ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަންކަން ހާމަކުރެއްވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް މިއަދު ބޭއްވި، ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ކޮންމެ ރައްޔިތަކަށް ބޭންކިންގ ޚިދުމަތް، އެ ރައްޔިތަކު ދިރިއުޅޭ ފަސްގަނޑަކުން ލިބޭނޭގޮތް ފަހިވެފައި އޮތުމަކީ، ކޮންމެހެން ބޭނުންތެރިކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، ކިތަންމެ އާބާދީ ކުޑަޔަސް، ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭޓީއެމް ބެހެއްޓި، ޚިދުމަތް ދޭން ފެށޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) ގެ އޭޓީއެމް ބެހެއްޓި ޚިދުމަތް ދޭން ފެށޭނެކަމަށާއި، މިއަންނަ އަހަރު އިތުރު 10 ރަށެއްގައި އެމް.އައި.ބީގެ އޭ.ޓީ.އެމް ބެހެއްޓުމަށް ނިންމާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އުފާވެރި ދިރިއުޅުމަކަށްޓަކައި، ޙަރަކާތްތެރިކަމަކީ ވަރަށް މުހިންމުކަމެއްކަމުގައި ފާހަގަކުރައްވައި އެކަމަށް މަގުފަހިކުރުމަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަސީލަތްހަމަ، ފެންވަރު ރަނގަޅު ކުޑަކުޑިންގެ ޕާކަކާއި، އެކި އުމުރުތަކަށް ބޭނުންކުރެވޭ އައުޓްޑޯ ޖިމެއް، އަދި ވަސީލަތްހަމަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުޅުވިގެންދާނެކަންވެސް މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އަރައި ފޭބުމުގެ ދަތިކަން ހުރި ރަށްތަކަށް ސަރުކާރުގެ ބަޖެޓުން ޖާގަ ލިބޭ މިންވަރަކުން ބަނދަރު ތަރައްޤީކުރައްވާނެކަމަށާއި، މިހާރުވެސް 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ކުރައްވަމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރުން 10 ރަށެއްގައި ބަނދަރުގެ މަޝްރޫޢު ފެށިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން މި ސަރުކާރުން 45 ރަށެއްގެ ފެނުގެ ޚިދުމަތް، އަދި 40 ރަށެއްގެ ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ނިންމާފައިވާކަމަށާއި. ފެނުގެ ޚިދުމަތް ނުލިބި އޮތް 56 ރަށާއި ނަރުދަމާގެ ޚިދުމަތް ނުލިބި އޮތް 45 ރަށުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރު ތެރޭ މުޅިން ނިންމާ، 2026 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދީ ނިމޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭ ސަރަހައްދުގެ ފެނުގެ ޚިދުމަތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މި އަހަރުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ފެނުގެ ވިޔުގަ ގުޅާލުމުގެ މަސައްކަތް ނިންމާ މާލެ ސަރަހައްދަށް ފެން ފޯރުކޮށްދިނުމަށް ސިނަމާލެ ބްރިޖްމަތީގައި އަޅާފައިވާ ހޮޅި ބޭނުންކުރަންފެށޭނެކަމަށާއި، މާލެ ސަރަހައްދުގައި ފެން އުފެއްދޭ މިންވަރު މި އަހަރު ތެރޭގައި 25 އިންސައްތަ އިތުރު ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު މާލޭ ސަރަހައްދުގައި ފެން ރައްކާ ކުރުމުގެ ޤާބިލުކަން މިއަހަރުގެ ތެރޭގައި 30 އިންސައްތަ އިތުރު ކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން "މަގޭ ސާފު ރާއްޖެ"ގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލައްވައި ތަންފީޒުކުރައްވަން ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރިޔާސީ ބަޔާން 2025: ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޭނުންވާނެ ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ