ހުލާސާކޮށް އިއްޔެ: މައުލޫމާތު ނުދީ، ދިނީ މައްސަލަ ބަލާކަމުގެ "އިންޒާރެއް" ހުލާސާކޮށް އިއްޔެ: މައުލޫމާތު ނުދީ، ދިނީ މައްސަލަ ބަލާކަމުގެ "އިންޒާރެއް"

ރައީސުލްޖުމްހުރިއްޔާ އަށް ހާއްސަކޮށްފައިވާ، ކ. އާރަށަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަޑައިގެންނެވި އަދަދު ހޯދަން ހުށަހެޅުމުން އެއީ މައްސަލައަކަށް ހަދައި އެކަން ތަހުގީގު ކުރަން ފަށައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އަދަދު ނޫހާއި އަމިއްލަ ފަރާތަކުން މި މައުލޫމާތަށް އެދުމުން ޑިފެންސް މިނިސްޓްރީން ދީފައިވަނީ ދާދި އެއް ޖަވާބެކެވެ. އެގޮތުން ރައީސްގެ ދެކަނބަލުން އާރަށް ވަޑައިގެންނެވި އަދަދާއި އެ ރަށަށް ކުރާ ހަރަދުތައް ހާމަކުރެވެން ނެތް ކަމަށް ޑިފެންސުން ބުނެފައިވެ އެވެ.
ޖަވާބު ނިންމާލަމުން ޑިފެންސުން ބުނެފައިވަނީ މި މައުލޫމާތަކީ ރައީސް އަދި އެމަނިކުފާނުގެ އާއިލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ގޮތަކަށް ބޭނުންކުރެވޭނެ މައުލޫމާތެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުގެ މަގުސަދު ދެނެގަތުމަށް ކުރަންޖެހޭ ކަންކަން ދިފާއީ ބާރުން ކުރާނެ ކަމަށް ސިފައިންގެއިން ބުނެފައިވެ އެވެ.
އާރަށުގެ މަރާމާތާއި ރިކަރެންޓަށް ދާ ހަރަދު ކުރަނީ ސިފައިންގޭގެ ބަޖެޓުންނެވެ. މި ތަފުސީލުތަކާއި ރައީސް އާއެކު އާރަށަށް ދާ ސަރުކާރުގެ ވެރިންގެ ތަފުސީލު ވެސް ޑިފެންސުން ވަނީ ސިއްރުކޮށްފަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ހިނގައިދިޔަ ދޮޅު އަހަރުގެ ތެރޭގައި، ރައީސްގެ ދެކަނބަލުން އާރަށަށް ވަޑައިގެންނެވީ ކިތައް ފަހަރުތޯ ސާފުކުރުމަށް މި ނޫހުން ރައީސް އޮފީހުގައި ވެސް އެދިފައިވާނެ އެވެ. އެ އޮފީހުން ޖަވާބުގައި ބުނީ މިއީ އެ އިދާރާއިން ބަލަހައްޓާ ހިސާބުތަކެއް ނޫން ކަމަށެވެ.
ރައީސްގެ ދެކަނބަލުން އާރަށަށް ގިނަ އަދަދަކަށް ދަތުރުކުރާ ކަމަށާއި އެ ރަށަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާ ކަމަށް ދަނީ އަޑުފެތުރެމުންނެވެ.
އޭގެ ފަހުން އޮކްޓޯބަރު 30، 2024، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއާ ނޫސްވެރިޔަކު ވަނީ ސުވާލު ވެސް ކޮށްފަ އެވެ. ނަމަވެސް އެ ސުވާލަށް ހީނާ ސީދާ ޖަވާބެއް ނުދެއްވަ އެވެ.
އެގޮތުން ވިދާޅުވީ، އާރަށަށް ވަޑައިގަތުމަކީ ރައީސުންނަށާއި ރައީސުންގެ އަނބިކަނބަލުންނަށް ލިބިދޭ އިހުތިޔާރެއް ކަމަށެވެ. އަދި އެ ރަށުގައި ވަޒީރުންނާ އެކު ބައްދަލުވުންތައް ބޭއްވުމަކީ ވެސް ލިބިފައި އޮތް އިހުތިޔާރެއް ކަމުގައި ހީނާ އެދުވަހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ