ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު ތަރައްގީ ކުރަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު އާންމުކުރުމުގައި ޖެންޑާ މިނިސްޓްރީއަށް ފަންނީ އެހީތެރިކަން ދިނުމާބެހޭ އެއްބަސްވުމެއްގައި  ސޮއިކޮށްފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މައުލޫމާތު އިންޓަނެޓުން ފަސޭހައިން ބެލޭނެ ގޮތަށް ބަހައްޓަން ޖެހެ އެވެ. މިކަން ކުރުމަށް މަތިކޮށްފައިވަނީ ޖެންޑާ މިނިސްޓްރީ އަށެވެ.
މިހާރު މި މައުލޫމާތު ޝާއިއުކުރަމުން ގެންދަނީ، މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ އާމަހި ވެބްސައިޓުގަ އެވެ. މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިނިސްޓްރީން މި މައުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓް ކުރެވޭ ގޮތަށް ޕޯޓަލް ތަރައްގީ ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްގީކޮށް ޝާއިއު ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ