އަމްބާނީ އާއިލާއިން ގެންގުޅޭ ޖަނަވާރުތަކާ ގުޅުންހުރި މައްސަލައެއް ބަލަން ސުޕްރީމް ކޯޓުން އަންގައިފި
އޭޝިއާގެ އެންމެ މުއްސަނދި މީހާ އަދި ދުނިޔޭގެ 18 ވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މުކޭޝް އަމްބާނީގެ އާއިލާއިން ހަދާފައިވާ ޒޫ ނުވަތަ ޖަނަވާރުން ގެންގުޅޭ ރިހިބިލިޓޭޝަން ސެންޓަރުގެ މައްސަލައެއް ބަލަން އިންޑިއާގެ ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ. މުކޭޝް އަމްބާނީގެ ދަރިފުޅު އާނަންތު ބަލަހައްޓާ 'ވަންތަރާ' ސެންޓަރާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވަނީ، އެ ތަނުގައި ގެންގުޅެނީ ގަވާއިދާ ޚިލާފަށް ހޯދާއިފައިވާ ޖަނަވާރުތަކެއް ކަމަށާއި، އެ ޖަނަވާރުތަކަށް އިހުމާލުވާ ކަމަށް ބުނެއެވެ. އެ މައްސަލަ ހުށަހެޅީ ޕެޓިޝަނަކާއެކު އާންމު ރައްޔިތުންގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ އަމުރަށް ކުރިއަށްގެންދާ ތަހުގީގުގައި، ވަންތަރާގައި ''ވަލު ޖަނަވާރުތަކާ ބެހޭ ގާނޫނު''ތަކާ ޚިލާފުވެފައިވޭތޯއާއި މާލީ ގޮތުން ވެސް ގަވާއިދާ ޚިލާފު ކަންތައްތަކާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގައިފައިވޭތޯ ބަލާނެއެވެ. އެ މައްސަލަ ފެށިފައިވަނީ، ކޮލްހާޕޫރު ޓައުންގެ ފައްޅިއެއްގައި 30 އަހަރު ވަންދެން ދިރިއުޅުނު މަހާދޭވީ ކިޔާ ބަލި އެތެއް، ހައި ކޯޓުގެ އަމުރަކަށް ފަހު ޖުލައި މަހު ވަންތަރާއަށް ބަދަލުކުރުމުންނެވެ. އެއާއެކު އެ ސެންޓަރާ ދެކޮޅަށް ބައެއް މީހުން މުޒާހަރާ ވެސް ކުރަން ފެށިއެވެ. އަދި ވަންތަރާ ހުރި ގުޖުރާތު ސްޓޭޓަކީ ހޫނު ގަދަ ސްޓޭޓެއް ކަމަށާއި، އެ ތަން ހުންނަނީ ތެޔޮ އުފައްދާ ކާރުޚާނާއަކާ ކައިރީގައި ކަމުން އެއީ ޖަނަވާރުތައް ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށްވެސް އެކްޓިވިސްޓުން ބުނެއެވެ. ވަންތަރާ ހުންނަނީ ހުޅަނގު ގުޖުރާތުގެ ސްޓޭޓްގެ ޖަމްނަގަރުގައި، މުކޭޝް އަމްބާނީގެ ތެޔޮ ރިފައިނަރީއާ މާ ދުރު ނޫން ހިސާބެއްގައެވެ. ސުޕްރީމް ކޯޓުން ބުނީ އެ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ނެތް ނަމަވެސް ތަހުގީގު ކުރުމަށް އަމުރުކުރީ ކަމާބެހޭ ފަރާތްތަކުގެ ވާޖިބު އަދާނުކުރާ ކަމަށް ތުހުމަތު ކުރެވިފައިވާތީ ކަމަށެވެ. ވަންތަރާގައި 2,000 ބާވަތެއްގެ 150،000އަށް ވުރެ ގިނަ ޖަނަވާރު އުޅެއެވެ. އޭގެ ތެރޭގައި 200 އެތާއި ލެޕަޑް، ސިންގާ، މިނިކާވަގު ފަދަ ބުޅާ އާއިލާގެ 300 ޖަނަވާރު ހިމެނެއެވެ. އެ މައްސަލައިގައި ވަންތަރާއިން ނެރުނު ބަޔާނެއްގައި ވަނީ އިންވަނީ މައްސަލައިގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ. މި އަހަރުގެ މާޗް މަހު ވަންތަރާ އިފުތިތާހުކޮށްދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. މޯދީ ވަނީ އެ މަސައްކަތަށް ތައުރީފު ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ