އީދުގެ ތަހުނިޔާގައި ކިޔުމުގައި އެހާރާއި މިހާރު! އީދުގެ ތަހުނިޔާގައި ކިޔުމުގައި އެހާރާއި މިހާރު!

އީދު ނަމާދުކޮށް އަވަދިވެގެން ގެއާ ހަމައަށް ދެވޭނީ އެތައް ގެއަކުން ސައި ބޮއިގެންނެވެ. ގޭގެއިން ދޭ ދައުވަތު ގަބޫލު ނުކުރުމަކީ ހުތުރު ކަމެއް ކަމަށް ވާތީ، ކޮންމެ މީހަކުވެސް ކޮންމެ ގެއަކަށްވެސް ވަދެ ކޮންމެވެސް ވަރެއް ކޮށްލާނެ އެވެ. ގެއަށް ދާ މަގުމަތީގައި ހުރި ކޮންމެ ގެއެއްގައި ވެސް އުޅޭނީ ތިމާގެ މީހުންނެވެ. އެ ގޭގެ މީހުންނާ ތިމާގެ ވަނީ ކިހިނެއްކަން ކޮންމެ ގެއަކުންވެސް ކިޔައިދޭނެ އެވެ. ދެނަހުރީމުހޭ، ކަލޭގެ މުނިކާފައާއި، މަގޭ މުނިމާމަގެ ބޮޑުދައިތައަކީ ދެބެއިންނޭ ބުނެ މިއީ އެއް ލޭ ހިނގާ ބައެއްކަން ކިޔައިދެނީ ނުހަނު ކަށަވަރު ކަމާއެކުގަ އެވެ. ކޮންމެ ގެއަކުންވެސް ސައިގެ ދައުވަތު ދޭނީ ހިނިތުންވުމާއެކު އީދު މުބާރަކު ކިޔައި މަރުހަބާ ކިޔަމުންނެވެ. އެންމެންގެ މޫނު މަތިން ފެންނަ އުފާވެރި ހިނިތުންވުމަށް ބަލާއިރު، އައިސްގެން މިއުޅެނީ އީދެއްކަން ގައިމުވެ އެވެ.
ޒަމާން ބަދަލުވެ، މީހުންގެ އާދައާއި، ދުނިޔެވީ އިންތިޒާމުތައް ބަދަލުވަމުން ދަނީ ހައިރާންވާހާ އަވަހަށެވެ. އަޅުގަނޑުމެން އުމުރުގެ މީހުން ކުޑައިރު --ދާދި އިހަކަށް ދުވަސް—މިއަދާ ހާސްބައި ތަފާތެވެ. އީދު ވިލޭރޭގެ ފޯރިގަދަ ހަރަކާތްތަކުގައި ބައިވެރިވާން ރޭ ދެބައިވަންދެން ހޭލާ ތިބުމުގެ ފުރުސަތު އަޅުގަނޑުމެން އުމުރުގެ ކުދިންނަށް ލިބޭނީ މިކަހަލަ މަދު ރެއެއްގަ އެވެ. އެވަރުންވެސް ކޮންމެވެސް ބަހަނާއެއް ދައްކައި ނިދަން ފޮނުވާލެވޭތޯ ބޮޑެތި މީހުން މަސައްކަތް ކުރާނެ އެވެ. އެކަމަކުވެސް އެރޭގެ އުފާވެރިކަމުގައި ބައިވެރިވާން ހޭލާ ތިބޭން އަޅުގަނޑުމެން ގަދަ ހިތްވަރު ކުރަމު އެވެ.
އީދު ދުވަހު އަޅުގަނޑުމެންނަށް އެންމެ ހާއްސަ އެއް ކަމަކީ އީދު ހެދުމެވެ. އީދަށް އައު ހެދުމެއް ލުމަކީ ލާޒިމު ކަމެކެވެ. ހެދުން ފައްސާނަމަ އެއްބަނޑު އެއްބަފާ އެންމެން ހެދުން ފައްސާނީ އެއް ކުލައެއްގެ ފޭރާމުންނެވެ. އީދު ނަމާދުގެ ޖަމާއަތުގައި ތިބޭއިރު ހީވާނީ ބޮޑު މުބާރާތެއްގެ އިފްތިތާހީ ޖަލްސާއަށް އެ މުބާރާތުގެ ޓީމުތައް އެ ޓީމުތަކުގެ ޖާޒީ ލައިގެން ހާޒިރުވެތިބޭހެންނެވެ. އާއިލާގެ އެންމެން އެއްކޮށް އީދު ނަމާދަށް ދާއިރު މިސްކިތާ ގާތްވާ ވަރަކަށް 'ﷲ އަކުބަރު ﷲ އަކުބަރު ލާއިލާހަ އިއްލަﷲ ﷲ އަކުބަރު ވަލިއްލާހިލް ހަމްދު' ގެ އަޑު ގަދަވަމުން ދާނެ އެވެ. އެ އަޑު ޖެހުމާއެކު އިމާމުގެ އަޑުދަށުން ތަކުބީރު ކިޔަން ޖެހެ އެވެ. އީދު ނަމާދުކޮށް ނިމި، ހުތުބާއަށް ފަށާއިރު މާ ދުރުން އަވަސް ހިނގުމުގައި މިސްކިތާ ދިމާއަށް އަންނަ ބައެއް މީހުން ފެނި މިސްކިތުގައި ތިބޭ މީހުން އެކަކު އަނެކަކަށް ނިތް އަރުވައި އެ މަންޒަރު ދައްކާނެ އެވެ. މިސްކިތުން ނުކުންނަ ގޮތަށް އެ ބަޔަކާ ސަމާސަ ގޮތުން ދިމާކުރަން ފަށާނެ އެވެ. ގަޑިއަށް ހޭނުލެވިގެން ވިޔަސް އީދު ނަމާދު ގެއްލުމަކީ ލަދުވެތި ކަމެކެވެ.
އީދު ނަމާދުކޮށް އަވަދިވުމާއެކު އެވީ ތިމާގެ މީހުންނަށް ޒިޔާރަތްކުރާށެވެ. މިއަދަކީ ކޮންމެ ގެއަކުންވެސް އީދު ބޯކިބާ ލިބޭނޭ ދުވަހެވެ. ދެ ވައްތަރުގެ ބޯކިބާއަކީ މިހާރު މި ލިބޭހެން ބޭނުން ކޮންމެ ދުވަހަކު ލިބޭނޭ އެއްޗެއް ނޫނެވެ. ކޮންމެ ގެއަކުންވެސް ކިޔާނީ ހޫނު މަރުހަބާއެކެވެ. އީދު މުބާރަކޭ ބުނެ މަރުހަބާ ކިޔާއިރު އެއީ ހިތުގެ އަޑިން ކިޔާ މަރުހަބާއެއްކަން މޫނުމަތިން ފެންނާނެ އެވެ.
ސައިގެ ކަންކަމުން އަވަދިވުމަށްފަހު ދެން އެ ފެށުނީ ފެންކުޅިއާއި، އެކި ކުޅިވަރުތަކެވެ. ފެންޖެހުމުގެ އިތުރުން ބައެއް ފަހަރު ވަޅަށް ވެސް ލަ އެވެ. މީހެއްގެ ޖީބުގައި އޮތް އަގުބޮޑު އިލެކްޓްރޯނިކް އާލާތެއް ހަލާކުވެދާނެތީ ވިސްނާކަށް ނުޖެހޭނެ އެވެ. ފެންޖެހިގެން ހަލާކުވެދާނޭ ކަހަލަ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ އެވެ. ބޮޑު އީދުގެ ތިން ދުވަސް ހޭދަވާނީ މިފަދަ ކުޅިވަރުތަކުގެ އުފާވެރިކަމުގަ އެވެ.
އެ ޗާލާ ޒަމާން ލޮލުކޮޅަށްގޮސް އެ އޮބާލީ ލޮނދި ހިކައެއްހެންނެވެ. ކުރަން ހިތުލައިގެން ހުރި އެތައް ކަމެއް ނުކުރެވި ހުއްޓައެވެ. މިހާރު އެއިން ކަމެއްގެ ފުރުސަތުވެސް ނެތީ އެވެ. ނުވެސް އެނގިހުއްޓައި، ވަގުތުގެ ބުރު ހިނގަމުން ގޮސް މި ހޭލެވުނީ 'ތަރައްގީއާއި ތަހުޒީބުގެ' ޒަމާނަކަށެވެ. މިހާރު ތިމާގެ މީހުންނާއި އެކުވެރިންގެ ފަރާތުން ލިބެނީ އީދު ތަހުނިޔާގެ މެސެޖެކެވެ. ބައެއް ފަހަރު ފޮޓޯއެއް ނުވަތަ ވީޑިއޯ މެސެޖެކެވެ. އެ މެސެޖުތައް ހުޅުވައިގެން ކިޔާނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ބާވައޭ ހިތަށް އަރަ އެވެ. އަޅުގަނޑެއް ހަމަ ގައިމުވެސް އެއިން މެސެޖެއް ނުވެސް ހުޅުވަމެވެ. އީދުގެ ތިން ދުވަސް ފަހުން އެ ހުރިހައި މެސެޖެއް އެއްފަހަރާ ސިލެކްޓްކޮށް 'ރީޑް އޯލް' ބަޓަނަށް ފިއްތާލީމާ ހުންނާނީ ރަނގަޅަށެވެ.
މި ޒަމާނުގެ އީދު އަންނަނީ ހިނިތުންވަމުންނެއް ނޫނެވެ. ރީތިވިހާ ލަވަ ކިޔަމުން، މާމަލުގައި ނަލަ ކުލަ ޖައްސަމުން އީދު އައި ޒަމާން ވަރަށް ގިނަ ބަޔަކަށް މާޒީ ވެއްޖެ އެވެ. އެހެންނަމަވެސް އެއީ އަލުން ގެނެވޭނޭ ޒަމާނެކެވެ. އޭރު އަޅުގަނޑުމެން ޖެހިހައި ސަކަރާތެއް ޖެހުމަކީ މިހާރު ފަހަރުގައި ނުވެދާނޭ ކަމެކެވެ. އެހެންނަމަވެސް އީދުގެ އުފަލުގެ ބޮޑުބައި އަދިވެސް އަޅުގަނޑުމެންނަށް އަތުލެވޭނެ އެވެ.
މި އީދަކީ ހީނަރުވެފައިވާ ގުޅުންތައް ރަނގަޅުކޮށް، އާއިލާއާއި ރަށްޓެހިންނާ ބައްދަލުވެލައި އުފާވެރިކަމާއި، ހިތްހެޔޮކަން އިސްކުރަން ލިބޭ ފުރުސަތަކަށް ހެދުމުގެ ހެޔޮ ތައުފީގު ތިބާއަށާއި އަޅުގަނޑަށް މިންވަރު ކުރައްވާށި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ