ސިނގިރޭޓުގެ އަގަށް ފެނައި ބަދަލާއެކު އިތުރަށް ލިބޭ ޢާމްދަނީ ޚަރަދުކުރާނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ދުންފަތާ ދެކޮޅަށް ފެއްޓެވި ޤައުމީ މަސައްކަތުގައި ރައްޔިތުން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވާދެއްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު އިއްވެވި ރިޔާސީ ބަޔާނުގައިވަނީ ދުންފަތުގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުމަށް އެމަނިކުފާނު ފެއްޓެވި މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ދުންފަތާއި ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅާއެކު ސިނގިރޭޓުގެ އަގަށް އައިސްފައިވާ ބަދަލާއެކު، އިތުރަށް ލިބޭ ޢާމްދަނީއެއް އެއްކޮށް ޚަރަދުކުރަން ނިންމަވާފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދި ދުންފަތާއި ދުރުހެލިކުރުމަށް ކުރިއަށްގެންދަންޖެހޭ ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް އެފައިސާގެ ބޭނުންކުރެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ދުންފަތާއި ދުރުހެލިވުމަށް މިއާދަ އަށަގެންފައިވާ ހުރިހާ ރައްޔިތުންވެސް ގަދައަޅައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.
"މި އެޅި ފިޔަވަޅުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާ ބެހޭ ގޮތުން އަޅުގަނޑު ދަންނަވާލާނަން. ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއްވިއްޔާ އެއްކޮށް ޚަރަދުކުރަން ނިންމާފައިވާނީ ދުންފަތުގެ އިސްތިއުމާލުކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް. އެ ކަމަށް ޓަކައި ހިންގަންޖެހޭ ޕްރިވެންޓިވް ހެލްތް ކެއަރ ޕްރޮގްރާމްތަކާ މަޝްރޫޢުތައް ހިންގުމަށް. އަޅުގަނޑު އެދެނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ އާދަ އަށަގެންފައިވާ އެންމެހާ ރައްޔިތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ގަދައަޅާ މަސައްކަތް ކުރެއްވުމަށް." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދުންފަތާއި ދުރުހެލިވުމަށް އެދޭ ފަރާތްތަކަށް އެހީތެރިވުމަށް ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން އެއް ޓޮބޭކޯ ސިޒޭޝަން ކްލިނިކް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ބޭސް، އެސްޓިއޯ މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަދި އަތޮޅު ހޮސްޕިޓަލްތައް ޤާއިމުކޮށްފައިވާ ރަށްރަށުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާއިރު އެމަސައްކަތް ބާރަށް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިނގިރޭޓުގެ އަގަށް ގެނައި ބަދަލުން ލިބޭ ޢާމްދަނީ ބޭނުންކުރާނީ ދުންފަތާއި ދުރުހެލިވުމަށްކުރާ މަސައްކަތަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ