މިނިވަން މީޑިއާ ނެތިކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ބިލު ބަލައިގަތުމުން ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިން ހައްޔަރު ކުރުމުން އެކަން އިދިކޮޅު އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.
މިއަދު ނެރުނު ބަޔާނެއްގައި އެމްޑީޕީ އިން ބުނީ ސުލްހަވެރިކޮށް މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިން ހައްޔަރު ކުރީ މަގުބޫލު އެއްވެސް ސަބަބެއް ނެތި، ގާނޫނާ ހިލާފަށް ކަމަށެވެ.
ވެރިކަން ހިންގާ ޕީއެންސީ އިން ފާސް ކުރަން މަސައްކަތް ކުރާ އެ ބިލަކީ ގާނޫނުއަސާސީ އިން ދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަން ގެއްލޭ ގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ވެސް އެމްޑީޕީ އިން ބުންޏެވެ. އަދި އެ ބިލަކީ މިނިވަން ނޫސްވެރިއަކަށް އޮތް ހުރަހަކަށްވާނެ ކަމަށް ވެސް އެ ޕާޓީއިން ބުންޏެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ ހަތަރު ނޫސްވެރިއަކު ހައްޔަރުކޮށްފަ އެވެ. އެއީ ދައުރު ނޫހުގެ މުޒައްޔިން ނާޒިމްއާއި، ސިޓިޒެން ނޫހުގެ މޫސާ ރަޝީދު އާއި އަދަދު ނޫހުގެ އަހުމަދު އާއިދު އަދި އެމްވީ ޕްލަސް ގެ ލަމްޔާ އަބްދުލްހާދީ އެވެ.
'އަދަދު' ނޫހުގެ ނޫސްވެރިޔާ އާއިދު ހައްޔަރުކޮށްގެން ގެންދަނީ
ނޫސްވެރިން ހައްޔަރުކޮށް ފުލުހުންގެ ވެހިކަލަކަށް ވެސް އެރުވި އެވެ. އެކަމަކު އޭގެ ފަހުން، މުޒާހަރާ ނުކުރަން ޝަރުތު ކުރުމަށްފަހު ހައްޔަރު ކުރި އެންމެން ވެސް ދޫކޮށްލީ އެވެ.
މިނިވަން މީޑިއާގެ ބާރު ރައީސް މުއިއްޒަށް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އެ ބިލުގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި މިއަދު ހެނދުނު ބަހުސް ކުރިއިރު ވެސް ނޫސްވެރިން އެއްވި އެވެ. އެ ބިލުގެ ބަހުސް ނިމުނީ ކަމަށް ހެނދުނުގެ ދަންފަޅީގައި އިއުލާނު ކުރުމަށްފަހު އަނެއްކާ މެންދުރުފަހު ދަންފަޅީގައި ބިލުގެ ބަހުސް ފަށައި ބިލު ބަލައިގަންނަން ވަނީ ފާސްކޮށްފަ އެވެ.
ބިލުގެ ބަހުސް ނިމުނީ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނު ކުރުމުން އެއިރު މަޖިލީސް ކައިރީގައި ތިބި ނޫސްވެރިން ވަނީ އެތަން ދޫކޮށް ގޮސްފަ އެވެ. އެކަމަކު ބިލުގެ ބަހުސް އަނެއްކާ ވެސް ފެށުމުން ނޫސްވެރިން މަޖިލިސް ކައިރިއަށް ދިޔައީ އެވެ.
ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން ދިޔައީ މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ކޮމިޓީއަށް ގެންދަން މަޖިލީހުން ފާސް ކުރީމަ އެވެ. އެ ބިލު ބަލައިގަތީ ވެރިކަން ހިންގާ ޕީއެންސީގެ 49 މެންބަރުންގެ ވޯޓާއެކު އެވެ.
މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިން ހައްޔަރު ކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި މުޒާހަރާ ކުރަމުންދިޔަ ނޫސްވެރިން ހައްޔަރު ކުރުން އެމްޑީޕީ އިން ކުށްވެރިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ