ފައްޔާޒުގެ ދިފާއުގައި ޝާހިދު: ދައުވާއަކުން ނުވަތަ ޗިޓަކުން ފަހަތަކަށް ނުޖެއްސޭނެ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ ދިފާއުގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ތެދުވެ، ދައުވާއަކުން ނުވަތަ ޗިޓަކުން އެމްޑީޕީ ފަހަތަށް ނުޖެއްސޭނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, އެމްޑީޕީގެ އިސް އެކްޓްވިސްޓް މަރިޔަމް ޒުބައިރު (މަންދީ)އާއި ފައްޔާޒާ ދެކޮޅަށް ސިވިލް ކޯޓަށް ފުރަތަމަ މައްސަލަ ހުށަހެޅުމަށްފަހު، އިތުރު ދައުވާއެއް ކުރުމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރާތުން ވަނީ ފެމިލީ ކޯޓަށް ވެސް ހުށަހަޅައިފައެވެ. https://sun.mv/204854 މިކަމާ ގުޅިގެން ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީއާއި ފައްޔާޒް އަދި އެ ޕާޓީގެ އިސް ހަރަކާތްތެރީންގެ މައްޗަށް އެކި ނަންނަމުގައި ދައުވާ އުފުލައި، މައްސަލަތައް ބެލުމަށް ކުރާ ކަންކަމަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ހިންގާ، ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ. https://x.com/abdulla_shahid/status/1912497254281408737 "ތިޔަގޮތަށް ކޮށްލާ ދަޢުވާއަކުން ނުވަތަ ފޮނުވާލާ ޗިޓަކުން، އެމްޑީޕީގެ ލަޝްކަރު ފަހަތަށް ނުޖެއްސޭނެ،" އެ ޕޯސްޓުގައި ވެއެވެ. ރައީސްގެ އަނބިކަނބަލުން, މަންދީގެ މައްޗަށް ދައުވާ ކުރަން ނިންމެވީ, އެމްޑީޕީން މިދިޔަ މާރިޗު މަހު ކުރިއަށްގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނާވަނީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ ރައީސްގެ ދަރިކަލުން ވޭޕް ކުރައްވާތީ ކަމަށް ތުހުމަތުކޮށްފައެވެ. ފަސްޓް ލޭޑީ ސާޖިދާގެ ގާނޫނީ ވަކީލް, އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ، ދަރިކަލުންގެ ފުރާނައަށް ނުރައްކާވާނެ ހާލަތެއް މެދުވެރިކުރުވި ކަމަށް ތުހުމަތުކޮށް ފެމިލީ ކޯޓަށާއި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދާހަމަ ހިއްސާކުރައްވާފައެވެ. ކުރިން އާޒިމާ ވިދާޅުވީ، އެ މައްސަލައިގައި މަންދީއަށް ދައުވާ ކުރާއިރު، އެމްޑީޕީއަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. އެއީ އެ ވާހަކަތައް ދައްކައިފައިވަނީ އެ ޕާޓީގެ އެއްވުމެއްގައި ކަމަށްވާތީ ކަމަށެވެ. ފައްޔާޒަށް ދައުވާ ކުރަނީ އޭނާ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެމްޑީޕީންވަނީ، މުޒާހަރާގައި ދައްކައިފައިވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ. އެމްޑީޕީގެ މުޒާހަރާގައި ރައީސްގެ ދަރިކަލުންނާ ގުޅޭ ގޮތުން ދެއްކި ވާހަކަ އިލެކްޝަންސް ކޮމިޝަން (އީސީ)އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ވަނީ ކުށްވެރިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ