މަސްވެރިންގެ ޕާކުގައި ހެދި ޓޫރިސްޓް ޓާމިނަލް މޫސުން ރަނގަޅުވުމާއި އެކު ހުޅުވާނެ

ޓޫރިސްޓުންނަށް ހާއްސަކޮށްގެން އެމްޑަބްލިއުއެސްސީން މަސްވެރިންގެ ޕާކުގައި ހަދައިދިން ޓާމިނަލް މާލޭ ސިޓީ ކައުންސިލް އާއި ހަވާލުކޮށްފި އެވެ.
މަސްވެރިންގެ ޕާކު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޓާމިނަލް ސިޓީ ކައުންސިލާ ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ. މިއީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން އެމްޑަބްލިއުއެސްސީގެ ސީއެސްއާރު ދަށުން ތަރައްގީކޮށްދިން ޓާމިނަލެކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިފާ ވިދާޅުވީ ފަތުރުވެރިންނަށް ހާއްސަ އެ ޓާމިނަލް ހިނގާނީ ވިޔަފާރި މޮޑެލްއަކަށް ކަމަށެވެ. އެގޮތުން ފަތުރުވެރިން ފާހަނާ ކުރުމާއި، އެކި ފެންވެރޭނެ އިންތިޒާމްވެސް އެތަނުން ލިބިގެންދާނެ ކަމަށެވެ. ޓޫރިސްޓުންނާއި ކްރޫޒްލައިނާތަކުން އަންނަ މީހުންނަށް ހާއްސަކޮށްގެން ޓާމިނަލްގައި ވަނީ އަށް ޕޭ ޓޮއިލެޓް ތަރައްގީކޮށްފަ އެވެ. އަދި އަންހެނުންނަށާއި ފިރިހެނުންނަށާއި އަދި ނުކުޅުދުންތެރިކަން ހުންނަ މީހުންނަށް އެތަން ހާއްސަކޮށްފައިވާ އިރު އެތަނުގައި ރެސްޓްރޫމެއް ވެސް ހުރެ އެވެ.
އޭގެ ސަބަބުން ޓާމިނަލްގެ ހިންގުމުގެ ހަރަދު ނަގަން ނުޖެހޭނެ ކަން ފާހަގަކޮށް ސިފާ ވިދާޅުވީ ލިބޭ އާމްދަނީއަކުން ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދެވޭނެ ކަމަށެވެ. ސަރުކާރުގެ ބެޖެޓަކާއި ނުލާ ތަން ހިންގުމާއި ގުޅޭގޮތުން ސިފާ ވިދާޅުވީ ޓާމިނަލް ފަރުމާކޮށްފައިވަނީ ޓޫރިސްޓު ހަބެއްގެ ގޮތުގައި ކަމަށެވެ.
ޓޫރިސްޓް ޓާމިނަލް ނިންމައި ސިޓީ ކައުންސިލާ ހަވާލުކުރި ނަމަވެސް އެތަން ހުޅުވާނެ ރަސްމީ ތާރީހެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ. އެހެން ނަމަވެސް މޫސުން ރަނގަޅުވިހާ އަވަހަށް އެ މަސައްކަތް ފެށޭވަރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިފާ ވިދާޅުވީ ހިދުމަތްތަކުން ނަގާ ފީ އަދި ކަނޑައަޅާފައި ނުވާކަމަށެވެ. ފީތައް ނެގުމުގެ ކުރިން، ފަތުރުވެރިންނަށް ހިދުމަތްދޭ އެހެން ބައެއް ތަންތަނާއި އެކު މަޝްވަރާ ކުރެވެމުންދާކަން ސިފާ ވަނީ ފާހަގަކުރައްވާފައެވެ. ސިފާ ވިދާޅުވީ ގޮތުން ޕެސެންޖާ ލައިންތަކާއި ރިސޯޓްތަކާއި އަދި ކްރޮސްރޯޑުން ވެސް އަގުތަކާމެދު ގޮތެއް ކަނޑައަޅަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ސިފާވަނީ ޓާމިނަލް ގާއިމްކޮށްފައިވާ މަސްވެރިންގެ ޕާކުވެސް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަން ފާހަގަކުރައްވާފައެވެ.
ފާހާނާ ބަރީގެ އިތުރުން އެ ޓާމިނަލްގައި ޓޫރިސްޓުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދޭނެ އިންތިޒާމްތަކާއި، ގެސްޓް ރިލޭޝަން އޮފީހެއްގެ އިތުރުން ފަތުރުވެރިން މަޑުކޮށްލައިގެން ތިބޭނެ ވަކި ސަރަހައްދުތަކެއް ވަނީ ހަދައިފައެވެ. ޓާމިނަލުން ފްލައިޓު ޝެޑިއުލް އާއި ގެސްޓް ހައުސްތަކުގެ މައުލޫމާތު ލިބެން ހުރުމުގެ އިތުރުން ޓުއާ ގައިޑްގެ ހިދުމަތް ބޭނުން ނަމަ އެކަން ވެސް ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ