ހައްޖަށް ދާން ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ކޯޕަރޭޝަނުން: ފަތުވާ މަޖިލިސް
އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ކޯޕަރޭޝަނުން ކަމަށް މިއަދު ފަތުވާ ނެރެފިއެވެ. ހައްޖަށް ދިއުމަށްޓަކައި ދިގު ކިޔޫއަކަށް މިހާރު އަރަން ޖެހޭއިރު އެ ކިޔޫގައި ޖެހެވެނީ ވަކި ވަރަކަށް ފައިސާ ދައްކައިގެންނެވެ. އުސޫލު އޮންނަ ގޮތުން ރާއްޖޭން ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ ތެރެއިން މީހުން ގެންދާނީ ފައިސާ ދައްކާ ތަރުތީބުންނެވެ. އެހެންކަމުން ހައްޖަށް ދިއުމަށްޓަކައި އަހަރުތަކެއް ކުރިން ގިނަ ބަޔަކު ގިނަ އަދަދެއްގެ ފައިސާ ހައްޖު ކޯޕަރޭޝަނަށް ދައްކައެވެ. އެ އަދަދަކީ މުދަލު ޒަކާތުގެ ނިޞާބު ހަމަވާ އަދަދަކަށް ވާތީ އެ ފައިސާއިން ޒަކާތް ދައްކަން ޖެހޭނެތޯ ބައެއް އާއްމުން ސުވާލު އުފައްދައެވެ. ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިއަދު އާއްމު ކުރި ފަތުވާގައި ބުނީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެއާއެކު، ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި، މައްސަލަ ދިރާސާކުރުމަށް ފަހު، އާންމުން ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް، ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައިވެއެވެ. ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވާނެއެވެ. މިހާރު ނިޞާބަކީ 9264.15 ރުފިޔާއެވެ. އިސްލާމިކް މިނިސްޓްރީން މީގެ ކުރިން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 101.94 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މުދަލު ޒަކާތުގެ ގޮތުގައި އަހަރެއްގެ ތެރޭ ލިބުނު އެންމެ ބޮޑު އަދަދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ