އެމެރިކާގެ ޓްރެވަލް އެޑްވައިޒަރުންތަކަކަށް ރާއްޖޭގެ ރީތިކަން ދައްކާލައިފި
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގުޅިގެން އެމެރިކާގައި ރާއްޖެ ޕްރޮމޯޓު ކުރުމަށް އެ ގައުމުގެ އެޑްވައިޒަރުންތަކެއް ރާއްޖެ ގެނެސްފިއެވެ. ރާއްޖޭގެ ރީތިކަމާއި، ދިވެހީންގެ މެހެމާންދާރީގެ ސީދާ ތަޖުރިބާ މި ދަތުރުގެ ބައިވެރިންނަށް ހޯދައިދީފައިވާއިރު، މި ދަތުރުގައި އެމެރިކާގެ އެންމެ ބޮޑު ދަތުރުފަތުރު ހޯސްޓް އޭޖެންސީ ކަމުގައިވާ އިންޓެލެ ޓްރެވަލްގެ ހާއްސަ ގްރޫޕެއްގެ ޓްރެވަލް އެޑްވައިޒަރުންތަކެއް ވެސް ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި ޓްރެވަލް އެޑްވައިޒަރުންނަށް ސްޓޯން ހޮޓެލްސް ކ. ދިއްފުށި، ވިލާ ރިސޯޓްސް، އަދި ޑައިމަންޑްސް އަތުރުގަ ރިސޯޓް އެންޑް ސްޕާ އަދި މީހުން ދިރިއުޅޭ ރަށްތަކުގެ ފަތުރުވެރިކަން ވަނީ ދައްކާލާފައެވެ. "މި ތަންތަން ހޮވާފައިވަނީ ދިވެހިރާއްޖޭގެ މުއްސަނދި ފަތުރުވެރިކަމުގެ މަންޒަރުގެ ފުރިހަމަ ތަޞައްވުރެއް މަންދޫބުންނަށް ފޯރުކޮށްދިނުމަށް" މަޓާޓޯއިން ބުންޏެވެ. މަޓާޓޯއިން ބުނިގޮތުގައި އެމެރިކާއިން އަންނަ ފަތުރުވެރިންގެ ޝައުގުވެރިކަން މައިގަނޑު ގޮތެއްގައި ހުންނަ ރާއްޖޭގެ ކަނޑުގެ ދިރުންތަކާއި، ސާފު ގޮނޑުދޮށްތަކާއި، އަދި ރަށްވެހިކަމުގެ ސަގާފަތް ތަޖުރިބާކުރުމުގެ ފުރުސަތު ވެސް މި ޓްރެވެލް އެޑްވައިޒަރުންނަށް ވާނީ ހޯދައިދީފައެވެ. މީގެއިތުރުން، މި ޓްރެވެލް އެޑްވައިޒަރުންނަށް ޚާއްސަ ގުޅުންބަދަހިކުރުމުގެ އިވެންޓެއް މާލޭގައި ބާއްވާފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި މި ނެޓްވޯކިން ސެޝަނުގައި ދިވެހި ޓުއާ އޮޕަރޭޓަރުންނާއި ރާއްޖޭގެ ޓުއާ އެޖެންޓުންނާ އެމެރިކާގެ ޓުއާ އެޖެންޓުން ގުޅުން ބަދަހިކޮށްފައި ވެއެވެ. މި ދަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އާއި، ޓާކިޝް އެއާލައިންސް، ޓްްރާންސް މޯލްޑިވިއަން އެއާވޭޒް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް މަޓާޓޯއިން ބުންޏެވެ. އެމެރިކާ އަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނަ އެންމެ މުހިންމު 10 ގައުމުގެ ތެރޭގައި ހިމެނޭ ގައުމަކަށްވުމުން މި ދަތުރުގެ އިތުރުން، އިތުރަށް ގުޅިގެން ކުރާނެ މަސައްކަތްތަކެއްގެ ރޭވުމަށް މަޓީއާއި އެމްއެމްޕީއާރުސީން ވަނީ ކަނޑައަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ