އިސްލާމިކް ފައިނޭންސް ކުރިއަރުވަން މަރުކަޒީ ބޭންކުން މުބާރާތެއް ހުލުވާލައިފި

ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއެރުވުމުގެ މަގްސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން "ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް" ނަމުގައި މުބާރާތެއް އިފްތިތާހްކޮށްފިއެވެ.
އެމްއެމްއޭއިން ބުނީެފައިވަނީ މިއީ، މާލީ ހޭލުންތެރިކަމާއި އަދި ވަކިން
ޚާއްސަކޮށް ރާއްޖޭގެ އިސްލާމީ ފައިނޭންސްގެ ދާއިރާ ކުރިއެރުވުމުގެ މަޤްޞަދުގައި
ބާއްވާ މުބާރާތެއްކަމަށެވެ. ދިވެހިްނގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނޭކަމަށް އެމްއެމްއޭއިން ބުނެއެވެ. މަރުކަޒީ ބޭންކުން ބުނީ މި މުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް މިހާރުގެ މާލީ
ގޮންޖެހުންތަކަށް އެދެވޭ ހައްލުތައް އިލްމީ އަދި ދިރާސީ ނަޒަރަކުން ޚިޔާލު
ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނޭކަމަށެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް
ބެހިގެންވަނީ ދެ ގިންތިއަކަށެވެ. އެގޮތުން، ފުރަތަމަ ގިންތި އަމާޒުކޮށްފައިވަނީ
އިސްލާމީ ފައިނޭންސިންގ އަށް އައު ހައްލުތަކާއި ގުޅޭގޮތުންނެވެ. މި ގިންތި
އަމާޒުކޮށްފައިވަނީ ޒުވާނުންނާއި، ސްޓާޓްއަޕްތަކާއި، ދަރިވަރުންނާއި،
މުދައްރިސުންނާއި އަދި އިޖްތިމާޢީ ވިޔަފާރިވެރިންނަށެވެ. މި ގިންތި
ފަރުމާކުރެވިފައިވަނީ ޝަރީޢާއާ އެއްގޮތްވާ ޙައްލުތަކުގެ ޒަރީޢާއިން މާލީ ނިޒާމު
ވަރުގަދަކުރެވޭނެ ޚިޔާލުތަކާއި ނަމޫނާތަކަށެވެ.
މަރުކަޒީ ބޭންކުން ބުނީ 18 އަހަރުން މަތީގެ ވަކިވަކި
ފަރުދުންނާއި އަދި 3 މެމްބަރުންގެ ޓީމްތަކަށްވެސް މި ގިންތީގައި ބައިވެރިވެވެނެ ކަމަށެވެ. ނަމަވެސް މުބާރާތުގައި އެމްއެމްއޭގެ މުވައްޒަފުންނާއި އެމްއެމްއޭގެ
ޕާޓްނަރުންނަކަށް ބައިވެރިއެއް ނުވެވޭނެކަމަށް އެ ބޭންކުން ބުންޏެވެ.
މި
ގިންތީން އިމްޕެކްޓް ޕިޗް ޗެލެންޖް ކާމިޔާބުކުރާ ފަރާތްތަކަށް 30،000 ރުފިޔާއާ
ހަމައަށް ފައިސާގެ އިނާމު ދިނުމަށް ކަނޑައެޅިފައިވާއިރު، ފައިސާގެ އިނާމުތަކުގެ އިތުރުން ފަންޑިންގ، މެންޓަރޝިޕް
ފުރުޞަތުތައް ލިބިދާނެކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.
ތަމްވީލު އިމްޕެކްޓް ޕިޗް ޗެލެންޖް ދެވަނަ ގިންތި
އަމާޒުކޮށްފައިވަނީ "ދިރާސާއާއި ސިޔާސަތުގެ އަލީގައި ވަށައިޖެހޭ އިސްލާމިކް
ފައިނޭންސް ނިޒާމެއް" މި މަޢުޟޫއަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ
ދިރާސާކުރާ ފަރާތްތަކާއި، ދައިރާގެ ފަންނީ ތަޖުރިބާކާރުންނާއި އަދި
މުއައްސަސާތަކަށެވެ. މި ބައި އަމާޒުކުރެވިފައިވަނީ އިސްލާމިކް ފައިނޭންސްގެ
ކުރިއެރުމާއި، ދެމެހެއްޓެނިވިކަމާއި އަދި އިޖްތިމާޢީ އަސަރު އިތުރުކުރުމަށް
ދިރާސާއާއި ސިޔާސަތުގެ މައްޗަށް ބިނާކޮށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މި
ބައިގައި އަލިއަޅުވާލެވޭ ދާއިރާތަކުގެ ތެރޭގައި މާލީ ހޭލުންތެރިކަން
އިތުރުކުރުމުގެ ކެމްޕޭންތަކާއި، މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި އަދި
ސިޔާސަތު އެކުލަވާލުން ހިމެނެއެވެ.
އެމްއެމްއޭއިން ބުނީ، މި ގިންތީގައި ބައިވެރިވާ ފަރާތްތައް ވާދަކުރާނީ ޖުމްލަ 100،000 ރުފިޔާގެ
ފަންޑަކަށް ކަމަށެވެ.
މުބަރާތުގެ ދެ ގިންތީގައިވެސް ދިވެހިންނާއި
ބޭރުމީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާއިރު، އެމްއެމްއޭއިން ބުނީ ބައިވެރިންގެ ހުށަހެޅުންތައް ހުންނަން ޖެހޭނީ ދިވެހިރާއްޖޭގެ ޙާލަތާ ގުޅޭ އަދި މުބާރާތުގެ މައުޟޫޢުތަކާ އެއްގޮތްވާ ގޮތުގެ
މަތިންކަމަށެވެ.
ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖަކީ ދުޅަހެޔޮ މާލީ
ނިޒާމަކާއި ދެމެހެއްޓެނިވި އިޤްތިޞާދީ ތަރައްޤީގެ ޒަރީޢާއިން މުޖުތަމަޢުތައް
ބާރުވެރިކުރުވުމަށް އެމްއެމްއޭއިން ފަށަފައިވާ ތަމްވީލް ފިންލެޓް ފެސްޓިވަލުގެ
ބައެކެވެ. އެމްއެމްއޭއިން އިތުރަށް ބުނެފައިވަނީ، މި ފެސްޓިވަލުގައި އިމްޕެކްޓް ޕިޗް ޗެލެންޖުގެ އިތުރުން 5 އިތުރު
ހަރާކާތް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި، ފިންލެޓް ޗެލެންޖް، އިކޮންކުއެސްޓް ބަހުސް
މުބާރާތް، ފިއުޗަރ ފައިނޭންސްގެ ނަމުގައި ބާއްވާ މަޒުމޫނު މުބާރާތް، ވެލިއުސް
އެންޑް ވިޝަން އާޓް މުބާރާތުގެ އިތުރުން ކުރު ވީޑިއޯ ހެދުމުގެ މުބާރާތެއްވެސް
ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ