އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 20 ބިލިއަން ރުފިޔާ ލިބިއްޖެ

މިހިނގާ 2025 ވަނަ އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 20 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ.
މާލީ ވުޒާރާއިން ކޮންމެ މަހަކުވެސް ނެރެމުން އަންނަ ދައުލަތުގެ ހަރަދުބަރަދު ހުރިގޮތް އަންގައިދޭ ރިޕޯޓްގައި ބުނެފައިވަނީ، މިހިނގާ ޖުލައިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 20.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ، 18.4 ބިލިއަން ރުފިޔާއެވެ. 
މިއަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބުނު 20.1 ބިލިއަން ރުފިޔާގެ ތެރެއިން 15.3 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އަދަދެވެ. ތެކްސް ނޫން އާމްދަނީގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ލިބުނުއިރު، ގްރާންޓްގ ެގޮތުގައި 162 މިލިއަނ ްރުފިޔާ ވަނީ ލިބިފައެވެ.
އަހަރުގެ މިހާތަނަށް ދައުލަތުގެ ޖުމްލަ ހަރަދުތައް ހުރީ 18.4 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 19.5 އިންސައްތަ ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ މިހާތަނަށް ކުރި ޖުމްލަ ހޭދަ އުޅެނީ 23.3 ބިލިއަން ރުފިޔާގައެވެ. މިހާތަނަށް ކުރި ހަރަދުތަކަށް ބަލާއިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ހޭދަވިއިރު، ރިކަރަންޓް ހަރަދުގެ ގޮތުގައި 16.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ހަރަދުތައް ހިނގި ގޮތަށް ބަލާއިރު، ރިކަރަންޓް ޚަރަދުގެ 56.7 އިންސައްތަ ދައުލަތުގެ އޮފީސްތަކުގެ އިދާރީ ހިންގުމާ ގުޅޭ ކަންކަމަށް ހޭދަވިނަމަވެސް މިއީ ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 11.3 އިންސައްތައިގެ ދަށްވުމެކެވެ. 
ކެޕިޓަލް ހަރަދުތަކަށް ބަލާއިރު މަގުހެދުމާއި ބްރިޖް އަދި އެއަރޕޯޓް ތަރައްގީކުރުމަށް ހިނގާފައިވާ ޚަރަދު ހިމަނައިގެން، އިންފްރާސްޓްރަކްޗަރ އެސެޓްތަކަށް 1.2 ބިލިއަން ރުފިޔާ މިއަހަރުގެ ތެރޭގައި މިވަނީ ހޭދަކޮށްފައެވެ. މިއީ މިއަހަރަށް މިކަންކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގެ 17.1 އިންސައްތައެވެ.
އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީއާ ކުރެވުނު ހަރަދުތަކަށް ބަލާއިރު، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް އުޅެނީ 1.4 ބިލިއަން ރުފިޔާގެ ސަރޕްލަސްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ