ކުދިކުދި ކުށްތައް ދައުވާނުކޮށް ނަސޭހަތުގެ ނިޒާމު ހަރުދަނާ ކުރަން ރައީސް ބާރުއަޅުއްވައިފި

ކުދިކުދި ކުށްތައް ދައުވާކުރުން އިތުރަށް މަދުކޮށް ނަސޭހަތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ބާރުއަޅުއްވައި ރައީސް މުހައްމަދު މުއިއްޒު މިއަދު ވާހަކަ ދައްކަވައިފި އެވެ.
ވީކިހިނެއް؟ - ކްރިމިނަލް ކޯޓަށް މައްސަލަތައް ހުށަހެޅޭ ވަރު ގިނަވަމުން ގޮސް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ނުނިމި ދިގުލައިގެންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ޝަރީއަތްތައް ވެސް ލަސްވެ، 400 އަށް ވުރެ ގިނަ މީހުން އެ ގޮތުގައި "ވާނުވާ" ބަންދެއްގައި ވެސް އެބަ ތިއްބެވެ.
އެ މައްސަލަ ހައްލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މައްސަލަ ހައްލުކުރުމަށް ނިޒާމު ހަރުދަނާ ކުރަން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ވިސްނުންތައް ތަފްސީލްކޮށްދެއްވީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ބުނީ ކީކޭ؟ - ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނުގައި ނަސޭހަތުގެ އެއްބަސްވުމެއް ތަސައްވުރުކުރީ، އަލަށް ކުދި ކުށްކުރާ މީހުންނަށް އަލުން މުޖުތަމައަށް ރުޖޫއަވުމުގެ ފުރުސަތު ދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެއްބަސްވާ މުއްދަތުގައި ކުށް ކޮށްފި ނަމަ އާ ކުށާއި ކުރިން ކުރި ކުށް ހިމެނޭހެން ދެ ދައުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭ ކަން ފާހަގަ ކުރެއްވި އެވެ.
އެ ނިޒާމު ހަރުދަނާ ކޮށްފި ނަމަ ކޯޓުތަކުގެ ވަސީލަތްތައް، ބޮޑެތި ޖިނާއީ ކުށްތަކުގެ މައްސަލަތައް ހިންގުމަށް ބޭނުންކުރުމުގެ ފުރުސަތު ބޮޑުވެ ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ވުރެ އުފެއްދުންތެރި ގޮތަކަށް ހިންގޭނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.
"ނަސޭހަތްދީ މައްސަލަ ފައިލްކުރާ ނިޒާމު ހަރުދަނާކޮށް ހިނގާ ނަމަ، ކޯޓުތަކަށް ހުށަހެޅޭ ޖިނާއީ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑުތަނުން
މަދުވެގެން ދާނެ. ނަތީޖާއެއްގެ ގޮތުން ޖުޑިޝަރީގެ ވަސީލަތްތައް ބޮޑެތި، ހައްސާސީ
ޖިނާއީ މައްސަލަތަކަށް ބޭނުންކުރުމަށް މިހާރަށް ވުރެ ބޮޑަށް މަގުފަހިވެގެންދާނެ. ހުށަހެޅޭ މައްސަލަތައް ނުނިމި ކޯޓުގައި ހޭދަވާ މުއްދަތު ކުރުވެ، ޖަލުތައް
ފުރިބާރުވުމުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރަށް ކުރެވެން ހުރި މަސައްކަތެއް ކޮށްދޭނެ ކަމުގެ ޔަގީން ކަން ވެސް އެ މަނިކުފާނު ދެއްވި އެވެ.
"މި ނިޒާމު ހަރުދަނާ ކުރުމަށް ތަހުގީގު ކުރާ ފުލުހުންނާއި ދައުލަތުގެ
ވަކީލުންނާއި އަދި ދިފާއީ ވަކީލުންނަށް ހާއްސަ ތަމްރީންތައް ދިނުން ފަދަ ކަންކަން ފަހިކޮށްދިނުމުގައި
ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ގަސްތުކުރާ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ދެން އެންމެ މުހިންމު ކަމަކީ ގާނޫނީ އެހީތެރިކަން ލިބޭ މިންވަރު މިހާރަށް ވުރެ އިތުރުކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. ދިފާއީ ވަކީލުންގެ މައްޗަށް އެކުލެވިފައި އޮންނާނެ "ޕަބްލިކް ޑިފެންޑާސް އޮފީސް" ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 
އެ ކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަކޮށް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހުޅުމާލޭގައި ގާއިމުކުރާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް ނިމެންދެންކްރިމިނަލް ކޯޓަށް ހުޅުމާލޭން ޖާގަ ތަނަވަސް އިމާރާތެއް ދިނުމުގެ މަސައްކަތް ނިންމައި މި އަހަރު ދެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - ނަސޭހަތުގެ އެއްބަސްވުމުގެ އިޖުރާއަތްތައް ލިޔެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާއިން ފެށިގެން 100 ވަނަ މާއްދާއަށެވެ. އެގޮތުން ދައުވާނުކޮށް ނަސޭހަތްދީ މައްސަލަ ނިންމާލަން ނިންމުމުގައި ޕްރޮސެކިއުޝަނުން ރިއާޔަތްކުރެވިދާނެ ކަންކަން ބަޔާންކޮށްފައިވެ އެވެ.
ގާނޫނުގެ 99 ވަނަ މާއްދާއަށް ބަލާއިރު އޭގެ (ހ) ގައި ބަޔާންކުރަނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ނަސޭހަތް ދިނުން ކަމުގައި ނިންމުމަށް ބާރުއަޅާ އަށް ކަމެކެވެ. (ށ) ގައި ބަޔާންކުރަނީ އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ދައުވާކުރުން ކަމުގައި ނިންމުމަށް ބާރު އަޅާ 13 ކަމެކެވެ.
ނަސޭހަތް ދިނުން އިސްކުރަން ޖެހޭ ކަމަށް ބަޔާން ކުރާ ކަންތަކަކީ:
ކުށުގެ އަދަބަކީ ކުޑަ އަދަބެއް ކަމުގައިވުން
ކުށުގެ ސަބަބުން ލިބުނު ގެއްލުމަކީ ބޮޑު ގެއްލުމެއް ކަމުގައިނުވުން
ކުށް ކުރި މީހަކީ ފުރަތަމަ ފަހަރަށް ކުށް ކުރި މީހެއް ކަމުގައިވުން
ކުށް ކުރި މީހަކީ އެހެން ޖިނާއީ ކުށެއްގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައި ނުވުން
ކުށް ކުރި މީހަކީ އުމުރުން ދުވަސްވެފައިވާ މީހެއް ކަމުގައިވުން
ކުށް ކުރީ ކުޑަ ކުއްޖެއް ކަމުގައިވުން
ކުށް ކުރީ ޒިންމާދާރުކަމާ އެކު އާއިލާއެއް ބަލަމުންދާ މީހަކު ކަމުގައިވުން
ކުށުގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލު ދީފައިވުން
ދައުވާ ކުރުން އިސްކަން ދޭން ޖެހޭނެ ކަމަށް ބަޔާންކުރާ ކަންކަމަކީ:
ކުށުގެ އަދަބަކީ ބޮޑު އަދަބެއް ކަމުގައިވުން
ކުށް ކުރުމުގައި ހަތިޔާރެއް ނުވަތަ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ބޭނުންކޮށްފައިވުން
ކުށް ކުރުމުގައި މީހަކަށް ހަމަލާ ދީފައިވުން ނުވަތަ ހަމަލާ ދީފާނެކަމުގެ ބިރުދައްކާފައިވުން
ދައުލަތުގެ މުވައްޒަފެއްގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހިންގި އަމަލަކަށްވުން
ކުށް ކުރި މީހަކީ މުޖުތަމައުގައި ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ކަމުގައިވުން
ކުށް ކުރީ ޖަމާއަތެއް ހަދައިގެން ކަމަށްވާނަމަ، އޭނާއަކީ އެކަން ރޭވި މީހާ ކަމުގައިވުން
ކުށުގެ އަމަލު ހިންގީ ކުޑަކުއްޖަކާ ދެކޮޅަށް ކަމުގައިވުން
ކުށުގެ އަމަލު ހިންގީ ކުޑަކުއްޖެއް ބައިވެރިކޮށްގެން ކަމުގައިވުން
ކުޑަކުއްޖެއްގެ ކުރިމަތީގައި ކުރި ކަމަކަށްވުން
މީހެއްގެ ނަސްލު ނުވަތަ ޖިންސު ނުވަތަ ގައުމީ ނިސްބަތް ނުވަތަ އެ މީހެއްގެ ކިބައިގައިހުރި ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުމެއްގެ ސަބަބުން އެ މީހަކާ މެދު ހިންގުނު އަމަލެއް ކަމުގައިވުން
ކުށް ކުރުމުގައި ކޮރަޕްށަންގެ އަމަލެއް އެކުލެވިގެންވުން
އެ ކުށަކީ އޭގެ ޒާތުގައި ބޮޑު ކުށެއް ކަމުގައި ނުވިނަމަވެސް އެ ކުށް ކުރުން އާންމުވެފައިވުން
ކުށުގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ، ދައުވާ ނުކުރުމާމެދު އޭނާ ކަނޑައެޅިގެން އިއުތިރާޒުކުރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ