ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެންބަރުކަމުގެ ހުވާކުރައްވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސައިން ޝަހީދު، މިއަދު ކުރައްވައިފިއެވެ. ފަނޑިޔާރު ޝަހީދު، ހުވާކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. ހުވާ ލައިދެއްވީ، ސުޕްރީމް ކޯޓުގެފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކުރެއްވީ ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތުގައި ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ފަނޑިޔާރު ޝަހީދާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ. ސުޕްރީމް ކޯޓަށް ފަނޑިޔާރު ޝަހީދު އައްޔަން ކުރެއްވީ މިދިޔަ މަހުގެ 19ވަނަ ދުވަހެވެ. އެއީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި އޭރު ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ފެބްރުއަރީ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވަނިކޮށް މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ. އޮނަރަބަލް އަލްއުސްތާޛު ޙުސައިން ޝަހީދަކީ، ހައި ކޯޓުގެ އިސްފަނޑިޔާރުގެ މަޤާމާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝަހީދު ވަނީ، މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑްލޯ، އެލްއެލްބީ ޙާޞިލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ