ރައްޔިތުންގެ މަޖިލީހުގެ ރައީީސްގެ މަގާމު ބޭނުންފުޅުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، އެއްވެސް ހާލަތެއްގައި ނޫޅުއްވާ ކަމަށް އެ ޕާޓީގެ އިސްތަރުޖަމާނު އަލީ ސާލިހު ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނެޝަނަލް ފްރަންޓް(ޕީއެންއެފް)ގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ގާސިމް އުޅުއްވަނީ މަޖިލީހުގެ ރައީީސްކަން ބޭނުންފުޅުވެގެން ކަމަށެވެ.
މި ވާހަކަފުޅާ ގުޅިގެން، ރައީީސް ޔާމީނަށް ފާޑު ވިދާޅުވެ، އަލީ ސާލިހު ނޫސްވެރިންނަށް ފޮނުއްވި ދިގު މެސެޖެއްގައި ވަނީ، އަމިއްލަ ހޮޅުއަށީގައި އިނދެގެން އޮނަރަބަލް ގާސިމް އިބްރާހީމާމެދު މީހުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުމަށް ރައީސް ޔާމީން ދެއްކެވި ވާހަކަ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
”ތިންހާސް މީހުން ހަމަނުވާ ޕާޓީއެއްގެ ހޮޅުއަށްޓެއްގައި އިނދެ ބުހުތާނު ވާހަކަ ދެއްކުމުގައި ދުވަސްތައް ހޭދަކުރާއިރު މިދެއްކެނީ ކޮން ވާހަކައެއްކަންވެސް މޭރުންވުމެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑި ހުސްވާން އުޅޭކަން ޒާތެއްގެ ކަހީނުކަމަކުން ޔާމީނަށް އެނގުނަސް އަޅުގަޑުމެންނަކަށް އެކަމެއް ނޭނގެއެވެ. ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އެތަކެއް ނާއިބުރައީސުން އަތުކޮޅަށް ހޫރާލި މީހަކަށް އެހެންވެސް ހީވާނެތާއެވެ. އޮނަރަބަލް ގާސިމް އިބްރާހިމް އެއްވެސް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ބޭނުންފުޅުވެގެން ނޫޅުއްވައެވެ.“ އޭނާ ވިދާޅުވިއެވެ.
އަލީގެ މެސެޖުގައި ވަނީ، ގާސިމް މަޖިލިސްކުރާ ގޭގައި ނޫސްވެރިންނާއި ބައްދަލު ކުރެއްވީ މިއަދުގެ ސިޔާސީ މަސްރަހާއި ގައުމުގެ ހާލަތާމެދު އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތް ހާމަކުރެއްވުމަށް ކަމަށެވެ.
އަލީ އިތުރަށް ވިދާޅުވީ، ގާސިމްގެ ނަންފުޅު ކިލަނބުކޮށްލަން ކިތަންމެ ވާހަކައެއްވެސް ހަދަހަދައިގެން ދެއްކިދާނެ ކަމަށާއި، އެހެންނަމަވެސް ދޮގުވާނީ ދޮގަށް ކަމަށެވެ.
އަދި ހަގީގަތް އޮތީ ފެންނާން ކަމަށާއި، އާސަންދަޔާއި ބޭސްފަރުވާގެ ހިލޭއެހީގެ ނިޒާމު ނެތްޒަމާނުގައިވެސް އަމިއްލަފުޅު ޖީބުން ރައްޔިތުންނަށް ބޭސްފަރުވާގެ އެހީތެރިކަން ދެއްވީ ގާސިމް ކަމަށް ވިދާޅުވިއެވެ.
”ތައުލީމީ ޖީލެއް ބިނާކުރުމުގެ ދުރު ވިސްނުންފުޅާއެކު ފެއްޓެވި މަސައްކަތްޕުޅުން ވުޖޫދުކުރެއްވި އަލިކަންގަދަ ދަންމަރު އެހެރީ ފެންނާށެވެ. މިހެންގޮސް ލިސްޓު ވަރަށްވެސް ދިގު ކުރެވިދާނެއެވެ. އެހެނަސް ޔާމީނު އަބްދުލްގައްޔޫމު ކުރީ ކީއްހެއްޔެވެ؟“ އަލީގެ މެސެޖުގައިވެއެވެ.
އަލީ ރައީީސް ޔާމީނަށް ފާޑުވިދާޅުވެ، އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތުމުން، ހުރިހާ ސިޔާސީ ބޭފުޅުން ލީ ޖަލަށް ކަމަށް ވިދާޅުވިއެވެ.
ގާސިމް އެއްވެސް ހާލަތެއްގައި މަޖިލީހުގެ ރައީސްކަން ބޭނުންފުޅެއް ނުވޭ: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ