ލަމްހާ ދޫކޮށްލި މައްސަލާގައި ވަކީލަކު ހޯދަން ހައި ކޯޓުން ދިނީ އެއް ދުވަސް

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލި މައްސަލާގެ ޝަރީއަތް ހައި ކޯޓުން މިއަދު ފަށައިފި އެވެ.
އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެ ކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލައިގައި ލަމްހާބަންދުގައި ބެހެއްޓުމަށް ފަހުކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ މިދިޔަ މަހު އެވެ.
އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އަޑުއެހުމުގައި ލަމްހާ އެދުނީ ވަކީލަކު ހަމަޖައްސަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ދިނީ އެއް ދުވަހުގެ މުއްދަތެކެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.
އެ މައްސަލާގައި ޝަރުތުތަކާ އެކު ލަމްހާ ބަންދުން ދޫކޮށްލަން ކޯޓުން ނިންމިޔަސް، މާވިންގެ ބަންދަށް ލުޔެއް ނުދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ