަމުގެ އިހުސާސުތަކާއެކު އެވެ. މި ތަފާތުކުރުން [ސިވިލިއަންއާއި ޓެރަރިސްޓް އިންފްރާސްޓްރަކްޗަރު]، މުހިންމެއް ނޫނެވެ. އެއްވެސް މީހަކު ކަންބޮޑެއް ނުވޭ."
ކާނާހޯދުމަށް ހުއިހައްޕަން ދާ މީހުން
"ފަލަސްތީނު މީހުންނަށް ކިހިނެއްތޯ ނުފެންނަ ރޮގެއް ހުރަސްކުރެވޭކަން އަންގާނީ އެއީ އެމީހުންނަށް ސާފުކޮށް ނޭނގޭކަމެއް،" ސިފައިންގެ މީހަކު ބުންޏެއވެ. "އެމީހުންނަށް ކިހިނެއްތޯ އެނގޭނީ؛ އެއީ ވަރަށް ރަނގަޅު ސުވާލެއް. ގިނަ މީހުން މަރުވި ނުވަތަ އެ ރޮނގު ހުރަސްކުރުމުން ޒަޚަމްވި، އެހެންވީމާ އެމީހުން ރޮނގު ކައިރިއަކަށް ނުދޭ."
އެންމެ ފަހުގެ ހަނގުރާމައިގެ ކުރިން، އިޒްރޭލުން ކުރިން ގާޒާގެ ތެރޭގައި 300 މީޓަރުގެ ފުޅާ އޮތް ބަފާ ޒޯނެއް ގާއިމުކޮށްފައިވެއެވެ. ނަމަވެސް އާ ޒޯން 800 އިން 1,500 މީޓަރަށް ފުޅާކުރުމަށް ރޭވުނު ކަމަށް އިންޓަވިއުތަކުން ހާމަވެ އެވެ.
ސެޓެލައިޓް އިމޭޖަރީއިން ކުރިން ހާމަވެފައިވާ ގޮތުގައި އައިޑީއެފްއިން ޕެރިމީޓަރު ފެންސް 1 ކިލޯމީޓަރާއި 1.2 ކިލޯމީޓަރު ތެރޭގައި ހުރި ސަތޭކަ އިމާރާތްތަކެއް ހަލާކުކޮށްފައިވާތަން ފެނެ އެވެ. މިއީ ސިސްޓަމެޓިކްކޮށް ހަލާކުކުރުމުގެ އަމަލުތަކެކެވެ. އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރާ ގްރޫޕްތަކުން ބުނާގޮތުގައި މިކަމަކީ ޖަމާއީ އަދަބެއް ކަމަށް ވެދާނެއެވެ. އަދި ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ތަހްގީގުކުރަންޖެހެއެވެ. ފާއިތުވި ހަފުތާގައި، އިޒްރޭލްގެ ދިފާއީ ވަޒީރު ބުނިގޮތުގައި ސިފައިންވަނީ އާ ހަނގުރާމައެއްގައި ގާޒާގެ "ބޮޑެތި ސަރަހައްދުތަކެއް" ހިފާނެއެވެ.
ޕެރިމީޓަރުގައި ހިމެނެނީ ގާޒާ ސްޓްރިޕްގެ 15% އަށްވުރެ ކުޑަ މިންވަރެކެވެ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެއްކޮށް މަނާ ސަރަހައްދެކެވެ. މިސަރަހައްދަކީ ގާޒާ ސްޓްރިޕްގެ މުޅި ދަނޑުވެރިކަމުގެ ބިމުގެ 35% ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ކިތަންމެ ޝޫޓް-ޓު-ކިލް އަމުރުތަކެއް ދިނަސް، އުތުރު ގާޒާގައި ހުރި ވޮރަންޓް އޮފިސަރެއް ބުނާގޮތުގައި ފަލަސްތީނު މީހުން "އަޅުގަނޑުމެން އެމީހުންގެ ގަޔަށް ބަޑިޖެހުމަށް ފަހުގައިވެސް ތަކުރާރުކޮށް" އެސަރަހައްދަށް އަންނަމުންދިޔަ އެވެ.
އޮފިސަރު ބުނާގޮތުގައި ފަލަސްތީނު މީހުން ބޭނުންވީ އެސަރަހައްދުގައި ހެދޭ ތަކެތި ހޯދުން ކަމަށް ހީވެ އެވެ.
ގާޑިއަންއަށް ދިން އިންޓަވިއުއެއްގައި، ހަމަ އެ އޮފިސަރު ބުނީ 2023 އޮކްޓޯބަރު 7 ގައި ހަމާސް ދިން ހަމަލާއިން ގިނަ އިޒްރޭލީން "ބަޑިއެއް ނެގުމުގެ" ބޭނުންޖެހުނު ކަމަށެވެ.
"އަޅުގަނޑުމެންގެ ގިނަ މީހުން ހަނގުރާމައަށް ދިޔައީ، އަހަރެން ދިޔައީ، ސަބަބަކީ އެމީހުން އަޅުގަނޑުމެން މެރި، އަދި މިހާރު އަޅުގަނޑުމެން އެމީހުން މަރާނީ" އޭނާ ބުންޏެވެ. "އަދި އަހަރެން ދެނެގަތީ އަޅުގަނޑުމެން ހަމައެކަނި އެމީހުން މަރަނީއެއް ނޫންކަން. އަޅުގަނޑުމެން އެމީހުން މަރަނީ، އަޅުގަނޑުމެން އެމީހުންގެ އަނބީން، އެމީހުންގެ ކުދިން، ... އެމީހުންގެ ކުއްތާތައް މަރަނީ. އަޅުގަނޑުމެން އެމީހުންގެ ގެތައް ހަލާކުކޮށް އެމީހުންގެ ގަބުރުސްތާން ތަކަށް ކުޑަކަމުދަނީ."
ބްރޭކިންގް ދަ ސައިލެންސް ރިޕޯޓުގައި ހާމަކޮށްފައިވާ ވާހަކަތަކުން ދައްކައިދެނީ ގާޒާ ވަށައިގެން ގާއިމުކޮށްފައިވާ 1 ކިލޯމީޓަރުގެ ފުޅާ "ބަފާ ޒޯން" އަކީ ބަނޑުހައިވެފައިވާ ފަލަސްތީނު މީހުން އަދިވެސް ރައްކާތެރިކަން ނެތި ވަދެ، ކާނާ ހޯދަން މަސައްކަތްކުރާ ސަރަހައްދަކަށް ވެފައިވާކަމެވެ.
ގާޒާގެ މުޅި ދަނޑުވެރިކަމުގެ ބިމުގެ 35% މިހާރު މަނާކުރެވިފައިވީނަމަވެސް، ކާބޯތަކެތި ލިބޭ ގަސްގަހާގެހި ހޯދުމަށް ފަލަސްތީނު ރައްޔިތުން ރިސްކުނަގައި އަދިވެސް އެސަރަހައްދުތަކަށް ދެ އެވެ. މިކަމުން ދައްކައިދެނީ ގާޒާގައި ކާނާގެ ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ކަމެވެ.
އިންސާނީ ހައްގުތަކާބެހޭ ޖަމާއަތްތަކުން ބުނާގޮތުގައި އިޒްރޭލުން ގާޒާގެ މުޅި ސަރަހައްދު ވަށައިގެން ކޮށްފައިވާ ޖަމާއީ އަދަބުގެ އަމަލަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ތަހްގީގުކުރެވެންޖެހޭ ކަމެކެވެ. މިކަމުގެ ނަތީޖާއަކީ، އިޒްރޭލް ސިފައިންނަށް ދެވިފައިވާ "ޝޫޓް ޓު ކިލް" އަމުރުތަކާއެކުވެސް، ފަލަސްތީނުންގެ ދިރިއުޅުމަށް އަރައިގަނެވިފައިވާ މިންވަރަކީ ފަލަސްތީން މީހުން އެމީހުންގެ ފުރާނައަށް ނުބަލައި ކާނާ ހޯދުމަށް ދާންޖެހޭ ވަރުގެ ހާލެއްގައި ތިބިކަން ހާމަކޮށްދޭ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ