މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު، އަހުމަދު އިމާދު އެ މަގާމުގައި ހުންނަވައިގެން އަދާ ކުރައްވަންޖެހޭ ގާނޫނީ ވާޖިބުތައް އަދާ ކުރުމަށް ހުރަސްއެޅޭ ގޮތަށް އޭނާއަށް އެ އޮތޯރިޓީގެ އެއްވެސް ސިސްޓަމަކަށް ނުވަދެވޭ ގޮތް ހަދައިފި އެވެ.
އެމްއެމްއޭގެ ތެރެއިން، ނަން ނުޖަހަން ޝަރުތުކޮށް އަދަދު އާ ވާހަކަ ދެއްކި އެތައް މަސްދަރަކުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެމްއެމްއޭގެ ސިސްޓަމްތަކުގެ އެކްސެސް ކަނޑާލައި އެ ބޭންކުގެ އެއްވެސް މައުލޫމާތެއް އޭނާއަށް ނުލިބޭ ގޮތް ހެދީ ފައިސާ ޗާޕު ކުރުމާ އޭނާ ދެކޮޅު ހަދައި، އެމްއެމްއޭއަށް ހުޅުމާލެއިން ބިން ގަންނަން އެ އޮތޯރިޓީން ނިންމި ނިންމުން ރިވިއު ކުރަން އޭނާ ހިމެނޭހެން ތިން މެންބަރަކު ހުށަހަޅާފައި ވަނިކޮށެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 14 ބިލިއަނަށް ހުޅުމާލެއިން ބިމެއް ގަންނަން އެމްއެމްއޭގެ ބޯޑުން ނިންމި ޖަލްސާގައި އިމާދު ބައިވެރިނުވެ އެވެ.
އެކަން އެހެން އޮއްވައި، ސަރުކާރު ހިންގާ ޕީއެންސީން ވަނީ ޑެޕިއުޓީ ގަވަރުނަރުކަމުން އިމާދު ވަކި ކުުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ވެސް ވައްދައިފަ އެވެ. ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުލްލަތީފް މުހައްމަދު ހުށަހަޅުއްވާފައި އޮތީ އެމްއެމްއޭގެ ޑެޕިއުޓީ މޭޔަރުކަމުގައި ހުންނަވައިގެން އަދާ ކުރަންޖެހޭ ޒިންމާތައް އިމާދު އުފުލާފައި ނުވާތީ އޭނާ އެ މަގާމުން ވަކި ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދި އެވެ.
އިމާދުގެ ގާނޫނީ ޒިންމާތައް އަދާ ކުރުމަށް ހުރަސް އަޅާފައިވާއިރު، އެމްއެމްއޭގެ ތެރެއިން ނޫސްވެރިންނަށް މައުލޫމާތު ދޭ މީހުން ހޯދުމަށް އެތެރޭގެ ތަހުގީގެއް ކުރަމުންދާކަން ވެސް މި ނޫހަށް ވަނީ އެނގިފަ އެވެ.
އެމްއެމްއޭގެ ބޯޑުން ނިންމީ 14 ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ އާބަން އައިލް އިން 20 ހެކްޓަރުގެ ބިން ގަތުމަށެވެ. ނަމަވެސް އެމްއެމްއޭގެ ރިޒާވް ފައިސާގެ ގޮތުގައި އެހައި ފައިސާއެއް ނެތެވެ. އެހެންކަމުން ހުޅުމާލެއިން ބިން ގަންނެވޭނީ ނެތް ފައިސާ އުފައްދައިގެންނެވެ. އެއީ ފައިސާ ޗާޕު ކުރުމެވެ.
އެ ބިން ގަތުމަށް އެމްއެމްއޭ އިން މިހާރު ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަސްމީ ސިޓީއެއް ފޮނުވާފަ އެވެ. މި ސިޓީއާ ގުޅިގެން އެޗްޑީސީން ވަކި ގޮތެއް ނިންމާފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
މި އިންވެސްޓްމަންޓުގެ ބޭނުމަކީ ދައުލަތުގެ މާލީ ހާލަތު ގޯސްވަމުންދިޔުމާއެކު ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުން ކަމަށްވެ އެވެ.
އެމްއެމްއޭއިން މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އެ ފައިސާ އެޗްޑީސީން ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމާއެކު އެ ބޭންކަކުން ލޯނުގެ ގޮތުގައި ދޫކޮރުވޭ އަދަދު ބޮޑުތަކުން އިތުރުވާނެ އެވެ. ސަރުކާރުގެ މަގުސަދަކީ ބޭންކަށް ބޮންޑު ވިއްކައިގެން އިތުރު ދަރަނި ނަގާ ހަރަދުތައް ދެކޮޅު ޖެއްސުން ކަމަށް ތަޖުރިބާކާރުން ބުންޏެވެ.
ޑެޕިއުޓީ ގަވަރުނަރަށް އެމްއެމްއޭގެ އެއްވެސް ސިސްޓަމަކަށް ނުވަދެވޭ ގޮތް ހަދައިފި ޑެޕިއުޓީ ގަވަރުނަރަށް އެމްއެމްއޭގެ އެއްވެސް ސިސްޓަމަކަށް ނުވަދެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ