ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެ: ރައީސް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް މިއަހަރު އޮކްޓޫބަރުގެ ކުރިން ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ. ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ވީ.އައި.އޭގައި މިހާރު ބޭނުންކުރާ އިންޓަރނޭޝަނަލް ޓަރމިނަލަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޓާރމިނަލެކެވެ. އެހެންނަމަވެސް 78 ހާސް އަކަ މީޓަރުގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން އެއްރަށުން އަނެއް ރަށައް ދަތުރުފަތުރު ކުރުމަކީ ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެއްކަމަށެވެ. އެހެންކަމުން އާންމު ރައްޔިތުންނަށްވެސް ޒަމާނުންސުރެއް އޮތް ދަތުރުފަތުރުގެ ދަތިކަމަށް ހައްލުހޯދައި ދިނުމާއި ފަތުރުވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން އެތައް މަސައްކަތެއް ކުރިމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް މިއަހަރުގެ އޮކްޓޫބަރުގެ ކުރިން ހުޅުވޭނެކަމަށާއި ހަނިމާދޫ އެއަރޕޯޓާއީ އައްްޑޫ ގަން އެއަރޕޯޓް މި އަހަރު ހުޅުވުމާއި މީގެ އިތުރުން މ.މުލީ އެއަރޕޯޓް އެޕްރީލް މަހު ހުޅުވުމުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު އެއއަރޕޯޓްތަކެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ އިތުރުން ފ. ނިލަންދޫ، ތ.ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެއްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ، ތުޅާދޫ، ލ. ކައްދޫ އެއަރޕޯޓްގެ މަސައްކަތް މި އަހަރުގެ އެކި މަރުހަލާތަކުގައި ކުރިއްދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މި މަސައްކަތްތަކުގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއަރޕޯޓުގެ ޙިދުމަތް ފުޅާކުރުމަށް އެމަނިކުފާނު ވައުދުވެފައިވާ ގޮތަށް މަސައްކަތް މި އަހަރު ފެށިގެން ދާނެކަމަށެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީ ކުރެވޭނީ އެންމެފަހުގެ ޒަމާނީ ވަސީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޓަރމިނަލްގައި ހުންނާނެއެވެ. އައު ޓަރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފިލުވައިދީ، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައް އެތަނުގައި ގާއިމުކުރެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ