ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދަން، ޚަލީލް ކުވޭތަށް
ކުވޭތުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޢަލީ އަލް ޔަހްޔާގެ ދަޢުވަކަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި މިއަދު ކުވޭތަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓްރީން ބުނީ، މި މިދަތުރުފުޅުގައި މިނިސްޓަރު ކުވެއިތުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްއާއި މިނިސްޓާ އޮފް އިންވެސްޓްމަންޓާއި ފިނޭންސް މިނިސްޓަރުގެ އިތުރަށް ކުވޭތު ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ޚަލީލް ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ކުވޭތަކީ ރާއްޖެއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫޢުތަކަށް އެހީތެރިވެދޭ ގައުމެކެވެ. މިގޮތުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ދީފައިވާއިރު، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ވެސް އެހީ ފޯރުކޮށްދެއެވެ. މިނިސްޓަރުގެ އަރިހުގައި މި ދަތުރުފުޅުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާއާއި ޕޮލިޓިކަލް ޑިރެކްޓަރު ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެ ވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ