2024ވަނަ އަހަރަކީ ރާއްޖޭގަ އިސްލާމް ދީން ކުރިއަރުވަން ސަރުކާރުން ޢަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްކުރި އަހަރުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައިފިއެވެ.
ރިޔާސީ ބަޔާން 2025 އުސްއަލިތައް- (އިސްލާމް ދީނުގެ ބައިން)
މިކަމުގައި އަޅުގަނޑުގެ މަންހަޖަކީ، ކުރީއަހަރުގެ ވެސް މަންހަޖު. އެއީ ދިވެހި އުންމަތުގެ ހާލާއި، މުސްތަޤުބަލު ކަނޑައެޅުމުގައި އެންމެ މުހިންމު އަސާސްތަކަކީ، މާތްވެގެންވާ އިސްލާމްދީނާއި، ދިވެހީންގެ އަމިއްލަވަންތަކަމާއި، ދިވެހީންގެ މިނިވަންކަމާއިސިޔާދަތު ރައްކާތެރިކުރުންކަން ކަށަވަރުކުރުން.
ވަކިން ޚާއްޞަކޮށް ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުން. އިސްލާމީ ރިވެތި ސިފަތަކުން ޒީނަތްތެރިވެފައިވާ މުޖުތަމަޢެއް ބިނާކުރުން.
އިސްލާމީ ޝަރީޢަތް ނަގަހައްޓާ، އިސްލާމީ އުސޫލުތައް ހިފަހައްޓާ ގައުމެއްގެ ގޮތުގައި ދެމިތިބުމަށް، ނުގުޑާ ޢަޒުމަކާއެކު ކެނޑިނޭޅި މަސައްކަތްކުރުން.
ފާއިތުވި އަހަރު މުޅި ރާއްޖެއަށް އަމާޒުކޮށްގެންގިނަގުނަ މަސައްކަތްތަކެއް ކުރިން. ދިވެހީންގެ އިސްލާމީ އަޤީދާ ވަރުގަދަކުރުމަށް ޓަކާ. މާތްވެގެންވާ އިސްލާމްދީނާ މެދު، ދިވެހީންގެ ހިތްތަކުގައި ލޯބި އިތުރުކުރުމަށް ޓަކާ. އިސްލާމީ އަޚްވަންތަކަމުން މުޖުތަމަޢުގެ ގުޅުންތައް ބަދަހިކޮށް، އިސްލާމީ އަޚްލާޤުން މުޖުތަމަޢުގެ ސުލޫކު ޒީނަތްތެރިކުރުމަށްޓަކާ.
މުޅި ރާއްޖެއަށް އަމާޒުކޮށްގެން ރިސާލަތު ޕްރޮގްރާމްގެ ނަމުގައި ޚާއްޞަ ޕްރޮގްރާމެއް ފަރުމާކޮށް، މި ދިޔަ އަހަރުވާނީރާއްޖޭގެ އެކިކަންކޮޅުތަކުގައި އެ ޕްރޮގްރާމު ހިންގިފާ. އަދި މިއަހަރު ވެސް، ރިސާލަތު ޕްރޮގުރާމް މެދުކެނޑުމެއް ނެތި، ކުރިޔަށް ދާނެ.
ނަމާދަކީ ހުރިހައި މުންކަރާތްތަކުން އިންސާނާ ދުރުހެލިކޮށްދޭ އަޅުކަމެއްކަމުގައި ލައްވާފައިވުމާއި އެއީ އިސްލާމް ދީނުގެ އެންމެ ހަރުދަނާ އެއް ތަނބުކަމަށް ޝަރުޢުގައި ލައްވާފައިވާތީ، ދިވެހި މުޖުތަމަޢު ފަރުޟު ފަސް ނަމާދަށް އަހުލުވެރިކުރުވުމުގެ މާތް މަޤުޞަދުގައި "ނަމާދު މަތިވެރިކުރުން" މި ނަމުގައި ވެސް މުހިންމު މަޝްރޫޢެއް ވާނީ ފަށައިފަ.
ޝައްކެއްވެސް ނެތްގޮތުގައި ދުނިޔެ ދުށް އެންމެ މަތިވެރި ލީޑަރަކީ އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމް. މިއީ އިލާހީ އެންގެވުމުގެ އިތުރަށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވެސް އެ މައްޗަށް އެތައް އިޢުތިރާފެއްވެ، އެތައް ފޮތެއް ލިޔެ އެ މައުޟޫޢުގައި ޝާއިޢުކުރެވިފައިވާ ސާފު ޙަޤީޤަތެއް. އެހެންކަމުން ލީޑަރޝިޕް ކޮލިޓީ އެންމެ ރަނގަޅަށް ހުންނަންވާނީ މުސްލިމުންގެ ކިބައިގާ. ވީމާ،
އިސްލާމީ ލީޑަރޝިޕް ކޮލިޓީ އުގަންނައިދީ ހޭލުންތެރިކުރުވުމަށްޓަކައި "އިސްލާމީ ލީޑަރޝިޕް މެނޭޖްމަންޓް" ޕްރޮގްރާމެއް އެކަމާގުޅުންހުރި ދާއިރާތަކާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން، މި އަހަރު ކުރިއަށް ގެންދާ ގޮތަށް ވާނީ ހަމަޖައްސާފާ.
މިސްކިތްތަކާބެހޭ ޤައުމީ މަޖިލީސް ވާނީ އަލުން އުފައްދާފަ. މަޖިލީހުގެ ބައްދަލުވުންތައް ބާއްވައި، މިސްކިތްތަކުގެ ޙާލަތު ދަނީ ދުވަހުން ދުވަހަށް ބެލެމުން ބެލެހެއްޓެމުން.
ދައުލަތުގެ ބަޖެޓުން 2024 ވަނަ އަހަރު 7،868953.00ރ (ހަތްމިލިއަން އަށްލައްކަ ފަސްދޮޅަސް އަށްހާސްނުވަސަތޭކަ ފަންސާސް ތިންރުފިޔާ) މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުކުރުމަށް ވާނީ ޚަރަދު ކުރެވިފާ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރުމުގެ 35 މަޝްރޫޢު މިއަހަރު ކުރިއަށްގެންދެވޭނެ.
ޒަކާތަކީ މާތްވެގެންވާ އިސްލާމް ދީނުގެ މުހިންމު އަނެއް ރުކުން. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޒަކާތަކީ އިޖުތިމާޢީ ޢަދާލަތުގެ ވަރަށް ޚާއްޞަ އެއް އަސާސް. ޒަކާތުގެ ސަބަބުން އިންތިހާއީ ފަގީރުކަން ނައްތާލެވި މާލީ ފުދުންތެރިކަމެއް މުޅި ޤައުމުގައި އަށަގެންނެވޭ. އޭގެ ސަބަބުން ކުލުނާއި ލޯތްބާއި ހަމަޖެހުން ޤާއިމުކުރެވޭ. މިއީ އިސްލާމީ ތާރީޚު ކަށަވަރުކޮށްދީފައިވާ ޙަޤީޤަތެއް. އެހެންކަމުން ޒަކާތުގެ ނިޒާމު ހަރުދަނާކޮށް ފުޅާކުރުމަށް ޓަކާ ޒަކާތު ހައުސް އުފެއްދިކަން މި ދިޔަ އަހަރު މި ފިޔަވަޅުމަތީ ހުއްޓިހުރެ އަޅުގަނޑު ވާނީ ދަންނަވާފާ. ޒަކާތު ހައުސްގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ލިބުނު މަންފާއަށް ބަލާއިރު، ފަޤީރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ވަސީލަތްތައް މިހާރު ވަނީ ޤާއިމުކޮށްދޭން ފަށައިފާ.
ޒަކާތުގެ ނިޒާމު ލާބަހުރި ޒަމާނީ ގޮތެއްގައި ތަރުތީބުކުރުމަށް ޓަކައި ހަދަންޖެހޭ އުޞޫލުތަކާއި،ޤަވާޢިދުތައް އެކުލަވާލައި ވާނީ ފާސްކުރެވިފާ.
ޒަކާތުގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކުރިޔަށް ގެންދިޔުމަށް ޓަކާ ބޭނުންވާ ފަންނީ ޤާބިލުކަން ލިބިގަތުމަށް ޓަކާ، "އިންޒެކް" އިންޓަރނޭޝަނަލް ޒަކާތު ކޮންފަރެންސްވަނީ ބޭއްވިފާ.
ޒަކާތުގެ ނިޒާމު ޒަމާނީކުރެވި އުސޫލުތައް ހިނގާންފެށުމުން ޤައުމުގެ މާލީ އިޖުތިމާޢީ ޢަދާލަތަށް، ނުވަތަ މުޖުތަމަޢުގެ އާންމު ފޯރުންތެރިކަމުގެ ނިސްބަތަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސް، އިރާދަކުރެއްވިއްޔާ އިންތިހާއީ ފަގީރުކަން ނެތް ދުވަހެއް ވަރަށް އަވަހަށް ދިވެހީން ދެކޭނެ.
އިސްރާއީލާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް ހުށަހަޅާފައިވާ އެޕްލިކޭޝަނަށް ރާއްޖެއިން ތަދައްޚުލުވުމަށް ނިންމައި، ރާއްޖޭން ވާނީ ފާއިތުވި އަހަރު ޑެކްލަރޭޝަން އޮފް އިންޓަރވެންޝަން ހުށަހަޅާފަ. ހަމަ އެހެންމެ އަނިޔާ ލިބެމުންދާ ފަލަސްޠީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކާ، އ.ދ. އާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅިގެން އިސްރާއިލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު އ.ދ.ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރު ދިވެހި ރައްޖޭން ވާނީ ކޯ ސްޕޮންސަރކޮށްފާ. ޣާޒާގެ ބިމަކީ ފަލަސްތީން ރައްޔިތުންގެ މިލްކެއް. ޣާޒާއިން ފަލަސްތީން ރައްޔިތުން ބެލުމަށް އެއްވެސް ފަރާތަކުން ކުރާއެއްވެސް ކަމަކަށް ދިވެހިރާއްޖެއިން ދުވަހަކުވެސް ތާއީދުނުކުރާނެ. އަޅުގަނޑުމެން އަބަދުވެސް ވަކާލާތު ކުރާނީ 1967ގެ ކުރީގެ ބޯޑަރު ތަކަށް ތަބާވެ، އިރުމަތީ ޖެރޫސަލަމްއަކީ ފަލަސްތީންގެ ވެރިރަށްކަމުގައި ޤަބޫލްކޮށް، ފަލަސްތީންގެ ވަކި ދައުލަތެއް އުފެއްދުމަށް. އަދި ވަކި ދައުލަތެއް ޤާއިމްކުރުމަށް ފަލަސްތީން ރައްޔިތުން ދެކެމުން އަންނަ ހުވަފެން ޙަޤީގަތަކަށް ހެދުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދާއި އެހީތެރިކަން ފަލަސްތީންގެ ރައްޔިތުންނަށް މި ސަރުކާރުން އަބަދުވެސް ދޭނަން.
މިއަދު، އަޅުގަނޑު މިބަޔާން ނިންމާލާއިރު، ދަޢުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މިއިއްޒަތްތެރި މަޖިލީހުގެ ރައީސާއީ އިއްޒަތްތެރި މެންބަރުންނަށް ދޭޔަގީންކަމަކީ،މާތްﷲގެ އިރާދަފުޅާއެކު މިދެންނެވި ގޮތުގައި ތެދުވެރިކަމާއި، އަމާނަތްތެރިކަމާއެކު މި ބަޔާނުގައި ބަޔާންކުރި ކަންކަން ތަންފީޒުކޮށް ނަތީޖާނެރެދޭނެކަމުގެ ޔަޤީންކަން.
އަޅުގަނޑުގެ ހިތުގެ ޙާލިސް ދުޢާއަކީ ސައްތައިންސައްތައް މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދުޅަހެޔޮކަމާއި ފުދުންތެރިކަންމަތީގައި އަމާންކަމާއި ޞުލްޙަވެރިކަންމަތީގައި މި ލޮބުވެތި ދިވެހި ޤައުމު އަބަދުވެސް ބާއްޖަވެރި އުފާވެރި ދުވަސްތަކެއް ދެކުމުން ދިޔުމުގެ ނަސީބު މާތް ﷲ މިންވަރު ކުރެއްވުން އާމީން!
2024 ވަނަ އަހަރަކީ ރާއްޖޭގަ އިސްލާމް ދީން ކުރިއަރުވަން ސަރުކާރުން ޢަމަލީ ގޮތުން އެންމެ ގިނަ މަސައްކަތްކުރި އަހަރު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ