ސައިކަލެއްގައި ރާ އުފުލުމުގެ ތުހުމަތުގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން ބަންގްލަދޭޝް ރައްޔިތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ އެމްޑީ ޖަހަންގިރު ހޮސައިން، ބަންގްލަދޭޝް (35އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ރީތިގަސްމަގުން އޭނާ ސައިކަލެއްގައި ދަނިކޮށް، އޭނާއާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރުމުން ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ނުވަ ފުޅި ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ