ޓީ ޓުވެންޓީ ޕްރިިމިއާ ލީގުގައި މިލާން ކްރިކެޓް އެކަޑަމީއަށް މޮޅެއް
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޓީ20 ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗު މިލާން ކްރިކެޓް އެކެޑަމީން ކާމިޔާބުކޮށްފިއެވެ. ކުޅިވަރު އެކުވެނީގެ އެއްނަބަރު ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ ނިއު ސްޓާ އަތުން ފަސް ވިކެޓުންނެވެ. މެޗުގެ ގުރު ދިމާވުމުން މިލާނުން ނިންމީ ހޮވުމަށެވެ. އެއާއެކު ނިއު ސްޓާ އެންމެ ފުރަތަމަ ކުޅެން އަރައި 18.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 12 ބޯޅައިން 19 ލަނޑު ހެދި އާމިން އާއި، 20 ބޯޅައިން 15 ލަނޑު އެއްކުރި ސަރަވަންނަންއެވެ. މި އިނިންގްސްގައި މިލާންގެ އިބްރާހީމް ރަޒާން ވަނީ ތިން ވިކެޓު ނަގާފައެވެ. ޖަވާބުގައި މިލާން ކުޅެން އަރައި 13.3 އޯވަރުގެ ތެރޭގައި އެ ޓީމުން ވަނީ ފަސް ކުޅުންތެރިން ނުބައިވެގެން 88 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. މިލާނުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 23 ބޯޅައިން 24 ލަނޑު ހެދި އިސްމާޢީލް ނަޒްވާން އާއި ނުބައިނުވެ 11 ބޯޅައިން 14 ލަނޑު އެއްކުރި ރިޒާންއެވެ. މި މޮޅާއެކު މިލާން އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ސީބީއެލް ސްޕޯޓްސް ވެސް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތް ނިއު ސްޓާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އެމްއެސް ހެލްޕިން ހޭންޑްސް ސްޕޯޓްސް އެކެޑަމީ އާއި އޮފް އެފްސީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް މާލޭ ސްޕޯޓްސް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ