ހޫތީންގެ ބޮޑުވަޒީރު އިޒްރޭލުން އަވަހާރަކޮށްލައިފި

އަމިއްލައަށް ބޮޑުވަޒީރު ކަމަށް އިއުލާންކުރައްވާފައިވާ، ޔަމަނުގެ ހޫތީންގެ ބޮޑުވަޒީރު އަހުމަދު ގަލެބް ނާސިރު އަލް ރަހާވީ އިޒްރޭލުން އަވަހާރަކޮށްލައިފައިވާ ކަމަށް ހޫތީން ބުނެފި އެވެ. 
އީރާނަށް ތާއީދުކުރާ ޖަމާއަތުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޔަމަނުގެ ވެރިރަށް ސަންއާއަށް އިޒްރޭލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ދިން ހަމަލާގައި ބޮޑުވަޒީރުގެ އިތުރަށް ބައެއް އޮފިޝަލުން އަވަހާރަކޮށްލާފައިވާ ކަމަށެވެ.
އިޒްރޭލުގެ ދިފާއީ ބާރުތަކުން ބުނީ ރަހާވީ އާއި ހޫތީންގެ އިސް އޮފިޝަލުން އަވަހާރަކޮށްލީ ސަނާ ސަރަހައްދުގައި ބޭއްވި ބައްދަލުވުމަކަށް އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ބޮން އަޅައިގެން ކަމަށެވެ.
ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރި ޔަމަނުގެ ސަރުކާރު ހޫތީން ވައްޓާލުމަށް ފަހު، ޔަމަނުގެ ހުޅަނގު އުތުރުގެ ބޮޑު ބައެއްގެ ބާރު 2014 ވަނަ އަހަރުން ފެށިގެން ހޫތީންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ހޫތީން ބުނީ ރަހާވީ މަރާލާފައިވަނީ ހޫތީންގެ އިތުރު ބައެއް ވަޒީރުންނާ އެކުގައި ކަމަށާއި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.
ސައުދީ އަރަބިއްޔާގެ ނިއުސް ސައިޓް އަލް ހަދަތު އިން ބުނި ގޮތުގައި، ހޫތީންގެ ހާރިޖީ ވަޒީރާއި ޖަސްޓިސް، ޔޫތު އެންޑް ސްޕޯޓްސް، ސޯޝަލް އެފެއާޒް އަދި ލޭބާ މިނިސްޓަރުން ވަނީ އަވަހާރަކޮށްލައިފަ އެވެ.
ހޫތީންގެ ރައީސް މަހުދީ އަލް މަޝާތުގެ އޮފީހުން ބުނީ އެ ހަމަލާގެ ސަބަބުން އިތުރު ބައެއް ވަޒީރުންނަށް އާދައިގެ އަދި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.
ރަހާވީގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ހޫތީންގެ ނައިބު މުހައްމަދު އަހުމަދު މިފްތާހު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ