ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގެ ރަސްކަމެއް ހިންގުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އިން މަގުފަހިކޮށްދެމުންދާ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އެމްޑީޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ މުސްތަގިއްލު ކޮމިޝަންތަކުގައި ތިއްބެވި މެންބަރުންނަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ބަދަލުގައި އަމިއްލަ މަގާމު ދިފާއު ކުރުމުގެ ވިސްނުމުގައި 24 ގަޑިއިރު ތިއްބަވާ ބޭކާރު ބަޔަކަށްވެފައިވާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އާއިލާ ފިޔަވައި އެހެން ބައެއްގެ ހައްގުތަކަކީ ނެތް އެއްޗެއް ކަމަށް ހަދައި ރާއްޖޭގައި ރަސްކަމެއް ހިންގުމަށް މަގުފަހި ކޮށްދިނުން ހުއްޓައިލުމަށް ސިޔާސީ ނުފޫޒުގެ ދަށުވެފައިވާ މުސްތަގިއްލު ކޮމިޝަންތަކަށް އެމްޑީޕީން ގޮވާލަން،" އެ ޕާޓީން ބުންޏެވެ.
ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް އެމްޑީޕީން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ކުޑަކުއްޖެއްގެ ކަރާމާތަށް އަރައިގަނެފައިވާ ކަމަށް ބުނެ، އެޗްއާރްސީއެމް އާއި އީސީން ނެރުނު ސިޔާސީ ބަޔާންތައް އެމްޑީޕީން ވަނީ ކުށްވެރިކޮށްފަ އެވެ.
އެމްޑީޕީން ބުނީ މުޒާހަރާގެ ތެރެއިން ކުޑަކުއްޖަކަށް ނިސްބަތްކޮށް، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އެއްވެސް ވާހަކަތަކެއް ދެކެވިފައި ނުވާ ކަމަށާއި އެ މުޒާހަރާގައި ޕާޓީގެ މެންބަރު މަރިޔަމް ޒުބައިރު ދެއްކި ވާހަކަތަކަކީ ކުޑަކުއްޖަކަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ކަމަށް އަމިއްލައަށް ނިންމައި އެޗްއާރުސީއެމް އާއި އީސީން ސިޔާސީ ބަޔާންތަކެއް ނެރުމަކީ ވަރަށް ޒިންމާރުކަން ކުޑަ އަމަލެއް ކަމަށެވެ.
"އެއީ ސިޔާސީ ބޭނުމަށް ނެރުނު ހަގީގަތެއް ނެތް ބަޔާންތަކެއްގައި ކުޑަކުއްޖެއްގެ ވާހަކަ ހިމަނައި ކުޑަކުއްޖަކު ފަލީހަތް ކުރަން. އެ ބަޔާންތަކަށް ފަހު ސަރުކާރު އަޑީގައި އޮވެ ރައްޔިތިންގެ ހައްގުގައި ތެދުވާ ހިތްވަރުގަދަ ދިވެހި ރައްޔިތުންނަށް ކުރަމުންދާ ފުރައްސާރަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން،" އެ ޕާޓީން ބުންޏެވެ.
އެމްޑީޕީއިން ކުރިއަށްގެންދާ އެއްވެސް ހަރަކާތެއްގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އެ ޕާޓީން ވަނީ އަރުވާފަ އެވެ. އަދި އެފަދަ އެއްވެސް ކަމެއް ކުރިއަށް އޮތް ތަނުގައި ވެސް ނުހިނގާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ދިނެވެ.
ގާނޫނޫއަސާސީން ކަށަވަރު ކޮށްދީފައިވާ އެތައް ހައްގަކަށް ރައީސް މުއިއްޒު އަރައިގަންނަމުންދާއިރު އެ ގައިރު ގާނޫނީ އަމަލުތަކާ މެދު އެއްވެސް ފިޔަވަޅެއް އަޅަން އެޗްއާރުސީއެމް ވަނީ ނުކުޅެދިފައިކަން އެމްޑީޕީން ފާހަގަކުރި އެވެ.
ނަމަވެސް އެމްޑީޕީން ބުނީ ހައްގުތައް ހޯދުމަށް ވަކާލާތު ކުރަމުންދާ ހިތްވަރުގަދަ ރައްޔިތުންނާ ދެކޮޅަށް ބަޔާން ނެރުމަށް އަވަސްވެގަނެ، ވަކި އާއިލާއެއްގެ މަސްލަހަތު ދަނީ ހިމާޔަތް ކުރަމުންނެވެ.
މީގެއިތުރުން ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ހުރަސް އަޅައި ސިޔާސީ ޕާޓީތައް ފޮހެލުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާއިރު އީސީން ވެސް އެ މަސައްކަތަށް އެއްބާރުލުން ދީ ރާއްޖެއަކީ އެންމެ ސިޔާސީ ފިކުރަކަށް ޖާގަ އޮތް ތަނަކަށް ހެދުމަށް ދަނީ ވާގިވެރިވަމުން ކަމަށް އެމްޑީޕީން ބުންޏެވެ.
ހުލާސާކޮށް އިއްޔެ: ރަސްކަމެއް ހިންގަން ރައީސަށް މަގުފަހި ކުރުން ހުލާސާކޮށް އިއްޔެ: ރަސްކަމެއް ހިންގަން ރައީސަށް މަގުފަހި ކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ