ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކޮށްފި ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކޮށްފި

ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ކޮންޓްރިބިއުޝަންގެ ގޮތުގައި އަހަރުގެ މިހާތަނަށް ދޫކުރި ފައިސާ، މި އަހަރަށް ބަޖެޓު ކުރި ވަރަށް ވުރެ ދެ ގުނަ އިތުރުވެފައިވާ ކަމަަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ނިމުނު ހަފުތާގައި އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުގައި، މި މަހުގެ 18، ގެ ނިޔަލަށް އިންވެސްޓްމަންޓުގެ ގޮތުގައި 886 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ. މި ހަރަދުތައް ކުރިއިރު، އިންވެސްޓުކުރަން މުޅި އަހަރަށް ބަޖެޓުކުރި 378 މިލިއަން ރުފިޔާ އެވެ.
ސަރުކާރު ކުންފުނިތަކަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހިފައިވާ އެއް ސަބަބަކީ، ސަރުކާރުން ރޭވި ގޮތަށް ސަރުކާރު ކުންފުނިތައް ރިފޯމްކުރުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެވެ. މިއީ މި އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުން ކަނޑައެޅި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އަދި ސަރުކާރުގެ ހޯމް ގްރޯން ރިފޯމް އެޖެންޑާގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.
އެކަމަކު މި މަސައްކަތް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ނުދެ އެވެ. އަދި ކުރިން އެއްކޮށްލަން ނިންމި ކުންފުނިތަކާ ގުޅޭ ނިންމުންތައް ބަދަލުކޮށް، ސަރުކާރަށް އުޅެނި ކުންފުނިތައް ރިފޯމްކުރާނެ އެންމެ ރަނގަޅު ފޯމިއުލާއެއް ދެނެނުގަނެވިގެންނެވެ.
ސަރުކާރުގެ އެސްއޯއީތައް ރިފޯމްކުރުމުގެ އެޖެންޑާގައި ހިމެނޭ ކަންކަން
މި މަސައްކަތް މިހާތަނަށް ކުރިއަށް ގޮސްފައިވާ ގޮތަށް ބަލާއިރު، އެއްކޮށްލަން ބުނި ކުންފުނިތައް އެއްކޮށްނުލެވޭ ތަނުގައި އުވާލަަން ބުނި ކުންފުންޏެއް އުވާ ވެސް ނުލަ އެވެ. އަދި ކުރިން އުވާލާނެ ކަމަށް ބުނި އެގްރޯ ނެޓު އުވާނުލަން ވަނީ ނިންމާފަ އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުން ޕްލޭނާ އެއް ގޮތަށް ނުދިޔަ ނަމަވެސް މި އަހަރު ލިބުނު އާމްދަނީއަށް ވުރެ ކުރި ހަރަދު ކުޑަ އެވެ. އެހެންވެ މި އަހަރު ފެށުނީއްސުރެން ހިފަހައްޓަމުން އަންނަ ބަޖެޓު ސާޕްލަސް އަދިވެސް އަންނަނީ ހިފަހައްޓަމުންނެވެ.
ބަޖެޓު ސާޕްލަސް ވަމުން އަންނަނީ ހަރަދު ކުޑަކުރަން ރޭވި ސިޔާސަތުތައް ތަންފީޒުކުރުމަށް ވުރެ ބޮޑަށް، މި އަހަރަށް ބަޖެޓު ކުރި ގިނަ ދާއިރާތަކުން ހަރަދު ކުރުން މަޑުޖައްސާލާފައި އޮތުމެވެ. ހަރަދުތައް އެންމެ ބޮޑަށް މަޑުޖައްސާލާފައިވާ ކަމަށް ދައްކަނީ ތަރައްގީގެ މަޝްރޫއުތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ