ބަންދުން ދޫކޮށްލަން އެދި ރައުދު ހައިކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

މިދިޔަ މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު, ބަންދުން ދޫކޮށްލަން އެދި އޭނާ ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ބަލައިގެންފިއެވެ. ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު ފުލުހުން ހިންގަނީ ނުފޫޒެއްގެ ތެރެއިން ވަކި އަތަކަށް ޖެހި ކަމަށް ބުނެ, ޒުވާނުން މަގުތަކަށް ނުކުމެ އިހުތިޖާޖު ފަށާފައިވަނިކޮށް, ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެ ފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، ތިން ފަހަރެއްގެ މަތިން ވަނީ އޭނާގެ ބަންދުގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އެގޮތުން އެންމެ ފަހުން އޭނާގެ ބަންދަށް 20 ދުވަސް އިތުރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. https://www.sun.mv/206059 ބަންދުން ދޫކޮށްލަން އެދި ރައުދު ހައި ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިހާރު އެ ކޯޓުން ވަނީ ބަލައިގެންފައެވެ. ހައި ކޯޓުގެ ވެބްސައިޓުން އެނގޭ ގޮތުގައި މިހާރު އެ މައްސަލަ ވަނީ ރަޖިސްޓްރީ ކޮށްފައެވެ. އިސްތިއުނާފުގެ އަޑު އެހުންތައް ފަށާނެ ދުވަހެއް އަދި ނޭނގެއެވެ. މިއީ ޒުވާނުންތަކެއް މަސްތުވާތަކެއްޗާއެކު ޕާޓީ ކުރިފަހުން ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުނި ނަމަވެސް ރައުދު ފިޔަވާ އިތުރު ބަޔަކު މި މައްސަލައިގައި އަދި ހައްޔަރެއް ނުކުރެއެވެ. ނަމަވެސް ފުލުހުން ވަނީ މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ހާމަކޮށް, އެ މީހުން ރާއްޖޭން ބޭރަށް ނުދެވޭނެހެން ޕާސްޕޯޓް ހިފަހައްޓައިފައެވެ. އޭގެ ތެރޭގައި މި ސަރުކާރުގެ ވަޒީރެއްގެ އާއިލާ މެންބަރުންތަކެއް ވެސް ހިމެނެއެވެ. ފުލުހުން އެދިގެން، ރައުދުގެ ކްރިމިނަލް ކޯޓުގެ ބަންދު އަމުރުތައް ވަނީ ސިއްރުކޮށްފައެވެ. އެހެންވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް މިހާތަނަށް ސާފުވެފައި ނުވެއެވެ. ފުލުހުން ވަނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށް ބުނެފައެވެ. އެކަމަކު، އޭނާއާ ހަވާލާދީ އާއިލާގެ ފަރާތުން ވަނީ އެއީ އަމިއްލައަށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ. ހާދިސާ ހިނގި ހ. ފެންޓެނޯއީ ގޭގައި އުޅުނީ ވެސް މި މައްސަލައިގައި ހައްޔަރުކުރި ރައުދާއި ދެ މީހުން އެކަނި ނޫން ކަމަށާއި އިތުރު ހަތަރު މީހުން އުޅުނު ކަމަށް އާއިލާއިން ޔުމްނުއާ ހަވާލާދީ ބުނެފައެވެ. އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ، މި މައްސަލައިގައި ޔުމްނުގެ ބަހެއް ހޯދުމަކީ ތަހުގީގަށް މުހިންމު ކަމެއް ކަމަށް ދެކިގެން އެ ފުރުސަތު ހޯދަން ފުލުހުން ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނެފައެވެ. އެކަމަކު، ޔުމްނުގެ ސިއްހީ ހާލަތުގެ ސަބަބުން އެ ކަން މިހާތަނަށް ނުވެ އޮތީ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ފުލުހުން ބުނީ، ހާދިސާ ހިނގި ފެންޓެނޯއީ ގެއަކީ ރައުދާއި ޔުމްނުއާ އެއްވެސް ގުޅުމެއް ނެތް ގެއެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ