ދައުލަތުގެ ޚަރަދުތައް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރުމުގެ ސަޤާފަތެއް އޮތް ކަމަށާއި، އެކަން ނިމުމަކަށް ގެންނަ ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިްޒު ވިދާޅުވެއްޖެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވަނީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރެއްވުމަށް ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމުގެ ވަޅުޖެހިފައިވާ އިޤްތިޞާދު ކޮޅަށް ޖެހުމަށެވެ. މިގޮތުން މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުތައް ކުޑަކުރުމަށް މިދިޔަ އަހަރުތެރޭ ފިޔަވަޅުތައް އެޅިފައިވީނަމަވެސް، ގިނަ ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެގޮތުން ލިބޭ އާމްދަނީއަށް ވުރެ ޚަރަދުތައް ބޮޑުކޮށް ހިންގުމުގެ ސަޤާފަތެއް ޤާއިމްވެފައިވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ އެކަން ބަދަލުކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ.
"ޒަމާންތަކެއް ވަންދެން، ލިބޭ އާމްދަނީއަށްވުރެ އިތުރަށް ދައުލަތުގެ ޚަރަދުތައް މާ ބޮޑުކޮށް ހިންގުމަކީ ސަގާފަތެއްކަމަށް ހަދައި، ނިޒާމީ ގޮތުން ތަރުތީބުކޮށްފައި އޮތް އޮތުމަށް ނިމުމެއް ގެންނަން އަޅުގަނޑު ބޭނުން. މި ބޮޑު ޤައުމީ އަދި މާލީ މައްސަލައަށް ހައްލު ހޯދަންޖެހޭ. އެހެންވެގެން، ދައުލަތުގެ މާލިއްޔާއިން ކުރަމުންދާ ޚަރަދުތައް ހަމަމަގަށް އެޅުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އެކަށައަޅައި، އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިޔަށް އެބަ ގެންދަން. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިހާރު އަޅަމުންދާ ފިޔަވަޅުތަކާއެކު ސަރުކާރުން ޚަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރާއެކު ބަޖެޓު ޑެފިސިޓް ކުޑަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ދައުލަތަށް ލިބޭ އާމްދަނީ އާއި ކުރާ ޚަރަދުގެ ފަރަޤު ކަމުގައިވާ ޑެފިސިޓް މިއަހަރު ކުޑުކުރުމާއެކު ސަރުކާރުން ނަގާ ދަރަނި މަދުކުރައްވާނެ ކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
"ޚަރަދު ކުޑަކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، އަމާޒަކީ މި އަހަރު ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް، ސަރުކާރުން ނަގާ ދަރަނީގެ އަދަދު މަދުކުރުން. މިގޮތުން އަމާޒަކީ މި އަހަރު އާމްދަނީ އިތުރުކޮށް ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކާއެކު ބަޖެޓު ޑެފިސިޓް 9.4 ބިލިއަން ރުފިޔާ އަށް ކުޑަކުރުން. މީގެ ކުރިން 2024 ވަނަ އަހަރު ބަޖެޓް ޑެފިސިޓް ހުރީ 13.6 ބިލިއަން ރުފިޔާގައި އަދި 2023 ވަނަ އަހަރު 10.7 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި. " ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ދެވަނަ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އަމާޒު ޙާޞިލްކުރުމަށް ރޭވުންތެރިކަމާއެކު އަޅަމުންދާ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެއްޔަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށެވެ. އަދި ފިސްކަލް ދެމެހެއްޓެނިވިކަން ޙާޞިލްވާނޭކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅުއްވީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓުގައި، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ހިމަނާފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 12.4 ބިލިޔަން ރުފިޔާއެވެ. މިއާއެކު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 39.7 ބިލިޔަން ރުފިޔާއެވެ.
އާމްދަނީއަށްވުރެ އިތުރަށް ޚަރަދުތައް ހިންގުމުގެ ސަޤާފަތް ނިމުމަކަށް ގެންނަން ބޭނުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ