ދިރާގާއި ކްލީން މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި 'ދިރާގު ގޯ ގްރީން 2025'ގެ ހާއްސަ ހަރަކާތްތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، މި މަހު 2 އިން 4އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ މަގުސަދަކީ، ދިރާގުން ބުނި ގޮތުގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ އިތުރުން މިފަދަ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމެވެ.
މި ތިން ދުވަހުގެ ހަރަކާތަކީ ދިއްދޫ ކައުންސިލް، ދިއްދޫ ކުރިމަގު ޖަމިއްޔާ، ލޯކަލް އެންޖީއޯތައް އަދި ސްކޫލް ކުދިންގެ އިތުރުން އާންމުންގެ ގިނަ ފަރާތްތަކުގެ އެއްބާރުލުމާ އެކު ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ތަފްސީލް - މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހަރަކާތަކީ، ހއ. ދިއްދޫގައި ހިންގި ގަސް އިންދުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމުގެ ދަށުން:
އެ ރަށުގެ އެކި ހިސާބުތަކުގައި 2،000 ގަސް ވަނީ އިންދާފައި
މި ގަސްތަކަކީ ދިގު މުއްދަތައް ފާއިދާ ލިބޭ ފަދަ ގަސްތަކެއް
އޭގެ ތެރޭގައި މޭވާ އަޅާ ގަސް ކަމަށްވާ އަނބު، ފޭރު، ރޯސް އެޕަލް އަދި އެކި ބާވަތްތަކުގެ ހިޔާ ލިބޭ ގަސްތައް ހިމެނޭ
އިންދި ގަސްތަކުގެ ތެރޭގައި ހިމެނޭ 1،000 ގަހަކީ ދިރާގުން ހަދިޔާކޮށްފައިވާ ގަސް
މީގެ އިތުރުން، 'ދިރާގު ގޯ ގްރީން 2025'ގެ ދަށުން ހިންގި މުހިންމު ހަރަކާތްތަކުގެ ތެރޭގައި:
ހއ. ދިއްދޫގެ ގޭގެޔަށް މޭވާ އަޅާ ގަސް ހަދިޔާކުރުން
ކުނި މެނޭޖްކުރުމާއި ރީސައިކަލްކުރުމާއި ގަސް އިންދުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާ ބެހޭ ގޮތުން ސްކޫލް ކުދިންނާއި އާންމުންނަށް ހޭލުންތެރިކަމުގެ ސެޝަންތައް ބޭއްވުން
އެެއް ފަހަރު ބޭނުންކުރުމަށް ފަހު އުކާލާ ޕްލާސްޓިކުގެ ބާވަތްތައް މަދުކުރުމާ ބެހޭ ގޮތުން، ދިއްދޫ ކައުންސިލާއި ދިއްދޫ ކުރިމަގު އެންޖީއޯގެ ބައިވެރިވުމާ އެކު ޕެނަލް ޑިސްކަޝަނެއް ބޭއްވުން
ކުޑަކުދިންނާއި ޒުވާނުންނަށް ހާއްސަކޮށްގެން، ސަސްޓެއިނަބިލިޓީއާ ގުޅޭ ތީމްތަކަށް ކުރެހުމުގެ މުބާރާތެއް ބާއްވައި ތިމާވެއްޓާ ރަށްޓެހި އިނާމުތައް ދިނުން
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމަށް ދިރާގުން ހަރަކާތުގެ ބައިވެރިންނަށް ރީޔޫޒަބަލް ކޮތަޅު ހަދިޔާކުރުން
ބުނީ ކީކޭ؟ - "މިއީ، ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ ހަރަކާތަށް އެއްބާރުލުންދީ، ރާއްޖޭގެ ގުދުރަތީ ރީތިކަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރައްކާތެރިވުމުގެ މަގުސަދުގައި ހިންގި ހަރަކާތެއް،" ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި އެވެ.
"ތިމާވެށި ރައްކާތެރިކުރުމަށް ދިރާގުން ދޭ އިސްކަމުގެ ދަށުން ކްލީން މޯލްޑިވްސްއާ ގުޅިގެން މި ހިންގި ހަރަކާތަކީ، ދެމެހެއްޓެނިވި އާދަތައް މުޖުތަމައުގައި ކުރިއެރުވުމަށް މަގުފަހިކޮށްދޭ ޕްރޮގްރާމެއް."
ކްލީން މޯލްޑިވްސްގެ ބާނީ އަދި ރައީސް ހަފްސަތު ހަލީމް ވިދާޅުވި ގޮތުގައި، ދެމެހެެއްޓެނިވި ކަންކަމަކީ ހަމައެކަނި އަމާޒެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ، އޭނާ ވިދާޅު ގޮތުގައި، އަންނަން އޮތް ޖީލުތަކަށް ކުރާ ވައުދެކެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ގޯގްރީން 2025 މެދުވެރިކޮށް މި ކުރާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަށް ވުރެ ފެހި، ދުޅަހެޔޮ ރާއްޖެއެއް ކަށަވަރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
ދިރާގާއި ކްލީން މޯލްޑިވްސްއިން ދިއްދޫގައި ތިމާވެއްޓާ ގުޅޭ ހަރަކާތްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ