ވަކި މީހަކަށް ރިޔާސީ ރޭސް ފަހިކޮށްދޭނެ ޗެއާޕާސަންއެއް އާންމު މެންބަރުން ބޭނުންނުވޭ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ރިޔާސީ ރޭސް ފަހިކޮށްދޭން މަސައްކަތް ކުރައްވާ ޗެއާޕާސަންއެއް ޕާޓީގެ އާންމު މެންބަރުން ބޭނުންނުވާ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައްވައިފައިވާ ގެންދަވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. އެމްޑީޕީން އަންނަ ޖޫން މަހުގެ 12ގައި ޗެއާޕާސަނަކު ހޮވުމަށް އިންތިޚާބު ބާއްވަން މަސައްކަތްކުރާއިރު، އެ މަގާމަށް އެންމެ ބޮޑަށް ކެމްޕޭން ކުރައްވަމުން ގެންދަވަނީ މީކާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އޭގެ ތެރެއިން ނަޝީދު ކެމްޕޭން ކުރައްވަމުން ގެންދަވަނީ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ ގުޅިވަޑައިގެންނެވެ. އެއީ، ފައްޔާޒަށް ރިޔާސީ ޓިކެޓް ދެއްވަން ނަޝީދު ތާއިދުކުރައްވައި، ދެ ބޭފުޅުން ވެސް ނިޒާމީ ބަދަލެއް ގެންނަން ކެމްޕޭން ކުރައްވަމުންނެވެ. https://sun.mv/220912 މީކާއީލް ފައްޓަވައިފައިވާ 'އިތުބާރު' ކެމްޕޭނާ ގުޅޭ ގޮތުން އޭނާ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އެ ކެމްޕޭނުން ރަށްރަށަށް ކުރާ ފުރަތަމަ ދަތުރުތައް މިދިޔަ ހަފުތާގައި އަރިއަތޮޅުން ފަށައިފައިވާ ކަމަށެވެ. އެއީ ވަރަށް ކާމިޔާބު، ތާއިދު ލިބުނު ދަތުރެއްގެ ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، އެމްޑީޕީގެ އާންމު މެންބަރުންގެ މައިގަނޑު ތިން ކަންބޮޑުވުމެއް އޮތްކަން ފާހަގަކުރެވުނު ކަމަށެވެ. މީކާއީލް ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ ކަމަކީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް ކަންތައްތައްވީ ގޮތުން މެންބަރުން ހިތުގައި ޖެހިފައި ތިބުން ކަމަށެވެ. ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް ދެވަނަ ދައުރަކަށް ވާދަކުރެއްވި އެ އިންތިޚާބު ނާކާމިޔާބުވީ ޕާޓީގެ ތެރޭގައި ހިނގި ކަންތައްތަކެއްގެ ސަބަބުންކަން އޭނާ ފާހަގަކުރެއްވިއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ޞާލިޙްގެ ސަރުކާރާއެކު އެމްޑީޕީއަށް ލިބުނު ދެވަނަ ވެރިކަމުގައި ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓެއް ނަގަން ވަރަށް ބޮޑަށް ބާރުއަޅުއްވައިފައެވެ. ނަމަވެސް އެކަމަށް އެއްބާރުލުން ނުލިބުމުންނާއި ރިޔާސީ ޓިކެޓް ގެއްލުމުން ޕާޓީގައި ނަޝީދުގެ ފެކްޝަނަކާއި ޞާލިޙްގެ ފެކްޝަނެއް އުފެދުނެވެ. ނަޝީދާއި ފައްޔާޒު: ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ވަނީ، ފައްޔާޒަށް ރިޔާސީ ޓިކެޓް ދޭން ތާއިދުކުރައްވައިފައި --- ފޮޓޯ/ ލޫކަސް އެއަށްފަހު ނަޝީދަށް ތާއިދުކުރައްވާ މެންބަރުން ޕާޓީން ވަކިވެ، އަމިއްލަ ޕާޓީއަށް އުފެއްދިއެވެ. އެ ދުވަސްވަރު ނަޝީދު ވަނީ ޞާލިޙާއި އެ މަނިކުފާނުގެ ސަރުކާރަށް ބޮޑެތި ތުހުމަތުތައް ކުރައްވައި، އެމްޑީޕީ ވެސް ރޫޅާލާނެ ކަމަށް ވިދާޅުވެފައެވެ. އެ އަހަރު ރިޔާސީ އިންތިޚާބުން ޞާލިޙް ނާކާމިޔާބުވުމުން، އޭގެ މައިގަނޑު ސަބަބަކީ ޕާޓީ ބައިބައިވުން ކަމަށް ގިނަ ބަޔަކު ދެކުނެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހު ނަޝީދު ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. މީކާއީލް މިއަދު ވިދާޅުވީ، 2023ގައި އެގޮތަށް ކަންތައްތައްވުމުން، 2028ގެ އިންތިޚާބު ކާމިޔާބު ކުރެވޭނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެގެން ކަމަށް އާންމު މެންބަރުން ގަބޫލުކުރާ ކަމަށެވެ. އެހެންވެ، ޕާޓީގެ ތެރޭގައި ފިތުނަ އުފެދޭނެ އަދި ޕާޓީގެ ލީޑަރުންގެ މެދުގައި އިތުރު ޚިލާފުތައް އުފެދޭނެ އެއްވެސް ކަމަކަށް ޖާގަ ދޭކަށް ޕާޓީގެ އާންމު މެންބަރުން ބޭނުންނުވާކަން، ކެމްޕޭން ދަތުރުން ސާފުވި ކަަމަށް އޭނާ ވިދާޅުވިއެވެ. އެ ދަތުރުން ފާހަގަވި ތިން ވަނަ ކަމެއްގެ ގޮތުގައި މީކާއީލް ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ރޭސް ވަކި ކެންޑިޑޭޓަކަށް ފަހިކޮށްދޭނެ މީހަކު ޗެއާޕާސަން ކަމަށް ގެންނަން އާންމު މެންބަރުން ބޭނުންނުވާ ކަމަށެވެ. ނޭދޭ ސަބަބަކީ މި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި، ހުރިހާ ބޭފުޅުންނަށް ވެސް ފުރުސަތު އޮންނާނެ، ހުރިހާ ބޭފުޅުންނަށް ވެސް ޖާގަ އޮންނާނޭ ގޮތަކަށް މި ޕާޓީ ބައްޓަން ކުރެވޭނީ ވަކި ކޮޅެއް ނުނަގާ ހުރި، ވަކި މީހެއްގެ، މީހެއްގެ ގޮތުގައި ނެތް މީހެއް ކަމަށްވާތީވެ. މި ޕާޓީގެ މެންބަރުން މި ޕާޓީގެ ޗެއާޕާސަން ކަމަށް ނިއުޓްރަލް މީހަކު ގެންނަން ބޭނުންވާކަން އަޅުގަނޑުމެންނަށް ސާފުވަމުން އެބަދޭ ނަޝީދުގެ ކެމްޕޭނަށް އިޝާރާތް ކުރައްވައި އެގޮތަށް ވިދާޅުވުމަށް ފަހު މީކާއީލް ވަނީ، އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ޓައިމްލައިން ބާތިލުކުރަން ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައާ ގުޅޭ ގޮތުން ވެސް ޚިޔާލު ފާޅުކުރައްވައިފައެވެ. އެއީ ''ވާދަވެރި ޓީމުން'' ހުށަހެޅި މައްސަލައެއް ކަމަށް ވިދާޅުވެ މީކާއީލް ވަނީ ކޯޓަށް އެފަދަ މައްސަލައެއް ވެއްދުމަކީ އެޕްޑީޕީގެ އަސްލު ސިފަތަކާ ވަރަށް އިދިކީލި ކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެގޮތުން، އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެމްޑީޕީއަކީ ވޯޓުން، އިންސާފުން ކަންކަން ނިންމާ އަދި އެމްޑީޕީގެ އާންމު މެންބަރުންނަށް އެ ކަންކަން ނިންމުމުގެ ފުރުސަތު ހުޅުވާލަދޭ ޕާޓީއެއް ކަމަށް ވިދާޅުވިއެވެ. https://sun.mv/221491 "އެހެންކަމުން އަޅުގަނޑު ހަމަ ވަރަށް ހިތާމަކުރަން ޕާޓީގެ އެތެރޭގެ މަސްލަހަތު ނަގާލައި، އަޅުގަނޑުމެންގެ ވާދަވެރި ޓީމުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައި ޕާޓީގެ ތެެރެއިން ނިންމެން ހުރި ގިނަ ކަންކަން ވެސް ކޯޓު މެދުވެރިކޮށް ނިންމަން މަސައްކަތް ކުރަމުންދާތީ،" މީކާއީލް ވިދާޅުވިއެވެ. އޭނާ ވަނީ، ޗެއާޕާސަން އިންތިޚާބު ކުރިއަށްދާންވާނީ މިހާރު އެކުލަވާލައިފައިވާ އުސޫލުތަކާއި ޓައިމްލައިނާ އެއްގޮތަށް ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ