މަޝާއިރުގެ ކަންކަން ނިންމައި، ދިވެހި ހައްޖުވެރިން މައްކާއަށް ދަތުރު ފަށައިފި

މަޝާއިރުގެ ކަންކަން ނިންމައި، ދިވެހި ހައްޖުވެރިން އެނބުރި މައްކާއަށް ދަތުރު ފަށައިފިއެވެ. ހައްޖުވެރިން މައްކާއަށް ދަތުރު ފެށީ، ހައްޖުމަހުގެ ދިހައަކާއި އޭގަރައިގެ އިތުރުން ބާރަ ވަނަ ދުވަސް މިނާގައި ހޭދަކުރުމަށް ފަހުގައެވެ. އެގޮތުން، މިނާގައި ހައްޖުވެރިން ވަނީ ތިން ޖަމްރާއަށް ހިލަ އުކައި، އިޙްރާމް ކަނޑާފައެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަޒީރުންގެ ޓީމެއް ރޭ މިނާގެ ޓެންޓުތަކަށް ޒިޔާރަތްކުރައްވައި، ހައްޖުވެރިންގެ ހާލު ބައްލަވާފައިވެއެވެ. ހައްޖުވެރިންގެ ހާލު ބެއްލުވުމަށް ޒިޔާރަތްކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އަދި، އިސްލާމީ މަރުކަޒުގެ ޝެއިޚް މުޙައްމަދު ލަތީފް ވަޒީރުންނާއެކު ހައްޖުވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. އެ ޒިޔާރަތުގައި ހައްޖުވެރިންނާ ވާހަކަދައްކަވައި، މިނިސްޓަރު ޝަހީމް ވިދާޅުވީ، ހައްޖުގެ މަތިވެރި އަޅުކަމުގައި ތިބޭއިރު މާތް ﷲއަށް ޝުކުރުކޮށް، ކެތްތެރިވާން ޖެހޭ ކަމަށެވެ. https://x.com/hajjmission_mv/status/1931671558197809643 ހައްޖުގެ ބޮޑު އަޅުކަމުގެ ތެރޭގައި ކެތްތެރިވާން ޖެހޭ ގިނަ ކަންތައްތަކެއް ދިމާވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. "އަޅުގަނޑުމެންގެ އަޅުކަން ފުރިހަމަވެގެންދާއިރު އަޅުގަނޑުމެން ﷲއަށް ދުއާކުރަން ވާނެ. އަޅުގަނޑުމެންގެ މިއަމަލު ﷲ ގަބޫލުކުރައްވާތޯ," ޝަހީމް ވިދާޅުވިއެވެ. އޭގެއިތުރުން، ރައީސް މުއިއްޒުގެ ފަރާތްޕުޅުން ހައްޖުވެރިންނަށް މިނިސްޓަރު ވަނީ ސަލާމާއި އީދުގެ ތަހުނިޔާ ރައްދުކުރައްވާފައެވެ. ޙައްޖުގެ އަޅުކަމަށް މި އަހަރުގެ ވެސް ރާއްޖެއިން ފުރީ 1000 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ