ރިޔާސީ ބަޔާން ބައްޓަން ކުރީ ރައީސް ސޯލިހާއި ކޮމަންޑޫ ދާއިރާގެ އިންތިހާބަށް: އަބްދުއްރަހީމް

މިއަދުގެ ރިޔާސީ ބަޔާން ބައްޓަން ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހުގެ ރިޔާސީ ބަޔާނަކީ ހިޔާލީ ހުވަފެނެއްކަމުގައެވެ.
”މުޅި ބަޔާން ބައްޓަންކޮށްފައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ އިންތިހާބާއި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހު ވަނީ ރާއްޖޭގެ އަސްލު ހާލަތު ރައްޔިތުންނަށް އޮޅުވާލައްވާފައެވެ. އަދި މިއަދު ފެންނަނީ ރައީސް ސޯލިހަށް ވާނުވާ އެނގިވަޑައިނުގެން، ގޮތްހުސްވެ ހާސްވެފައިވާ މިންވަރު ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އިތުރު ޓުވީޓެއް ކުރައްވައި އަބްދުއްރަހީމް ވަނީ ސަރުކާރުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރައިސް ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އަންނަ ހޮނިހިރު ދުވަހު ވޯޓު ލުމަށް ހަމަޖެހިފައިވާއިރު، ސަރުކާރާއި އިދިކޮޅުން އަންނަނީ އެ ދާއިރާގައި ވަރަށް ވަރުގަދަޔަށް ކެމްޕެއިން ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ